ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ނިންމާލައިފި

Tue, 16 Apr 2024 08:27 PM

View on this article on Mihaaru

ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ނިންމާލައިފި

ކ. ގުޅިފަޅު ހިއްކުމުގެ މަޝްރޫއުގެ ދަށުން އެކަމަށް ކަނޑައެޅި ސަރަހައްދު ހިއްކައި، ނިންމާލައިފި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މާލެ ރައްޔިތުންނަށް ގޯތިދޭން ނިންމައި، ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއު ފެށީ ނެދަލެންޑްސްގެ ކުންފުންޏެއް ކަމަށްވާ ބޮސްކާލިސްއާ ހަވާލުކޮށްގެންނެވެ. އޭރު ގުޅިފަޅުން 5،000 މީހުންނަށް ގޯތި ދޭން ނިންމައި، އެކަން އިއުލާން ކުރި ނަމަވެސް ދައުރު ނިމުނުއިރު ބޮޑު ބައެއް ހިއްކާ ނިމިފައެއް ނުވެ އެވެ.

އެހެންވެ އޭރު ގޯތި ދޫކުރީ ހިއްކާ ނިމުނު ބައިން އެކަންޏެވެ.

ގުޅިފަޅުން ހިއްކަން ކަނޑައެޅި ސަރަހައްދު އެއްކޮށް ހިއްކާ ނިންމާފައި.-- ފޮޓޯ: މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓަކްޗާ

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ ގުޅިފަޅު ހިއްކުމުގެ މަޝްރޫއު މިހާރު އެއްކޮށް ނިންމާލާފައިވާ ކަމަށެވެ.

އެ މަސައްކަތް ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ، 2019 ވަނަ އަހަރު ހަވާލުކުރީ ދެ ބިލިއަން ރުފިޔާ އަށް 65 ހެކްޓަރުގެ ބިން ހިއްކާ ގޮތަށެވެ. ނަމަވެސް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގުޅިފަޅަށް އިތުރު 85 ހެކްޓަރު އިތުރުކޮށް، 150 ހެކްޓަރު ހިއްކާ ގޮތަށް ހަމަޖައްސަވައިފަ އެވެ. އެ ތަން ވެސް މިހާރު ވަނީ ހިއްކާ ނިމިފަ އެވެ.

ގުޅީފަޅު ހިއްކުމުގެ ސަބަބުން ތިމާވެށްޓަށް ގެއްލުންވަމުންދާ ކަމަށް ބުނެ އާންމު ފަރާތަކުން ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ މަޝްރޫއު މަޑުޖައްސާލަން ހައި ކޯޓުން ވަގުތީ އަމުރެއް ވެސް ނެރުނެވެ. ނަމަވެސް އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން، ހައި ކޯޓުގެ އަމުރަށް އަމަލު ކުރުން ފަސްކުރުމުގެ އަމުރެއް ސުޕްރީމް ކޯޓުން އޮތީ ނެރެފަ އެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

ގުޅިފަޅުން ހިއްކަން ކަނޑައެޅި ސަރަހައްދު އެއްކޮށް ހިއްކާ ނިންމާފައި.-- ފޮޓޯ: މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓަކްޗާ

މި ސަރުކާރުން ވަނީ ގުޅިފަޅަށާއި ގިރާވަރުފަޅުން އޭރު ހެދި ލޭންޑްޔޫޒް ޕްލޭން ވެސް ބަދަލު ގެނެސްފަ އެވެ. އެހެންވެ، ގިރާވަރުފަޅުގެ ލޭންޑު ޔޫސް ޕްލޭނަށް ބަދަލު ގެނައުމުން އެތަނުން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ، ބައެއް ގޯތިތައް ބަދަލުކުރަން ނިންމާފައި ވަނީ ގުޅީފަޅަށެވެ.

އެގޮތުން، އެ ތަނަށް 1،347 ގޯތި ބަދަލުކުރަން ނިންމާފައިވެ އެވެ.





More from Mihaaru