ކުށް ސާބިތު ނުވުމުން ވީޑިއޯ ރިޕޯޓް ހަދާތީ ހައި ކޯޓުގެ ފާޑުކިޔުން ޕީޖީއަށް

Thu, 25 Apr 2024 02:27 PM

View on this article on Mihaaru

ކުށް ސާބިތު ނުވުމުން ވީޑިއޯ ރިޕޯޓް ހަދާތީ ހައި ކޯޓުގެ ފާޑުކިޔުން ޕީޖީއަށް

ޖިނާއީ ބޮޑެތި މައްސަލަތަކުގައި ދައުލަތުން ހެކި ހުށަނާޅާ ތިބެ، ކުށް ސާބިތު ނުވުމުން އެ މައްސަލައެއްގެ ވީޑިއޯ ރިޕޯޓްތައް ހަދައިގެން ދައުލަތުން އާންމު ކުރާތީ ހައި ކޯޓުގެ ފަނޑިޔާރުން ދައުލަތަށް އިއްޔެ ފާޑު ވިދާޅުވެއްޖެ އެވެ.

ދައުލަތުން އެގޮތަށް ބުނެފައިވަނީ މަސްތުވާތަކެތި ގެންގުޅުނު މައްސަލައެއްގައި ކުށް ސާބިތުވި މީހެއްގެ މައްސަލަ އެ މީހާގެ ފަރާތުން އިސްތިއުނާފް ކުރި މައްސަލައިގަ އެވެ. އެ މައްސަލާގައި މަސްތުވާތަކެތި ގެންގުޅޭ ކަމުގެ އިންޓެލިޖެންސް މައުލޫމާތު ފުލުހުންނަށް ލިބިފައި ވިޔަސް އެ ރިޕޯޓް ކޯޓަށް ހުށަހަޅާފައެއް ނުވެ އެވެ.

ހައި ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމުގައި، އެ މައްސަލާގައި މަސްތުވާތަކެތި ގެންގުޅޭ ކަމުގެ އިންޓެލިޖެންސް މައުލޫމާތު ފުލުހުންނަށް ލިބުނު ކަމަށް ބުނާއިރު، އިންޓެލިޖެންސް ރިޕޯޓް ހެކީގެ ގޮތުގައި ހުށަނޭޅި ސަބަބާ ބެހޭގޮތުން ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ދައުލަތުން ބުނީ އެ ބާވަތުގެ މައްސަލަތަކުގައި އިންޓެލިޖެންސް ރިޕޯޓް ހެއްކެއްގެ ގޮތުގައި ހުށަނާޅާ ކަމަށެވެ.

އެގޮތަށް ބުނުމުން، ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެ ހާލަތުގައި ހެއްކެއްގެ ގޮތުގައި ހުށަނާޅާ އެއްޗެއް ހެއްކެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށެވެ. އަދި ކުށް ސާބިތު ނުވުމުން ދައުލަތުން ވީޑިއޯ ރިޕޯޓް ހަދާނީ ނޫން ކަމަށް ބެންޗުން ވިދާޅުވި އެވެ.

"ފަނޑިޔާރުންނަށް އޮންނާނެ ގޮތަކީ ތި ބޭފުޅުން ހެއްކެއްގެ ގޮތުގައި ބޭނުން ނުކުރާ އެއްޗެއް ބޭނުމެއް ނުކުރުން ނޫންތޯ. ދެން މައްސަލަ ސާބިތު ނުވީމަ ތި ބޭފުޅުން ގޮސް ވީޑިއޯ ރިޕޯޓެއް ނޫނެއް ނޫންތޯ ހަދާނީކީ،" ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މުހައްމަދު ނިޔާޒް ވިދާޅުވި އެވެ.

ހައި ކޯޓުން އެގޮތަށް ބުނެފައިވާއިރު، ރާއްޖެ އެތެރެކުރި 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ކުށް ދައުވާލިބޭ ގިނަ ބައެއްގެ މައްޗަށް ކުށް ސާބިތު ނުވުމުން ފުލުހުން ވަނީ ޕްރެސް ކޮންފަރެންސެއް ބޭއްވުމަށް ފަހު އެ މައްސަލާގައި ލިބިފައިވާ ހެކިތައް އާންމުކޮށްފަ އެވެ.

އެ މައްސަލާގައި ކްރިމިނަލް ކޯޓުން ވަނީ ފުލުހުންގެ އޮފިސަރުންތަކަކާއި ހޯމް މިނިސްޓަރު އަލީ އިހްސާން ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި މައްސަލަ އެޖެންޑާކުރި އެވެ. އަދި އެ މައްސަލާގައި ހޯމް މިނިސްޓަރާއި ފުލުހުންނާ އެކު މަޝްވަރާކުރަން އެ ކޯޓުން ވަނީ ނިންމައިފަ އެވެ.





More from Mihaaru