ޒަކާތު ފަންޑުން މިދިޔަ މަހު އެންމެ ބޮޑު އެހީއެއް ދިނީ ކެންސަރުގެ ފަރުވާ އަށް

Wed, 24 Apr 2024 10:20 PM

View on this article on Mihaaru

ޒަކާތު ފަންޑުން މިދިޔަ މަހު އެންމެ ބޮޑު އެހީއެއް ދިނީ ކެންސަރުގެ ފަރުވާ އަށް

ޒަކާތުގެ ކަންކަން ބެލެހެއްޓުމަށް މި ސަރުކާރުން އުފެއްދި އާ އިދާރާ، މޯލްޑިވްސް ޒަކާތު ހައުސް އިން މިދިޔަ މަހު އެންމެ ބޮޑު އެހީތެރިކަމެއް ދިނީ ކެންސަރުގެ ފަރުވާ އަށް ކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޒަކާތު ހައުސް އިން ވަނީ އެ އިދާރާގެ މިދިޔަ މަހުގެ ތަފާސްހިސާބުތައް މިއަދު އާންމުކޮށްފަ އެވެ. ޒަކާތު ފަންޑުން ކޮންމެ މަހަކު ކުރާ ހޭދައިގެ ތަފުސީލު އެ އިދާރާ އިން އާންމުކުރަން ފެށީ މިދިޔަ މަހު އެވެ.

މިދިޔަ މަހުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން ފަގީރުންނާއި މިސްކީނުންނަށް ބޭސްފަރުވާގެ އެހީގެ ގޮތުގައި ވަނީ 878،682.88ރ. މުޅި ޖުމްލަ ހަރަދުކޮށްފައިވެ އެވެ. އެއީ 59 މީހުންގެ ބޭސްފަރުވާގެ ހަރަދެވެ.

ބޭސްފަރުވާގެ އެހީގެ ތަފުސީލް

• 28 ޕަސެންޓް ހަރަދުކުރީ ކެންސަރުގެ ބަލީގެ ފަރުވާއަށް

• 26 ޕަސެންޓް ހަރަދުކުރީ ސިކުނޑީގެ އޮޕަރޭޝަނަށް

• 4 ޕަސެންޓް ހަރަދުކުރީ ލިވާ ޓްރާންސްޕްލާންޓަށް

• 1 ޕަސެންޓް ހަރަދުކުރީ ހިތުގެ އޮޕަރޭޝަނަށް

• ބާކީ 41 ޕަސެންޓް ހަރަދުކޮށްފައި ވަނީ އެހެނިހެން ބޭސްފަރުވާއަށް

ޒަކާތު ހައުސް އިން ބުނީ މިދިޔަ މަހު ކޮށްފައިވާ ހަރަދުތަކުގެ ތެރޭގައި ފެބްރުއަރީ މަހު އެހީ ހަމަޖެހިފައިވާ މީހުންގެ ހަރަދުތައް ވެސް ހިމެނޭނެ ކަމަށެވެ.

ހާއްސަ ހާލަތްތައް މެދުވެރިވެގެން ހާލުގައި ޖެހޭ މީހުންނަށް ޒަކާތު ފަންޑުން ދޭ އެހީގެ ގޮތުގައި މިދިޔަ މަހު 17،207.65ރ. ދީފައިވެ އެވެ. އަދި އިބްނު ސަބީލް ނުވަތަ ރާއްޖެ އާއި ރާއްޖޭން ބޭރުގައި ވަނިކޮށް ހާލުގައި ޖެހުނު މީހުންނަށް 248،604ރ. ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

އެހެނިހެން ހަރަދުގެ ގޮތުގައި ސްކޮލަޝިޕާއި އިދާރީ މުވައްޒަފުންގެ އުޖޫރަ ވެސް މިދިޔަ މަހު ހަމަޖައްސާފައިވެ އެވެ. ސްކޮލަޝިޕްގެ ގޮތުގައި 44،563.80ރ. އަދި މުވައްޒަފުންގެ އުޖޫރައިގެ ގޮތުގައި 374،950.28ރ. ވަނީ ޒަކާތު ފަންޑު ހަރަދުކޮށްފަ އެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ޒަކާތު ފަންޑުން ފަލަސްތީނުގެ ގާޒާގެ ރައްޔިތުންގެ އެހީ ގޮތުގައި 100،000 ޑޮލަރު ފޮނުވަން ވެސް މި މަހު ކުރީކޮޅުގައި ނިންމައިފަ އެވެ.





More from Mihaaru