އެސްއީޒެޑްގެ ފުރަތަަމަ ޕްރޮޖެކްޓްގެ އިނީޝަލް ޕާމިޓް ކެނެޑާ ކުންފުންޏަކަށް ދީފި

Wed, 24 Apr 2024 09:13 PM

View on this article on Mihaaru

އެސްއީޒެޑްގެ ފުރަތަަމަ ޕްރޮޖެކްޓްގެ އިނީޝަލް ޕާމިޓް ކެނެޑާ ކުންފުންޏަކަށް ދީފި

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ހިންގާ ފުރަތަަމަ ޕްރޮޖެކްޓަށް އިނީޝަލް ޕާމިޓް، އެސްއީޒެޑްގެ ބޯޑު އޮފް އިންވެސްޓްމެންޓުން ދީފި އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން މިއަދު ބުނީ ސޯލާ ޕެނަލް ހަރުކުރުމުގެ މި ބިޔަ މަޝްރޫއެއް ހިންގުމުގެ ފުރަތަަމަ މަރުހަލާގެ ހުއްދަ ދިނީ ކެނެޑާގެ އެބްރަކްސަސް ޕަަވަ ކޯޕަރޭޝަނަށް އެވެ. އެ ޕްރޮޖެކްޓުގެ ޓެކްނިކަލް ޕާޓްނަރަކީ ސަންގްރޯ ޕަވަ ސަޕްލައި ކޯ އެވެ.

އެ ޕްރޮޖެކްޓާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ގާތްގަނޑަކަށް 1.6 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

ޕްރޮޖެކްޓަށް އިނީޝަލް ޕާމިޓް ދިނުމުން މަޝްރޫއު ފެއްޓުމަށްޓަކައި ހިންގާ ދިރާސާތަކާއި އެސެސްމެންޓުތައް ހެދުމުގެ މަސައްކަތް ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުނު ގަރާރުގައިވާ ގޮތުން ސްޕެޝަލް އިނޮމިކް ޒޯނަށް އެންމެ މަދުވެގެން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އިންވެސްޓް ކުރަން ޖެހޭނެ އެވެ. އެސްއީޒެޑްގެ ތެރެއިން ހިންގާ މަޝްރޫއުތަކާ ގުޅޭ ތަފްސީލުތައް ބޯޑް އޮފް އިންވެސްޓްމެންޓްގެ މަޝްވަރާއާ އެކު ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ ކުރިން ގަރާރަކުން އެކަން ހާމަކުރާނެ ކަމަށް ރައީސް މުއިއްޒު ނެރުއްވި ގަރާރުގައި ވެ އެވެ.

އެސްއީޒެޑް ގާނޫނުގެ ދަށުން ހިންގާ ފުރަތަމަ ޕްރޮޖެކްޓްގެ ތެރެއިން 150 މެގަވޮޓްގެ ކަރަންޓް އުފެއްދުމަށް ފްލޯޓިން ސޯލާ ޕެނަލް ހަރުކުރާނެ އެވެ. މާލެ ސަރަހައްދުގައި ހިންގާ އެ މަޝްރޫއުގެ ދަށުން ލީ އޯން ބެޓެރި ސިސްޓަމަކާއި އެނާޖީ މެނޭޖްމެންޓު ސިސްޓަމެއް ވެސް ގާއިމް ކުރާނެ އެވެ.

އެސްއީޒެޑްގެ ތެރެއިން އިޔާދަކުރަނިވި ހަކަތައިގެ މި ޕްރޮޖެކްޓުގެ ފުރަތަމަ މަރުހަލާގެ މަސައްކަތްތައް ފެށިއިރު، 2028 ވަނަ ޢަހަރާ ހަމައަަށް ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 ޕަސެންޓު އިޔާދަކުރަނިވި ހަކަތައަށް ބަދަލު ކުރުމަކީ ރައީސް މުއިއްޒު ވެވަޑައިގަންނަވައިފައިވާ ވައުދެކެވެ.

އެސްއީޒެޑް ގާނޫނެއް ހަދާފައި އޮތަސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިންމައިލީ އެ ގާނޫނުގެ ދަށުން ރާއްޖެ އަށް އިންވެސްޓްމަންޓްތައް ގެންނަން އެއްވެސް މަސައްކަތެއް ނުކޮށެވެ.





More from Mihaaru