ބިންގަރާސް

Sun, 05 May 2024 06:50 AM

View on this article on Mihaaru

ބިންގަރާސް

ބުދަ ދުވަހާ ގުޅޭ

ލޮލުން ފޭދުނު ކަރުނަ، އެ ސިއްރު ރައްކާކުރަން ދިފްލާ ބޭނުންވި ގޮތަށް، ފޮތިގަނޑުގެ ތެރެޔަށް ވަދެ ނިވައިވިއެވެ. ދިފްލާ ބޭނުންވީ އެކަނި އޮވެ ރޯލާށެވެ. އެ ހިތާމައިގައި އެކަކު ވެސް ބައިވެރިކުރާކަށް ދިފްލާ ބޭނުމެއް ނޫނެވެ. ފަހަރެއްގައި ވެސް މީހަކު ހަމުދަރުދީ ވެދާނެތީއެވެ. ކެތްނުވާ ވަރަށް ހިތަށް ތަދުވުމުން އެހެން މީހަކު އެ ހިތާމައިގައި ބައިވެރިކުރުމަކީ ދިފްލާއަށް އިތުރު ހިތާމައެކެވެ. އެ ހެދުން ނުފަހަން ދިފްލާގެ ހިތް ބުނަމުންދާ އިރު، ސިކުނޑި ބުނަނީ ފެހުމަށެވެ. ދިފްލާ ތެދުވިއެވެ. ލޮލުން ކަރުނަ ފުހެލިއެވެ. ކޮޓަރިން ނުކުމެ، މޭޒު ކައިރިޔަށް ގޮސް ހެދުންކަނޑަން ފެށިއެވެ. ދެން ލޮލުން ފޭބި ކަރުނަ ހުއްޓުވާކަށް ދިފްލާ މަސައްކަތެއް ނުކުރެއެވެ. އޮހޮރޭ ވަރަކަށް އޮހޮރެން ދޫކޮށްލީއެވެ. ކަރުނަޔަކަށް ފަހު ކަރުނައެކެވެ. ނޭވަޔަކަށް ފަހު ނޭވައެކެވެ. ހެދުންކަނޑައި ނިމި، ފަހަން އިށީން އިރު ވެސް ދިފްލާގެ ހާލަކީ އެއީއެވެ.

ހާލެއް ގޮވައިލި އަޑު، ދުރުދުރުން އިވުނެވެ. އޭރު އިރުއަރައިފިއެވެ. ކޮފީތަށްޓެއް ހިފައިގެން މޭޒު ކައިރީގައި ދިފްލާ އިނެވެ. ފަހަން ކުރިމަތިލި އެންމެ "އުނދަގޫ" ހެދުމުގެ މަތީބުރި، މޭޒު މަތީގައި އޮތެވެ. ފެހީމައި އޮންނާނެ ގޮތަށް ރާވައިފައެވެ. އެ ހެދުން ލައިގެންހުއްޓައި ދިފްލާއަށް ފެންނަނީ ނަޖްވާނެއް ނޫނެވެ. އެ ވަގުތު ފޯނު ރަނގަބީލުވެގެން ބަލައިލި އިރު ރާއިދުގެ ނަން އަރާފައިއޮތެވެ.

"ގުޑްމޯނިންގް!" ދިފްލާ ފޯނުނެގުމުން ރާއިދު ވަރަށް ޖޯޝާ އެކުގައި ބުންޏެވެ. "ހެދުން ފަހަން ހޭލައެއްނު އިނީ ދޯ؟ ހިނގާ ސަޔެއްބޯލަން ދަމާ!"

"މޯނިންގް! ކިހިނެއް އެނގުނީ އަހަރެން ހޭލާއިންކަން؟" ދިފްލާ އެހިއެވެ.

"ދިފްލާއަށްވުރެ ރަނގަޅަށް އަހަންނަށް ދިފްލާ އެނގޭނެ،" ވަރަށް ޔަގީންކަމާ އެކުގައި ރާއިދު ބުންޏެވެ. "ތި ހިތް މިހާރު ވެސް ފޮތެއްހެން ކިޔާލަފާނަން. ކިޔަންވީތަ؟ އާނއެކޭ ބުނުމުގެ ކުރިން ވިސްނާލާތި! ބޭޒާރުވެދާނެ."

