ކަރަންޓުގެ ހަރަދު ކުޑަކުރަން އެނގުން މުހިންމު

Mon, 06 May 2024 10:07 AM

View on this article on Mihaaru

ކަރަންޓުގެ ހަރަދު ކުޑަކުރަން އެނގުން މުހިންމު

ކޮންމެ ދުވަހެއްގެ މެންދުރު ފަހު 3:00 ޖަހާ އިރު ޓެރަސް މައްޗަށް އަރާ މުޅި ސަރަހައްދަށް ފެން ޖަހަނީ އެވެ. އެކަން ކުރަނީ، އިރުގެ ހޫނުކަން ކޮންކްރީޓު ތެރެއަށް ވަދެ، ހޫނުވެފައި ހުންނަ ވަގުތު އޭސީ ޖެއްސުމުން ކަރަންޓު ހޭދަވާނެ ވަރު އިތުރުވެ ބިލް ބޮޑުވެދާނެތީ އެކަމުން ސަލާމަތްވާށެވެ. އަދި ގޭގެ ބޭރަށްވާ ގޮތަށް ހުންނަ ހުރިހާ ދޮރަކުން ވަންނަ ހޫނު ކޮންޓްރޯލު ކުރުމަށް ދޮރުތަކުގައި "ޓިންޓް ފިލްމް" ތަތްކުރި އެވެ. އެގޮތަށް ހެދުމުން، ބިލުން ގާތްގަނޑަކަށް 500ރ. ވަރު ސަލާމަތް ކުރެވުނު ކަމަށް ސްޓެލްކޯގެ އިންޖިނިއަރު އަލީ ނާއިފު ވިދާޅުވި އެވެ.

މިއީ ކަރަންޓު ހަރަދު ކުޑަވާނެ ގޮތެއް ކަން އެނގުނު ނަމަވެސް، ކޮންމެ ދުވަހަކު ޓެރަސްއަށް ފެން ޖެހުމަކީ އެންމެންނަށް އެހާ ފަސޭހަ ކަމަކަށް ނުވެ ހިނގައިދާނެ އެވެ. އެހެން ނަމަވެސް، އެކަން ކޮށްފި ނަމަ ގައިމު ވެސް ކަރަންޓު ބިލުން އެކަން ފެންނާނެ ކަމަށް ތަޖުރިބާކާރު ބޭފުޅަކު މިވަނީ އަމަލީ ގޮތުން އެކަން ކޮށް ހަރަދު ކުޑަވެސް ކޮށްފަ އެވެ.

މި ދުވަސްވަރު އަނެއްކާ ވެސް ކަރަންޓު ބިލުތައް ބޮޑުވެގެން އެކަމުގެ އަޑުފައްގަނޑު މިވަނީ ގަދަވެފަ އެވެ. އެކަމަކު ބިލްތައް ބޮޑުވާ ވާހަކަ ދައްކާ އިރު އަސްލު ވެސް އެ ހަރަދުތައް ކުޑަ ކުރަން އިސްކަންދީގެން އަމަލު ކުރަނީ ކިތައް މީހުން ހެއްޔެވެ؟

ސްޓެލްކޯގެ ޓެކްނީޝަނުންތަކެއް އިންޖީނު ބައެއް މަސައްކަތްތައް ކުރަނީ --- ފޮޓޯ: ނިޝާން އަލީ / މިހާރު

ދިރިއުޅުމަށް އައި ޒަމާނީ ބަދަލުތަކާ އެކު ބޭނުން ކުރާ އިލެކްޓްރޯނިކް ސާމާނު ހައްތަހާ އިތުރުވަމުންދާ ވަރަކަށް ކަރަންޓުގެ ހަރަދުތައް ވެސް ބޮޑުވާނެ އެވެ. އެހެން ނަމަވެސް ދިރިއުޅުމުގެ ބައެއް އާދަތައް ބަދަލުކޮށްލައިގެން ހަކަތަ އިގްތިސާދު ކުރެވިދާނެ އެވެ. މިއީ އެ މީހެއްގެ ކޮންޓްރޯލުގައި އޮތް ކަމެކެވެ.

ސްޓެލްކޯގެ އިންޖިނިއަރު ނާއިފު ވިދާޅުވީ، އާންމު ގޭބީސީއެއްގެ ކަރަންޓު ބިލްގެ 60 ޕަސެންޓަކީ އޭސީ އާއި ފްރިޖަށް ދާ ހަރަދު ކަމަށެވެ. އެއީ އޭސީ އަށް ގާތްގަނޑަކަށް 40 ޕަސެންޓެވެ. އަދި ފްރިޖަށް 20 ޕަސެންޓެވެ. އެހެންވެ، ފްރިޖާއި އޭސީ ބޭނުން ކުރުމުގައި ކަރަންޓު ހަރަދު ކުޑަ ގޮތްތައް އިހްތިޔާރުކޮށްގެން މުޅި ކަރަންޓު ބިލަށް ލުއިތަކެއް ހޯދިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދިރިއުޅުމުގެ ބައެއް ކަންކަން ބަދަލުކޮށްގެން އޭސީ ހަރަދު ކުޑަކުރެވިދާނެ

މިސާލަކަށް އޭސީ ޖައްސާ އިރު ފުރަތަމަ ވެސް ބޭނުން ވަނީ ކުޑަ ސިކުންތުކޮޅަކުން ކޮޓަރި ފިނިކޮށްލާށެވެ. އެންމެ ފުރަތަމަ އޭސީ އޮންކޮށްފައި ފިނި މިން ޖައްސާލަނީ 16 ޑިގްރީއަށެވެ. މިއީ އޭސީގެ ކޮމްޕްރެސަރު އިތުރަށް މަސައްކަތްކޮށް ކަރަންޓު އިތުރަށް ހަރަދުވާނެ ކަމެކެވެ. އަދި އޭސީ ޖައްސާފައި ހުންނަ ވަގުތުތަކުގައި އިރު އިރު ކޮޅާ ކޮޓަރީގެ ދޮރު ހުޅުވާ ނަމަ ވެސް ހަމަ އެގޮތަށް ކަރަންޓު ހަރަދު ބޮޑުވެ އެވެ.

