ކަންބޮޑުވުންތަކަށް ރިއާޔަތްކޮށްގެން ފައިނު އެއާޕޯޓުގެ މަސައްކަތް ކުރިއަށް ގެންދަން އެދިއްޖެ

Fri, 29 Mar 2024 03:08 PM

View on this article on Mihaaru

ކަންބޮޑުވުންތަކަށް ރިއާޔަތްކޮށްގެން ފައިނު އެއާޕޯޓުގެ މަސައްކަތް ކުރިއަށް ގެންދަން އެދިއްޖެ

ރ. ފައިނުގައި އެއާޕޯޓު އެޅުމާ ގުޅޭ ގޮތުން މީގެ ކުރިން ވެސް ގިނަ ކަންބޮޑުވުންތަކެއް ހުރުމާ އެކު އެކަންކަމަށް ރިއާޔަތްކޮށްގެން އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން އެ ރަށު ކައުންސިލުން އެދިއްޖެ އެވެ.

ރ. އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓު އަޅާނެ ތަނަކާ މެދު ރަށްތަކުގެ މެދުގައި ހިޔާލު ތަފާތުވެފައި ވަނިކޮށް، އެއާޕޯޓު އަޅަން ސަރުކާރުން ނިންމީ ފައިނުގަ އެެވެ.

އެކަމާ ގުޅިގެން ރަށު ކައުންސިލުގެ ތިން މެމްބަރުން ސޮއި ކުރައްވާ ނެރުނު ބަޔާނުގައި ބުނީ އެ ރަށުގައި އެެއާޕޯޓު އެޅުމުގެ މަޝްވަރާތައް މީގެ ކުރިން ހިނގިއިރު ވެސް އޭރު ހުށަހަޅާފައިވާ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް އެކަމުގެ މައުލޫމާތު ރައްޔިތުންނަށްދީގެން ކުރިއަށް ދިއުމަށް އެދިފަ އެވެ. އަދި އާންމުންގެ މަޝްވަރާ އާއި ފަންނީ އެހީތެރިކަން ވެސް ހޯދުމަށް ކައުންސިލުން އެދިފައިވެ އެވެ.

ކައުންސިލުން ބުނި ގޮތުގައި ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ގާނޫނުގައި ބަޔާން ކުރާއިރު އޭގެ ބޭނުމަކީ ރައްޔިތުން ބޭނުންވާ ތަރައްގީގެ ކަންކަން ދިމިގްރާތީ އަދި ޖަވާބުދާރީކުރެވޭނެ އުސޫލުން ރައްޔިތުން އަމިއްލައަށް ހިންގުމަށް މަގުފަހިކުރުވުމެވެ.

ރަށުގެ އިހްތިސޯސްގެ ގާނޫނީ މިލްކުވެރި ފަރާތަކީ ކައުންސިލުކަން ފާހަގަކޮށް އެ ކައުންސިލުން ބުނީ ރައްޔިތުންގެ މަޝްވަރާއާ އެކު އެކުލަވާލައި ފާސްކޮށްފައިވާ އެ ރަށުގެ ތަރައްގީގެ ޕްލޭނެއް އެބަ އޮތް ކަމަށެވެ.

އެ ކައުންސިލުގެ މާލީ ފުއްދުންތެރިކަން އިތުރުކުރުމާއި އަސާސީ ބައެއް ހިދުމަތްތައް ދިނުމަށް ބިން ދޫކޮށްފައިވާ ސަރަހައްދުތައް ވެސް ހުރުމާ އެކު ކައުންސިލުގެ މަޝްވަރާ ނެތި އެފަދަ ބޮޑު ނިންމުމެއް ނިންމުމުން ވަރަށް ކަންބޮޑުވާ ކަމަށް ބަޔާނުގައި ބުންޏެވެ.

ރިޔާސީ ކެމްޕެއިނުގެ ދުވަސްވަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ރ. ފައިނުގައި އެއާޕޯޓް އަޅަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެންގުޅުއްވި ތަސައްވުރާ އެއްގޮތަށް އެ މަސައްކަތް ކުރައްވާނެ ކަމަށެވެ. އިނގުރައިދޫގެ ރައްޔިތުން ބޭނުން ވަނީ ވެސް ފައިނުގައި އެއާޕޯޓް އަޅާށެވެ.

ޔާމީނުގެ ސަރުކާރުން ފައިނުގައި އެއާޕޯޓު އެޅުމަށް އައިލެންޑް އޭވިއޭޝަނާ ވެސް ހަވާލުކުރި އެވެ. އަށް މިލިއަން ޑޮލަރު ހަމަޖައްސައި މަސައްކަތް ފެށިޔަސް އޭރު އިދިކޮޅު އެމްޑީޕީ އާއި ތިމާވެއްޓަށް މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ފައިނުގައި އެއާޕޯޓު އަޅާ ނަމަ، އެ ރަށް ނެތި ގޮސް ބޮޑެތި ގަސްތަކާއި ގުދުރަތީ ވެށި ނެތިދާނެ ކަމަށް ބުނެ އިހްތިޖާޖްކޮށްފަ އެވެ. އެހެންވެ، މަޝްރޫއު އޭރު ހުއްޓާލީ އެވެ.





More from Mihaaru