ދިފްލާ ހިތަށްއެރިއެވެ. އެއީ ހަމަ ތެދެއްހެއްޔެވެ؟ ދިފްލާގެ ހިތުގައިވާ ހުރިހައި އެއްޗެއް ރާއިދަށް އެނގިދާނެހެއްޔެވެ؟ ނުވަތަ އެއީ ސަމާސާއެއްހެއްޔެވެ؟

"ބިރުގަތީ ދޯ؟" ސަމާސާ ރާގެއްގައި ރާއިދު ބުންޏެވެ. "އަހަންނާ އެއްކޮށް ބްރޭކްފާސްޓަަކަށް ދާން ކެރޭނެތަ؟ ބަލާދާންވީތަ؟ މަންމަ އޯކޭވާނެތަ؟ ދެވިދާނެ ކާރެއްގަ ވެސް."

"މިހާރު ވެސް މީހުން ކިޔާ އެއްޗެހި މަދުވެގެންތަ ތި އުޅެނީ؟" ޖަވާބުގައި ދިފްލާ ބުންޏެވެ. "ދެވިދާނެ. އެކަމަކު މީރު އެއްޗެއް ކަންޏާ މި ރެސްޓޯރަންޓު މާ ރަނގަޅުވާނެ."

"ތީ މާ ސަޅި އައިޑިޔާއެއް،" ރާއިދު ބުންޏެވެ. "ދޮރު ހުޅުވާ!"

އެ ވަގުތު ދޮރުގައި ޓަކިޖަހައިލިއެވެ. ދިފްލާ އެންމެ ފުރަތަމަ ވެސް ކުރިކަމަކީ ހެދުން ފޮރުވުމެވެ. ރާއިދަށް ކަމެއް އެނގުމަކީ ރާއިދުގެ މަންމައަށް ވެސް އެނގުމެވެ. އެ ދެމައިންގެ މެދުގައި އޮންނަ ގުޅުން ދިފްލާއަށް އެނގެއެވެ. ދޮރު ހުޅުވައިލުމުން ރާއިދު ވަނެވެ. އެކި ދިމަދިމާއަށް ބަލަން ފެށިއެވެ.

"ތި ހޯދާ އެއްޗެއް ނުފެންނާނެ،" ދޮރު ލައްޕަމުން ދިފްލާ ބުންޏެވެ. "ނަޖޫ ބުނީ އެއީ ސަޕްރައިޒްއެކޯ!"

"ހިނގާ އަހަރުމެން ނަޖޫއަށް ސަޕްރައިޒެއް ދެމާ!" ސޯފާގައި އިށީންނަމުން ރާއިދު ބުންޏެވެ. "ތި ދެ މީހުން އިސްކޮޅުން އެއްވަރެއްނު! ހެދުން ނިންމާފަ ދިފްލާ އެ ހެދުންލާފަ، ފޮޓޯއެއްނަގާފަ ނަޖޫއަށް ފޮނުވާ! ކެރޭނެތަ؟"

ހިތުގެ މެދުން ވަޅިހިންގައިލުމާއެކު އަތްތިލަބަޑީގެ އަޑު ތަނަށް ފެތުރިގެންދިޔައެވެ. ހިތުގެ ބައްޓަމަށް ހަދާފައިވާ ކޭކުގައި ވިހި އުއްބައްތި ހުއްޓެވެ. ކޭކުގެ ފުރަތަމަ ފޮތި ނަޖްވާން ދިނީ ރާއިދަށެވެ. އެ ތަނުގައި ދެން ހުރީ ނަޖްވާންގެ ކޮއްކޮ މެހެރީންއެވެ. ރާއިދުގެ ގެއަށް ދިފްލާއާއި ޔަމާނީއަށް ވަދެވުނު އިރު ކޭކުފަޅައި ނިމިއްޖެއެވެ. ދިފްލާ އަތުގައި އޮތް، ހުދު ލިލީމަލުގެ މާބޮނޑި ނަޖްވާނަށް ދިއްކޮށްލަމުން، ހިނިތުންވެލާފައި އުފަންދުވަހުގެ ތަހުނިޔާކިޔެވެ.

"ތެންކިޔޫ! މައި ފޭވަރިޓް!" ނަޖްވާން ބުންޏެވެ. "ކިހިނެއް އެނގުނީ؟ ރާއިދު ދޯ ބުނީ؟"

އެ ވަގުތު ޔަމާނީ ވެސް ނަޖްވާނަށް ތަހުނިޔާކިޔެވެ. ނަޖްވާން ތަހުނިޔާ ބަލައިގަތެވެ.

