ނަޒޫއަށް ގޮނޑި ގެއްލުނީ ފައިސަލްގެ އެންޓިކެމްޕެއިނުން ކަމަށް ތުހުމަތުކޮށްފި

Tue, 23 Apr 2024 09:32 PM

View on this article on Mihaaru

ނަޒޫއަށް ގޮނޑި ގެއްލުނީ ފައިސަލްގެ އެންޓިކެމްޕެއިނުން ކަމަށް ތުހުމަތުކޮށްފި

އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފުވައްމުލަކު މެދު ދާއިރާއަށް ވާދަކުރެއްވި ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމަށް ގޮނޑި ކާމިޔާބުނުވީ، ނަޒްރާގެ ބޭބެ އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އެންޓި-ކެމްޕެއިން ކުރެއްވުމުން ކަމަށް ތުހުމަތުކޮށްފި އެވެ.

އިންތިހާބުގައި އެ ދާއިރާގައި ނަޒޫއަށް ލިބުނީ ދެ ވަނަ އެވެ. ގޮނޑި ކާމިޔާބު ނުވީ 48 ވޯޓުގެ ތަފާތުންނެވެ.

ފައިސަލަށް ތުހުމަތުކޮށް އެމްޑީޕީގެ ގުރޫޕަކަށް މިއަދު ނަޒޫގެ ފިރިކަލުން މަހުލޫފް ފޮނުއްވި މެސެޖެއްގައި ތުހުމަތު ކުރައްވާފައިވާ ގޮތުގައި އެ ގޮނޑި ގެއްލުވާލީ ސީދާ ފައިސަލް އެވެ. އަދި އެންޓި-ކެމްޕެއިން ޖެއްސުމަށް އާއިލާއާއި ދަންނަ އެތައް ބަޔަކަށް ގުޅާފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

"އެކަމަކު އޭނާއަށް ގެއްލުވާލެވުނީ އެންމެ 48 ވޯޓުން. ފުވައްމުލަކު ދެކުނު ދާއިރާގެ ޓީމްގެ ފަރާތުން މި މައްސަލަ ޕާޓީއަށް ހުށަހަޅާނަން،" މަހުލޫފް ވިދާޅުވެފައިވެ އެވެ.

މަހުލޫފް ތުހުމަތު ކުރައްވާފައިވާ ގޮތުގައި، ފައިސަލްގެ ސެކެޓަރީކަން ވެސް މިދިޔަ ފަސް އަހަރު ކުރެއްވި ނަޒޫއާ ދެކޮޅަށް ފައިސަލް މަސައްކަތް ކުރައްވަމުން ގެންދެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެ ވަނަ ދައުރަކަށް ކުރިމަތިލައްވައި ރަނިންމޭޓަކަށް ފައިސަލް ހިޔާރުނުކުރުމާއި އަދި އާއިލީ އިތުރު މައްސަލައަކާ ގުޅިގެންނެވެ.

އާއިލީ މައްސަލައިގެ ތަފްސީލް ހާމަ ކޮށްފައިނުވިނަމަވެސް، އެ މައްސަލަ ވެސް ފުލުހަށް ހުށަހަޅާފައިވާ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފްގެ މެސެޖު ސޯޝަލް މީޑިއާގައި ލީކްވުމާ ގުޅިގެން މަހުލޫފް "އެކްސް"ގައި ވިދާޅުވީ ބަލި ގަބޫލުކުރި ނަމަވެސް މިއީ މިކަން ހިނގާ ދިޔަ ގޮތް ކަމަށާއި ނަޒޫގެ ޓީމުން މި ކަމުގައި ދޫނުދޭނެ ކަމަށެވެ.

"ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާ ދެކޮޅަށް މަސައްކަތްކޮށް ވެެރިކަން ބަދަލުކުރިގޮތަށް މިފަހަރު މިވަނީ 48 ވޯޓުގެ ފަރަގަކުން މިގޮނޑި އެމްޑީޕީ އަށް ގެއްލުވާލައިފަ،" މަހުލޫފް ވިދާޅުވި އެވެ.

އެމްޑީޕީގެ ސަރުކާރުގައި ފަސް އަހަރު ނައިބު ރައީސްކަން ކުރެއްވި ފައިސަލް އެމްޑީޕީއާ ގުޅިވަޑައިގަތީ މީގެ ދެ މަސް ކުރިންނެވެ. ދެ ވަނަ ދައުރަކަށް ވެސް ރަނިންމޭޓް ނުވަތަ ރައީސްކަމުގެ ޓިކެޓަށް ފައިސަލް ޝައުގުވެރިކަން ފާޅުކުރައްވާފައި އޮއްވައި އެ ފުރުސަތު އަސްލަމަށް ދެއްވުމާ ގުޅިގެން އެ ދުވަސްވަރު ފައިސަލް ވަނީ އިބޫގެ ކެމްޕެއިނުން ވެސް ދުރަށް ވަޑައިގެންފަ އެވެ.





More from Mihaaru