އޮސްޓްރޭލިއާގެ މައުރަޒެއްގައި ރާއްޖޭގެ ހިރިގަލުގެ އުފެއްދުންތައް

Thu, 25 Apr 2024 02:44 PM

View on this article on Mihaaru

އޮސްޓްރޭލިއާގެ މައުރަޒެއްގައި ރާއްޖޭގެ ހިރިގަލުގެ އުފެއްދުންތައް

އޮސްޓްރޭލިއާގެ ސިޑްނީގައި ބާއްވާ ބޮޑު މައުރަޒެއްގައި ރާއްޖޭގެ ހިރިގަލުގެ އުފެއްދުންތައް ދައްކާލަން ހަމަޖެހިއްޖެ އެވެ.

"ޓެން ތައުޒަންޑް ސަންސް" ގެ ނަމުގައި އަންނަ ޖޫން މަހުގެ 10 ގެ ނިޔަލަށް ސިޑްނީގައި ބާއްވާ 24 ވަނަ ބިއަނާލޭ އެކްޒިބިޓްގައި ހިރިގަލުން އުފައްދާފައިވާ އެކި ބާވާތްތައް ދައްކާލުމަށްވަނީ ހަމަޖެހިފައި އެވެ.

"އަޅުގަނޑު އެ މީހުންނާ ސުވާލު ކުރިން އަޅުގަނޑުމެން ޝޯޓްލިސްޓް ކުރެވުނީ ކީއްވެގެންތޯއޭ. އެ މީހުން ބުނީ ގްލޯބަލް އާޓްގެ އާންމު އިންތަކުގެ ބޭރުން ދިރާސާކުރާ ކަމަށް. އާކިޓެކްޗާއަކީ މި އާޓް ފޯމްތަކުގެ ތެރެއިން އެއް އާޓް ފޯމުގެ ގޮތުގައި ބަލާ ކަމަށް،" ރާއްޖޭގެ ތަޖުރިބާކާރު އާކިޓެކްޓް އަދި ކުރީގެ މިނިސްޓަރު މައުރޫފް ޖަމީލް ވިދާޅުވި އެވެ.

މައުރޫފަކީ އެތަކެއް އަހަރެއް ވަންދެން ރާއްޖޭގެ ބިނާތަކުގެ ތާރީހު ދިރާސާ ކުރައްވާފައިވާ ބޭފުޅެކެވެ. މައުރޫފާ އެކު، މި މައުރަޒުގައި ރާއްޖެ ތަމްސީލުކުރުމަށް ބައިވެރިވަނީ ރާއްޖޭގެ އާސާރީ ބިނާތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ތަޖުރިބާކާރެއް ކަމަށްވާ ހަމްޝާ ހުސެއިން އެވެ.

މި މައުރަޒު އިންތިޒާމުކުރާ ފަރާތްތަކަށް ހިރިގަލުގެ އާކިޓެކްޗާއާ ގުޅޭގޮތުން މައުރޫފް ކޮށްފައިވާ މަސައްކަތްތައް ފެނިގެން، މި އަހަރުގެ ބިއަނާލޭ އެކްޒިބިޓުގައި އެ އުފެއްދުންތައް ދައްކާލަން ބޭނުންވީ އެވެ.

"މި ފަންނަށް ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރެވުމަކީ ވަރަށް ބޮޑު ޝަރަފެއް. މިފަހަރު އަޅުގަނޑު މެދުވެރިކޮށް، އެކަމަކު އަޅުގަނޑުމެންނަށް ފެންނަނީ ޒުވާން ފަންނާނުންވެސް މި ކަން އެކި ގޮތްގޮތަށް އެ މީހުންގެ އުފެއްދުންތަކުގައި ބޭނުންކުރާތަން. ހިރިގަލުގެ ފަންނާއި އާސާރީ ބިނާތަކުގެ ސަގާފީ މުހިންމުކަން ފާހަގަކުރުމަކީ ވަރަށް ވެސް މުހިންމު ކަމެއް،" މައުރޫފް ބުންޏެވެ.

މި މައުރަޒުގައި ބައިވެރިކޮށްފައިވާ އުފެއްދުންތަކުން ހިރިގަލުން މީގެ ގަރުނުތަކެއް ކުރިން ހަދާފައިވާ މިސްކިތްތަކާއި ގަބުރުސްތާނުތަކުގައި، އެ ޒަމާނުއްސުރެ ދިވެހިންގެ ހުނަރު ދައްކުވައިދެ އެވެ.

މި މައުރަޒުގައި ހިރިގަލުގެ ތާރީހީ އުފެއްދުންތައް ދައްކާލުމުގެ އިތުރުން، "ގަދީމީ ކަލެކްޝަން"ގެ މުހައްމަދު އިމްރާންގެ ހިރިގަލުގެ ފަންނުގެ ޒަމާނީ ތަފްސީރެއް ވެސް ވަނީ ހިމަނައިފަ އެވެ.

"މިއީ މީގެ ކުރިން ސަގާފީ ގޮތުން މަހާނަތަކާއި އެފަދަ ބިނާތަކުގައި ބޭނުންކުރި ފަންނެއް. އަޅުގަނޑު މި ކުރާ ކަމަކީ، ގަސްމުށި ފަދަ ޒީނަތްތެރިކުރުމަށް ބޭނުންކުރާ ޒަމާނީ ތަކެއްޗަށް މި ފަންނު ތައާރަފް ކުރުން،" އިމްރާން ބުންޏެވެ.

ސިޑްނީ ބިއަނާލޭ އަކީ 1973 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މައުރަޒަކެވެ. މި މައުރަޒުގައި މިހާތަނަށް ތަފާތު 100 ގައުމަކުން 2،000 އަށް ވުރެ ގިނަ ފަންނާނުންގެ އުފެއްދުންތައް ދައްކާލާފައިވެ އެވެ.





More from Mihaaru