"އަސްލު ތެދަށް ބުނަން؟" ދިފްލާ ބުންޏެވެ. "އަހަރެން ހަމަ ގެސްކުރީ. ކުރީ ދުވަހަކު ރާއިދު އުޅުނު މީގެ މާތަކެއް ހިފައިގެން އެއަށް ހަދާނެ ގޮތެއް ނޭނގިގެން. އަހަންނަށް ދޭން ވެސް އުޅުނޭ!"

"ދިފްލާއަށް އޭނަ ނުދޭނެ އެއްޗެއް ނޯންނާނެ،" މާ ބޮޑު ވިސްނުމެއް ނެތި ނަޖްވާން ބުނެލިއެވެ. "ކޭކު ކާނަން؟ މީ ވަރަށް ނައިސް ކޭކެއް. ހަމަ ހީވާނީ އަނގަތެރެއަށް ޗޮކްލެޓް އެކްސްޕްލޯޑްވާހެން."

މޫނުމަތިން އަސަރު ފާޅުނުކުރި ނަމަވެސް ދިފްލާގެ ހިތުގައި ހީވީ ވިކައިލިހެންނެވެ. އެ ވަގުތު ކޭކުކޮޅެއް ކާލެވުނުކަން އެއީ ދިފްލާގެ ނަސީބެވެ. ޗޮކުލެޓުގެ މީރު ރަހައިން ދިފްލާގެ ނުތަނަވަސްކަން ކުޑަކުރުވިއެވެ. ސިކުނޑިއަށް ލުއިވިއެވެ.

"ވަރަށް ޗޮކްލެޓީ ދޯ؟" ނަޖްވާން އެހިއެވެ.

"ވަރަށް ވަރަށް ފްރުޓީ!" ދިފްލާ ބުންޏެވެ. "ލިޕްސްޓިކެއް މިހާ ފޮނިވީމަ ސަކަރާތް."

ދިފްލާއާއި ޔަމާނީ ތިބީ ޔަމާނީގެ ކޮޓަރީގައެވެ. ލޯގަނޑު ކައިރީގައެވެ. ދިފްލާ އަތުގައި ލިޕުސްޓިކެއް އޮތެވެ. އެއީ ޔަމާނީއަށް މާ ކަމުގޮސްގެން ގަތް މޭކަޕުސެޓެއްގައި އޮތް ލިޕުސްޓިކެކެވެ.

"އައި ލަވް އިޓް!" ވަރަށް ގަޔާވެލާފައި ޔަމާނީ ބުންޏެވެ. "ކުލަޔާ އެއްވަރަށް ޓޭސްޓް ވެސް ސަޅިވާންޖެހޭނެ. ކުލަޔޭ ބުނީމަ މި ހަނދާންވީ! އަހަރެން އެއްޗެއް އަހާލަންތަ؟ ރާއިދަކީ ދޮންތަގެ ކްރަޝްއެއްތަ؟"

"ވަޓް؟" ހައިރާންވެފައި ދިފްލާ އެހިއެވެ. "މާނީ ތިހެން ހިތަށްއެރީތީ ވެސް އަހަރެން މިހިރީ ޝޮކްގަ. އޭނައަށް ޓްވެންޓީ ވަންކަން ނޭނގެ މިހާރު. އަހަންނަށް ފިފްޓީން. ޖަސްޓް ފިފްޓީން. މާނީ ވެސް ބުނީމެއްނު އެހެން."

"ބުނީމޭ! އަހަރެން ހަނދާން ވެސް އެބަހުއްޓޭ!" ޔަމާނީ ބުންޏެވެ. "އެކަމަކު، ކޭކު ފެޅި ތަނުގަ ނަޖޫ ކޮންމެވެސް އެއްޗެކޭ ބުނީމަ ދޮންތަގެ މުޅި ފޭސް ހަމަ އެއްކޮށް ބްލަޝްވީ!"

"ބްލަޝްވީޔޭ؟" ދިފްލާއަކަށް ގަބޫލެއް ނުކުރެވުނެވެ. ކަންބޮޑު ވެސް ވިއެވެ. އަދި ނޭނގިފައި ބުންޏެވެ. "ރިއަލީ؟ ކީކޭ ނަޖޫ ބުނީ؟"

ޔަމާނީ ވަގުތުން ދިފްލާގެ ކޮނޑުގައި ހިފައި ލޯގަނޑާ ދިމާއަށް އަނބުރައިލިއެވެ.

"ފެނޭތަ ދޮންތަ ސީރިޔަސްވެފަހުރި ވަރު؟" ޔަމާނީ ސުވާލުކުރިއެވެ.