ނާއިފު ވިދާޅުވީ، ގެއެއްގައި އެންމެ ކަރަންޓު ހަރަދު ހިނގާ އެކައްޗަކީ އޭސީއަށް ވާ އިރު އޭސީ ހަރުކުރާ އިރު އޭގެ ސައިޒަށް ނުބަލާ ހަރު ކުރާ މައްސަލަ ވަރަށް ބޮޑު ކަމަށެވެ.

"އަވަހަށް ފިނިވާނެ ކަމަށް ހީކޮށް މީހުން އެބަ ބޭނުން ކުރޭ އޯވަސައިޒްޑް [ޖާގައަށް ވުރެ ބޮޑު] އޭސީ. އެހެން ހެދީމަ ކަރަންޓު ހަރަދު އެބަ ބޮޑުވޭ. އެއީ އޭގެ ކޮމްޕްރެސާ މަސައްކަތް ކުރާނީ އޭސީ އަށް އެކަށީގެންވާ ވަރުގެ ޖާގައަކަށް،" އޭނާ ވިދާޅުވި އެވެ.

ސްޓެލްކޯގެ މުވައްޒަފުންތަކެއް. ކަރަންޓު ބިލު ކުޑަ ކުރުމަށް އޭސީ ބޭނުން ކުރުމުގައި ބައެއް ކަންކަން ބަދަލުކުރަން ޖެހޭ -- ފޮޓޯ: ނިޝާން އަލީ / މިހާރު

މިއީ ރާއްޖޭގައި ވަރަށް ބޮޑަށް ފާހަގަކުރެވޭ މައްސަލައެއް ނަމަވެސް، މިކަމަށް މިހާރު ކޮންމެވެސް ވަރަކަށް އޭސީ ގަންނަ އިރު ބަލާ ކަމަށް ނާއިފު ބުންޏެވެ.

ހަރަދު ކުޑަކުރަން ވިސްނަން ޖެހޭ ކަންކަން:

- އެއާ ކޮންޑިޝަނާ ހަރު ކުރާ އިރު އެ ތަނެއްގެ ސައިޒަށް ވުރެ ބޮޑުކޮށް ނުވަތަ ކުޑަކޮށް އޭސީ ހަރުކުރުން. އެ ތަނަކަށް އެކަށީގެންވާ ވަރުގެ އޭސީއެއް ހަރުކުރަން ޖެހޭ

- އޭސީ ހަރުކުރާ ތަނެއްގެ ސަބަބުން ވެސް ހަރަދު ބޮޑުވޭ (ވީހާ ވެސް ހާމަކަން ބޮޑު ތަނެއްގައި އޭސީގެ އައުޓްޑޯ ބެހެއްޓުން މުހިއްމު)

- އޭސީ ބޭނުން ކުރާ އިރު ކުޑަ ދޮރާއި މައި ދޮރު އިރު އިރު ކޮޅާ ނުހުޅުވުން

- އޭސީ ޖައްސާފައި ހުންނަ ތަންތަނުގައި މަސް ޓޭންކާއި ފެން އަޅާފައި ހުންނަ ގަސް ޕޮޓް ފަދަ ތަކެތި ހުންނަ ނަމަ އޭސީއިން ކަރަންޓު ހަރަދުވާ ވަރު އިތުރު

- އޭސީ ޖައްސާފައި ހުންނަ ބަދިގެތަކުގައި ތަށިދޮވެ، ކައްކާ ކަންކަން ކުރާ ނަމަ އޭސީ ނިވާލުން.

އޭސީގެ އިތުރުން ގޭގޭގައި ބޭނުން ކުރާ ސާމާނުގެ ތެރެއިން ފްރިޖާއި ފެން ކައްކާ އިލެކްޓްރިކް ކެޓުލް އަކީ ވެސް ކަރަންޓު ހަރަދު ވަރަށް ބޮޑު ތަކެއްޗެވެ. ފްރިޖު ބޭނުން ކުރާ އިރު، އަބަދު ހުޅުވަން ނަހަދާށެވެ. އަދި ހޫނު ތަކެތި ފްރިޖަށް ލުމުގެ ކުރިން އެ ތަކެތީގެ ހޫނުކަން ކަނޑުވައިލުން މުހިއްމެވެ. އޭރުން ފްރިޖުން ކަރަންޓު ހަރަދުވާ ވަރު ކުޑަ ކުރެވޭނެ އެވެ.

ކަރަންޓު ހަރަދު ބޮޑުވެ، މިއީ ގިނަ ބައެއްގެ ބޮޑު ޝަކުވާއަކަށްވާ އިރު، ދިރިއުޅުމުގެ ކުދި ކުދި ބައެއް އާދަތަކަށް ބަދަލު ގެނެސްގެން ވެސް ކަރަންޓުގެ ހަރަދު ކުޑަ ކުރެވެން އެބަ އޮތެވެ.





More from Mihaaru