ޕީއެންސީ އަށް އެކަނި ވެސް މިހާރު ސުޕަ މެޖޯރިޓީ ލިބޭ

Wed, 24 Apr 2024 01:14 PM

View on this article on Mihaaru

ޕީއެންސީ އަށް އެކަނި ވެސް މިހާރު ސުޕަ މެޖޯރިޓީ ލިބޭ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި ކާމިޔާބު ހޯއްދެވި އަމިއްލަ ހަ ކެންޑިޑޭޓަކު ސަރުކާރު ހިންގާ ޕީއެންސީ އަށް އަލުން ސޮއިކުރުމާ އެކު، ސީދާ އެ ޕާޓީގެ މެންބަރުންގެ އަދަދު 72 އަށް އަރައިފި އެވެ.

އެ ހަ ކެންޑިޑޭޓުންގެ ތެރެއިން ފަސް ބޭފުޅަކު ކުރިން ވެސް ތިއްބެވީ ޕީއެންސީގަ އެވެ. އެކަމަކު، ރަސްމީކޮށް ޕީއެންސީގެ ޓިކެޓު ލިބުނު އެ ދާއިރާތަކުގެ ކެންޑިޑޭޓުން ފިޔަވައި އެހެން ކެންޑިޑޭޓުންނަށް ޕީއެންސީން ފަހުން ތާއީދު ކުރަން ނިންމުމުން ޕާޓީން ވަކިވެ، އަމިއްލަ ގޮތުން ވާދަކުރެއްވީ އެވެ.

ކުރިއަށް އޮތް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 93 އަށް ވާއިރު ގާނޫނުއަސާސީ އިސްލާހު ކުރެވޭ ވަރުގެ ސުޕަމެޖޯރިޓީ އަކީ 70 އެވެ. ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވައިގެން ކާމިޔާބުކުރެއްވި 66 ކެންޑިޑޭޓުންނާއި އަމިއްލަ ގޮތުން ވާދަކުރައްވައި، އެކަމަކު ސަރުކާރުން ތާއިދުކުރި ހަ ކެންޑިޑޭޓުންނާ އެކު ޕީއެންސީގެ ޖުމްލަ އަދަދަކީ 72 އެވެ.

މީގެކުރިން ޕީއެންސީން ސުޕަ މެޖޯރިޓީ ގުނަމުން ދިޔައީ އަމިއްލަ މެންބަރުންނާއި ސަރުކާރަށް ތާއިދު ކުރާ ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭ އާއި އެމްއެންޕީގެ ހަތަރު މެންބަރުން ވެސް ހިމަނައިގެންނެެވެ. އެ ހަތަރު މެންބަރުން ހިމެނުމުން ސަރުކާރު ކޯލިޝަންގެ މެންބަރުންގެ އަދަދު 76 އަށް އަރަ އެވެ.

ސަރުކާރު ހިންގާ ޕާޓީއަކުން މަޖިލީހުގައި މިހާ ގިނަ ގޮނޑި ކާމިޔާބުކުރި މިއީ ފުރަތަމަ ފަހަރެވެ. މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އޭރު ސަރުކާރުގައި އޮތް އެމްޑީޕީއަށް ވެސް ސުޕަމެޖޯރިޓީ ލިބުނެވެ. އެއީ 65 ގޮނޑި އެވެ.

އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރުމަށް ޕީއެންސީން ވަކިވުމަށް ފަހު އެ ޕާޓީ އާ އަލުން ގުޅިފައިވާއިރު މިދިޔަ މަސް ތެރޭ ރައްޔިތުންގެ މަޖިލީހުން އޮތީ އެންޓި-ޑިފެކްޝަންގެ ގާނޫނެއް ފާސްކޮށްފަ އެވެ.

އެ ގާނޫނުގައިވާ ގޮތުން މެންބަރު އިސްތިއުފާ ދޭން ޖެހޭ އެއް ހާލަތަކީ އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ކަމަށް އިލެކްޝަން ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާ ހާލަތެވެ.





More from Mihaaru