އެއީ ތެދެކެވެ. ދިފްލާގެ މޫނުން ނޭފަތް ފިޔަވައި، އެ ސިއްރު ބޭޒާރުނުކުރާ އެންމެ ގުނަވަނެއް ވެސް ނެތެވެ. ވީމާ، އަމިއްލަ ނަފުސަށް ނުބަލަންވެގެން ދިފްލާ އަނެއްކާ ވެސް ޔަމާނީއާ ދިމާއަށް އެނބުނެވެ.

"ހަނދާންވެއްޖެ!" ކުއްލިއަކަށް ހަނދާންވީމައި ބުނާ ކަހަލަ ގޮތަކަށް ޔަމާނީ ބުންޏެވެ. "ދޮންތަ ބުނެފިއްޔާ ކޮންމެ އެއްޗެއް ވެސް ރާއިދު ދޭނޭ، އެ ކަހަލަ އެއްޗެއް ނަޖޫ ބުނީ."

"މާނީ! ރާއިދަކީ އަހަރެންގެ ފްރެންޑެކޭ!" ޔަގީންކަންދޭ ރާގެއްގައި ދިފްލާ ބުންޏެވެ. "ޖަސްޓް އަ ފްރެންޑް! ކީއްވެގެންތަ މީހުންނަށް ހީވަނީ އަހަރެން ވާހަކަދައްކާ ކޮންމެ މީހަކީ އަހަރެންގެ ބޯއިފްރެންޑޭ؟ އަންހެނަކަށް ފިރިހެނެއްގެ ފްރެންޑަކަށް ނުވެވޭނެތަ؟"

"ދޮންތަ ހަނދާން އެބަހުރިތަ ރަޔާން؟" ޔަމާނީ އެހިއެވެ. "އަހަރެން ވެސް ހީކުރީ އެއީ ފްރެންޑެއްކަމަށޭ! ދުވަހަކު ވެސް ހިތަކަށްނާރާ އެއީ އަހަރެންގެ ކްރަޝްއަކަށްވާނެއެކޭ! އެކަމަކު ވީނު. އަހަރެން ވެސް އެއްބަސް އަންހެނުންގެ ފިރިހެން ފްރެންޑްސް ތިބޭކަން. ފިރިހެނުންގެ އަންހެން ރައްޓެހިން ވެސް ތިބޭނެ. އެއީ ހަމަ ނެޗްރަލްކަމެއް. އެކަމަކު ލަވް އެންޑް ރައްޓެހިކަން އެއީ ޓްވިންސް. ފީލިންގްސްތައް ވަރަށް، ވަރަށް އެއްގޮތްވާނެ. ކެއާކުރެވޭނެ، ޝެއާކުރެވޭނެ. ބޭނުން އިރަކު ގުޅާލެވޭނެ، މީޓްކުރެވޭނެ. އެއީ ވަރަށް ހިތްހަމަޖެހޭ އެކަމަކު ވަރަށް ބިރުވެރިކަމެއް. އެއްވެސް ސީކްރެޓެއް ދޮންތަ ޝެއަރކުރަން ބޭނުމިއްޔާ އަހަންނާ ކޮށްބަލަ!"

"ރާއިދަކީ ހަމަ ފްރެންޑެކޭ!" ދިފްލާ ބުނެލިއެވެ.

"ރިޕީޓްކޮށްލާނަން! ޖަސްޓް އަ ފްރެންޑް!" ރާއިދު ބުންޏެވެ.

ރޭގަނޑުގެ ވަގުތެވެ. ރާއިދާއި ނަޖްވާން ތިބި ސައިކަލު، މާލޭ ދެކުނު ފަރާތުގައި އޮންނަ ފަތާފެންގަނޑު ހުރަސްކުރިއެވެ. އެ ތަނުގައި ސަކަރާތްޖަހަން ތިބި ކުދިންގެ ތެރެއިން ކުއްޖަކު ނިކަން ބާރަށް ހީނގަތްއަޑު، ރާއިދުގެ އަޑާ އެކުވެގެންދިޔައެވެ.

"ކީއްވެ ހަމަ ކުއްލިއަކަށް ދިފްލާއަކީ ފްރެންޑެއްހޭ ތި އެހީ؟" ރާއިދު ސުވާލުކުރިއެވެ. "އޭނަގެ ވާހަކައެއް އަހަރުމެން ނުވެސް ދައްކަމެއްނު! އަނގަތަޅާފަ އެހެން އުޅުނަކަސް އެއީ ކުޑަކުޑަ ކުއްޖެކޭ! މެހެރީނަށް ސޯޅައެއްނު! އޭނައަށް ވުރެ ވެސް ޔަންގްވާނެ."

