އަމިއްލަ ގޮތުން ހޮވުނު ޕާޓީއެއްގެ މެންބަރެއްގެ ގޮނޑިއަށް ވާނެ ގޮތާ މެދު ސުވާލު

Wed, 24 Apr 2024 10:53 AM

View on this article on Mihaaru

އަމިއްލަ ގޮތުން ހޮވުނު ޕާޓީއެއްގެ މެންބަރެއްގެ ގޮނޑިއަށް ވާނެ ގޮތާ މެދު ސުވާލު

މިދިޔަ މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންޓި-ޑިފެކްޝަންގެ ގާނޫނު އޮތް ގޮތުން އަމިއްލަ ގޮތުން މަޖިލީހަށް އިންތިހާބުވި ޕާޓީއެއްގެ މެންބަރުންގެ ދަފުތަރުގައި ނަން އޮތް ބޭފުޅުންގެ ގޮނޑިއަށް ވާނެ ގޮތާ މެދު ސުވާލު އުފައްދައިފި އެވެ.

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި މެންބަރުން ހޮވާފައިވާއިރު އޭގެ ތެރޭގައި 11 ބޭފުޅުންނަކީ އަމިއްލަ ގޮތުން ވާދަކޮށް ހޮވުނު ބޭފުޅުންނެވެ. މީގެ ތެރެއިން ބައެއް ބޭފުޅުންގެ ނަން ޕާޓީތަކުގެ ދަފްތަރުގައި އޮތް ކަމަށްވެ އެވެ.

އިލެކްޝަން ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވަނީ މިއީ އެ މެންބަރުން އިސްތިއުފާ ދޭންޖެހޭ ހާލަތުންކުރެ ހާލަތަކަށް ފެތޭ ހާލަތެއްތޯ ހިތުގައި ސުވާލު އުފެދިއްޖެ ކަމަށް ވިދާޅުވެފަ އެވެ.

އެންޓި-ޑިފެކްޝަން ގާނޫނުގައި މެންބަރުން އިސްތިއުފާ ދޭން ޖެހޭނެ ފަސް ހާލަތެއް ބަޔާންކޮށްފައިވާއިރު، އޭގެ ތެރެއިން އެއް ހާލަތަކީ އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ކަމަށް އިލެކްޝަން ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާ ހާލަތެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކެންޑިޑޭޓަކު ވާދަކުރެއްވީ އަމިއްލަގޮތުންނެވެ. އިންތިޚާބުގައި ވާދަކޮށްގެން އޭނާ ހޮވިއްޖެއެވެ. އޭނާ ސިޔާސީ ޕާޓީއަކަށް ނިސްބަތްވެއެވެ. އެކަމަކު އޭނާ ހޮވުނީ މިނިވަން އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައެވެ. އިލެކްޝަންސް ކޮމިޝަނުން އޭނާ ޕާޓީއަކަށް ނިސްބަތްވާކަމުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން ދެންވާނީ ކިހިނެއްތޯ؟،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަބީބު ސުވާލު އުފައްދާފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ހޮވުނު މެންބަރަކު ނުވަތަ އަމިއްލަ ހައިސިއްޔަތުން އިންތިޚާބުގައި ވާދަކޮށްގެން ހޮވުނު މެންބަރަކު އެ މެންބަރަށް އެނގުމަކާ ނުލައި، އެހެން ޕާޓީއަކަށް އޭނާ ވައްދައިފި ހާލަތުގައި ކަންވާނެ ގޮތާ މެދު ވެސް ހަބީބު ވަނީ ސުވާލު އުފައްދަވައިފަ އެވެ.

"...އިސްވެ މި ދެންނެވުނު ދެ ހާލަތުންކުރެ ހާލަތެއް މެދުވެރިވާ މެންބަރެއްގެ ވާހަކަ އެންޓި-ޑިފެކްޝަން ގާނޫނުން ނުފެނުނީމާ އަޅުގަނޑުގެ ހިތުގައި ސުވާލު އުފެދެނީ،" ހަބީބު ވިދާޅުވެފައިވެ އެވެ.

މީގެއިތުރުން ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހަތަރު ހާލަތުންކުރެ ހާލަތަކަށް އެންޓި ޑިފެކްޝަންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، މަގާމުން ވަކިވާނޭ ހާލަތު އާދޭތޯ ކަމާ މެދު ވެސް ސުވާލު އުފެދޭ ކަމަށް ހަބީބު ވަނީ ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަގާމުން ވަކިވާނެ ހާލަތްތައް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާއިރު އެ ހާލަތްތަކަކީ:

- އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވުން.

- ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައިވުން.

- ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ނުވާ މީހަކު ކަމުގައިވުން.

- ފަނޑިޔާރަކު ކަމުގައިވުން.

ގާނޫނުއަސާސީގައި ސާފުކޮށް މި ހަތަރު ހާލަތް ބަޔާންކޮށްފައިވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެއްލޭނެ އެހެން ހާލަތްތަކެއް ގާނޫނެއްގައި ލިޔުމުން އެކަމާ އެހެން ބައެއް ގާނޫނީ ބޭފުޅުން ވެސް ސުވާލު އުފައްދަވަ އެވެ. ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ ޕާޓީ ބަދަލު ކުރުމުން މެންބަރު ކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ގާނޫނުއަސާސީގައި ބަޔާން ކުރުމަށް ވަކި ބިލެއް ހުށަހަޅުއްވައިފަ އެވެ.

އެ ބިލްގެ ފުރަތަމަ ކިޔުން އިއްވާފައިވާއިރު، މިހާތަނަށް މަޖިލީހުން ބިލާ މެދު ވަކި ގޮތެއް ކަނޑައަޅައިފައެއް ނުވެ އެވެ. ކޯރަމް ހަމަވާ ވަރަށް މެންބަރުން ވަޑައިނުގަންނަވާތީ މިއަދުގެ ޖަލްސާ ވެސް ކުރިއަށް ނުގެންދެވުނެވެ.





More from Mihaaru