ހަމައެކަނި ދިވެހިންނަށް ގަނެވޭ ގޮތަށް ތިލަފުށިން ބިން ވިއްކަނީ

Thu, 25 Apr 2024 02:22 PM

View on this article on Mihaaru

ހަމައެކަނި ދިވެހިންނަށް ގަނެވޭ ގޮތަށް ތިލަފުށިން ބިން ވިއްކަނީ

ބިދޭސީންނަށް ތިލަފުށިން ބިން ގަނެވޭ ގޮތަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެންގުޅުނު އުސޫލު ބަދަލުކޮށް، ހަމައެކަނި ދިވެހިންނަށް ގަނެވޭ ގޮތަށް، ސިނާއީ ބޭނުމަށް ތިލަފުށިން ބިން ވިއްކަން ހުޅުވާލަން އެޗްޑީސީން ނިންމައިފި އެވެ.

އެ ކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ހަމައެކަނި ދިވެހިންނަށް ބިން ގަނެވޭ ގޮތަށް ކަނޑައަޅައި، ތިލަފުށިން ބިން ވިއްކަން ހުޅުވާލުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

ސިނާއީ މަސައްކަތްތައް ކުރުމަށާއި ވިޔަފާރިގެ ތަފާތު ބޭނުންތަކަށް އަމާޒުކޮށްގެން ތިލަފުށިން ބިން ވިއްކުމަށް ހުޅުވާލަނީ މާލޭ ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކަށް ފަހި މާހައުލެއް ގާއިމް ކޮށްދިނުމަށާއި ވިޔަފާރި ހަރަކާތް ހިންގުމުގެ ދާއިމީ ފުރުސަތު ހޯދައިދިނުމުގެ ބޭނުމުގައި ކަމަށް އެޗްޑީސީން ބުންޏެވެ.

"ތިލަފުށިން ބިން ވިއްކުމަށް އަލުން ހުޅުވާލާއިރު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެހެމެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރުމަށް ފުރުސަތު ހޯދައިދިނުމަށް މި ކޯޕަރޭޝަނުން އިސްކަންދޭނެ އެވެ. އެގޮތުން އެފަދަ ވިޔަފާރިތަކަށް އިތުރު ފުރުސަތު ހޯދައިދިނުމަށް އެކަށީގެންވާ އަގުތަކެއްގައި ބިން ދޫކުރުމަށް މި ކޯޕަރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ،" އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނީ ތިލަފުށީގައި ބިން ބޭނުންކުރެވޭ ނިސްބަތަށް ބަލައި އިތުރު ބިން ކުއްޔަށް ދޫކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށެވެ.

ތިލަފުށިން ހިއްކާފައިވާ ސަރަހައްދު: ހަމައެކަނި ދިވެހިންނަށް ގަނެވޭ ގޮތަށް ތިލަފުށިން ބިން ވިއްކަން ވަނީ ނިންމައިފައި.-- ފޮޓޯ: އެޗްޑީސީ

ތިލަފުށި ފޭސް 2 އިން ދިވެހިންނަށް ބިން މިލްކު ކުރެވޭ ގޮތަށް އަދި ބިދޭސީންނަށް 99 އަހަރަށް ބިން ކުއްޔަށް ނެގޭ ގޮތަށް އެޗްޑީސީން މިދިޔަ މަހު އިއުލާނެއް ކުރި އެވެ. ނަމަވެސް ބިދޭސީންނަށް ދިގު މުއްދަތަކަށް ބިން ކުއްޔަށް ދޭ ގޮތަށް އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން އެކަމަށް އަމާޒުވުމުން ވަނީ އެ އިއުލާން ބާތިލުކޮށްފަ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވަނީ ބިދޭސީންނަށް 99 އަހަރަށް ތިލަފުށިން ބިން ކުއްޔަށް ދޫކޮށްފަ އެވެ. އެ މައްސަލައިގައި ވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އެކަމަކު ފާޑުކިޔުންތައް ހުއްޓަސް އޭރުގެ ސަރުކާރުން ވަނީ ބިދޭސީންނަށް ބިންތައް ވިއްކައިފަ އެވެ.

ކުރީގެ ސަރުކާރުގެ ދުވަސްވަރު ތިލަފުށިން ބިދޭސީންނަށް ބިން ވިއްކަން ނިންމި މައްސަލަ ހުއްޓުވަން މިހާރު ސަރުކާރު ހިންގާ ފަރާތްތަކުން ނުވަތަ އޭރުގެ އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލިހުގެ ތެރެއިން މަސައްކަތް ކުރުމުން އެ ކަން ވެސް ކާމިޔާބެއް ނުވި އެވެ. އެއީ މަޖިލިހުގައި އޮތީ އޭރުގެ ސަރުކާރު ނުވަތަ އެމްޑީޕީގެ ބާރު ކަމަށް ވާތީ އެވެ.

ކުރީ ސަރުކާރުން ވަނީ އިންޑަސްޓްރިއަލް ހަބެއްގެ ގޮތުގައި ތިލަފުށި ތަރައްގީކުރަން ނިންމައި މާސްޓަޕްލޭނެއް ވެސް އެކުލަވާލައިފަ އެވެ. އެ މާސްޓަޕްލޭންގެ ދަށުން މިހާރު ވަނީ ތިލަފުށިން 151 ހެކްޓަރުގެ ބިން ހިއްކައިފަ އެވެ.





More from Mihaaru