"އެނގެޔޭ!" ނަޖްވާން ބުންޏެވެ. "އެކަމަކު މަންމަ ހީވަނީ މޮޔަވެގެން އުޅޭހެން. ދިފްލާ އުޅެނީ ރާއިދާ އަޅައިގަނެގެންނޯ! ވެޑިންޑްރެސް ފަހަން ކޮންމެހެން ކީއްކުރަންހޯ އޭނަ އަތަށްދިނީ؟ ބޭރުން ވެސް ގެނެވުނީހެއްނޫންހޯ!"

"ދެން ކީކޭ ނަޖޫ ބުނީ؟" ރާއިދު އެހިއެވެ.

"ކީކޭތަ ބުނާނީ؟" ނަޖްވާން ބުންޏެވެ. "މަ ބުނީ ރީތިކޮށް ފަހާތީ ނޫންހޭ ދޭނީ. މަންމަގެ ކޮންމެވެސް ފްރެންޑެއްގެ ދަރިޔެއް އޮންލައިންކޮށް އޯޑަރުކޮށްގެން ހެދުން ގެނައީ. ނުވެސް ލެވުނު. އަނެއްކާ ޖެހުނީ މީހަކު ލައްވާ ފައްސަން. އެ ވާހަކަ ވެސް ބުނިން. ދެން ބުނީ މާލޭގަ ދިފްލާ އެކަނިހޯ ވެޑިންޑްރެސް ފަހަނީ؟ ބޯހަލާކު!"

ރާއިދު ސައިކަލު މަގުގެ އެއްފަރާތަކަށް މަޑުކުރިއެވެ. ސައިކަލުން ފޭބިއެވެ. ނަޖްވާން އިނީ ސައިކަލުގައި އިށީނދެލައިގެންނެވެ.

"ނަޖޫ ގަބޫލުކުރަންތަ ދިފްލާއަކީ އަހަރެންގެ ފްރެންޑެއްކަން؟" ރާއިދު އެހިއެވެ.

"ޔޭސް!" ނަޖްވާން ބުންޏެވެ.

"ނަޖޫ ބޭނުންތަ ދިފްލާ ފަހާ ޑްރެސް ކެންސަލުކޮށްފަ ބޭރުން ހެދުމެއް ގެންނަން؟" ރާއިދު ވަރަށް ސާފުކޮށް އެހިއެވެ.

"ނޯ!" ނަޖްވާން އިންކާރުކުރިއެވެ. "އެ ޑްރެސް ނުލާހިކު ލޯބި. ދިފްލާގެ ފެހުން ނުލާހިކު ނީޓް!"

"ތިޔަވީ!" އަލުން ސައިކަލަށް އަރަމުން ރާއިދު ބުންޏެވެ. "މިރޭ ހިނގާބަލަ ސީފުޑެއް ކާލަމާ! ރެސްޓޯރަންޓެއްގެ ނަން ކިޔާ!"

ކާނިވާ ސަރަހައްދުގައި ހުންނަ "ސިޓްރޯން" ރެސްޓޯރަންޓަށް ޓެކުސީ މަޑުކޮށްލުމާއެކު ފާއިޒާއާއި ނަސީމު ކާރުން ފޭބިއެވެ. އޭރު ވެސް ފާއިޒާގެ ތުންކޮޅު ހުރީ ދިގުވެފައެވެ. ކައިވެނީގެ ހަފުލާ އޭރު އަދި ނުފެށެއެވެ.

"ދެން ތި މޫޑު ރަނގަޅުކޮށްބަލަ!" މަޑުމަޑުން ނަސީމު ބުންޏެވެ.

"މަ ހަމަ ބުނާނީ އެ ނަޖްވާން ގަސްތުގަ އަހަންނަށް ހެދުން ނުދެއްކީއޭ!" ހިތްހަމަނުޖެހިފައިވާ ރާގެއްގައި ފާއިޒާ ބުންޏެވެ. "ހުރެބަލަ ނިކަން.

"ހެދުން ކޮންމެ ފާޑަކަށް ހުއްޓަސް ފާއިޒާ އެއްޗެއް ނުބުނާތި!" މަޑުން ނަމަވެސް ނަސީމު ކުރީ އަމުރެކެވެ. "އެ ތިބަ އަންނަނީ ދެކުދިން."

ނުނިމޭ





More from Mihaaru