"ޕްލާސްޓިކާ ނުލާ" އިވެންޓް ހޯމަ ދުވަހު ބާއްވަނީ

Thu, 25 Apr 2024 01:52 PM

View on this article on Mihaaru

"ޕްލާސްޓިކާ ނުލާ" އިވެންޓް ހޯމަ ދުވަހު ބާއްވަނީ

ސިންގަލް ޔޫޒް ޕްލާސްޓިކް ބޭނުންކުރުން ހުއްޓުވުމަށް ހިތްވަރުދީ، އަހުލުވެރިކުރުވުމަށް މުނި ފައުންޑޭޝަނާއި ފުށިފަރު މޯލްޑިވްސް ގުޅިގެން ބާއްވާ "ޕްލާސްޓިކާ ނުލާ" އިވެންޓު ހޯމަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

އެއް ފަހަރު ބޭނުންކުރާ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓުވުމަށް ގޮވާލާ، އެ ކަމަށް އަހުލުވެރިކުރުވުމަށް ބާއްވާ މި އިވެންޓު އޮންނާނީ ހޯމަ ދުވަހުގެ ހަވީރު 4:30ގައި ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. މި އިވެންޓް ފެށުމުގެ ގޮތުން އެ ދުވަހު ހެނދުނު ސެންޓްރަލް ޕާކު ކައިރީގައި އޮންނަ ޖެޓީ ސަރަހައްދު ސާފުކުރުމުގެ ހަރަކާތެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ސަރުކާރުގެ މުއައްސަސާތަކާއި ރާއްޖޭގެ އެކި ކުންފުނިތަކާއި ގުޅިގެން ބާއްވާ މި އިވެންޓަކީ ދުނިޔޭގައި ޕްލާސްޓިކް ޕޮލިއުޝަންގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވުމުން ވަކިވަކި ފަރުދުންނާއި ކުންފުނިތަކާއި އިދާރާތަކުން އެއް ފަހަރު ބޭނުންކޮށް އެއްލާލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓުވުމަށް ގޮވާލައި ހިތްވަރު ދިނުމެވެ. އަދި ސަސްޓެއިނަބަލް ދިރިއުޅުމެއް ބިނާކުރެވޭނެ ގޮތްތައް އަންގައިދީ ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށް އަހުލުވެރިކުރުވުމަކީ ވެސް މި އިވެންޓުގެ މަގުސަދެކެވެ.

މި އިވެންޓުގައި އެއް ފަހަރު ބޭނުން ކުރާ ޕްލާސްޓިކުން ލިބޭ ގެއްލުންތަކާއި މެދު އަހުލުވެރިކުރުވުމަށް އެކި ހަރަކާތްތައް ކުރިއަށް ދާނެ އެވެ. އަދި އެއް ފަހަރު ބޭނުން ކުރާ ޕްލާސްޓިކުގެ ބަދަލުގައި ތިމާވެއްޓާއި ރައްޓެހި ގޮތްތައް ކިޔައިދީ، އެ ފަދަ ތަކެތި ބޭނުންކުރުމަށް ހިތްވަރުދޭ އިނިޝިއޭޓިވްތައް ކުރިއަށް ދާނެ އެވެ.

މި އިވެންޓުގައި ފުށިފަރު މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު އަހުމަދު ސިއާރު އާއި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ އާއި އެޓޯލް މެރިން ކޮންޒަވޭޝަން ސެންޓަރުގެ މެރިން ބަޔޮލޮޖިސްޓް ލޮރައިން އަލްޑްރިޖް އާއި ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް ވާހަކަ ދައްކަވާނެ އެވެ.

މި އިވެންޓު އިންތިޒާމްކުރާ ފުށިފަރު މޯލްޑިވްސް އަކީ ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމާއި ކާބަން ފުޓްޕްރިންޓު ކުޑަކުރުމަށް ގިނަ ގްރީން އިނިޝިއޭޓިވްތަކެއްގައި ބައިވެރިވެ އަމަލުކުރަމުންދާ ރިސޯޓެކެވެ. މި ރިސޯޓުން އެއް ފަހަރު ބޭނުން ކުރެވޭ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލާފައިވާއިރު، ކެއްކުމުގައި ވެސް ސަސްޓެއިނަބިލިޓީ ގެންގުޅުމުގެ ގޮތުން "ޝެފްސް ގާޑަން"ގެ ނަމުގައި ކެއްކުމަށް ބޭނުންވާ ގިނަ ތަކެތި ލިބޭނެ ގަސްތައް ވަނީ ހައްދައިފަ އެވެ. އަދި މި ރިސޯޓުން މުރަކަތައް ހިމާޔަތްކުރުމަށް ކޮރަލް ޕްރޮޕަގޭޝަން ޕްރޮޖެކްޓެއް ވެސް ދަނީ ހިންގަމުންނެވެ.

ފުށިފަރު މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު އަހުމަދު ސިއާރު ވިދާޅުވީ މި އިވެންޓަކީ ރާއްޖޭގައި ޕްލާސްޓިކް ޕޮލިއުޝަން ހުއްޓުވުމަށް މި އަހަރު ބާއްވާ އެންމެ ބޮޑު އެއް ހަރަކާތަށް ވާނެ ކަމަށެވެ. އަދި އަހަރުމެންގެ ދުނިޔެ ރައްކާތެރިކުރުމަށް ކުރާ މި މުހިންމު މަސައްކަތްކަތުގައި ގިނަ ބައެއްގެ އެއްބާރުލުން ލިބެމުންދާ ކަމަށާއި މި ފަދަ މަސައްކަތެއްގައި ގިނަ ބައެއްގެ އެއްބާރުލުން ލިބުމަކީ އުފާކުރާ ކަމެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.

މި އިވެންޓު އިންތިޒާމްކުރާ މުނި ފައުންޑޭޝަން އަކީ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމުގައި މުހިންމު މަސައްކަތްތަކެއް އަދާކުރަމުންދާ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ އަމާޒަކީ މިހާރު ކުރިމަތިވެފައިވާ މޫސުމީ މައްސަލަތަކުގެ ސަބަބުން ތިމާވެއްޓަށް ކުރިމަތިވާ ނުރައްކާތައް ކުޑަކޮށް، ގުދުރަތީ އިކޯސިސްޓަމް ރައްކާތެރިކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމެވެ.

"ޕްލާސްޓިކްއާ ނުލާ" އިވެންޓުގެ ގޯލްޑް ސްޕޮންސަރަކީ އުރީދޫ މޯލްޑިވްސް އެވެ. މި އިވެންޓުގެ ބްރޮންޒް ސްޕޮޮންސަރަކީ ލަ ލިންކާ އާއި ޓީއެމްއޭ އެވެ. މި އިވެންޓަކީ އެޗްޑީސީ އާއި ޕާލޭ އަދި އައިލެންޑް ޗީފްގެ އެއްބާރުލުމާއި އެކު ބާއްވާ އިވެންޓެކެވެ.





More from Mihaaru