އޮކްސިޖަން ނުލިބިގެން މީހަކު މަރުވި ކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފި

Sun, 28 Apr 2024 02:44 PM

View on this article on Mihaaru

އޮކްސިޖަން ނުލިބިގެން މީހަކު މަރުވި ކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފި

ފަރުވާ އަށް މާލެ ގެންދަން ތ. ތިމަރަފުށީ އެއާޕޯޓަށް ގެންދިޔަ މަގުމަތީގައި ކިނބިދޫގެ ދުވަސްވީ އަންހެނަކު އެމްބިއުލާސެއްގައި މަރުވި މައްސަލައެއް ހެލްތު މިނިސްޓްރީން ތަހުގީގު ކުރަން ފަށައިފި އެވެ. ތުހުމަތު ކުރެވެނީ އެމްބިއުލާންސްގައި އޮކްސިޖަން ނެތް ކަމަށެވެ.

އެ އަންހެން މީހާ ފަރުވާ އަށް އެންމެ ފުރަތަމަ ގެންދިޔައީ ވޭމަންޑު އަށެވެ. ނަމަވެސް، އިތުރު ފަރުވާ ދިނުމަށް އެ ރަށުން ނިންމީ ފްލައިޓުގައި މާލެ ފޮނުވާލުމަށެވެ. އެހެންވެ، ވޭމަންޑޫން ވަގުތުން ތިމަރަފުއްޓަށް ފޮނުވާލި އެވެ.

އެ އާއިލާއާ ގުޅުން އޮތް މީހަކު "މިހާރު" އަށް ބުނީ ވޭމަންޑޫ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައި އޮތުމަށްފަހު ސީ އެމްބިއުލާންސްގައި ތިމަރަފުއްޓަށް ގެންދިޔައީ ވެސް އޮކްސިޖަން ގުޅައިގެން ކަމަށެވެ. ނަމަވެސް، އެއާޕޯޓާ ހަމައަށް ދެވުނުއިރު 74 އަހަރުގެ އަންހެން މީހާ ތުރުތުރުއަޅަން ފެށުމުން އޮކްސިޖަން ބަދަލުކުރަން މަސައްކަތްކުރި ކަމަށް ބުންޏެވެ.

"ތިމަރަފުށީ އެމްބިއުލާންސްގައި މި ގެންދިޔައީ އެއާޕޯޓަށް. އެކަމަކު، ދައްތަ ތުރުތުރުއަޅަން ފެށީމަ އޮކްސިޖަން ބަދަލުކުރަން އުޅުނީ އެމްބިއުލާންސްގައި ހުރި އޮކްސިޖަނަށް. އެކަމަކު އޭތި މަސައްކަތެއް ނުކުރި،" އޭނާ ބުންޏެވެ.

"އޮކްސިޖަން ނުލިބިގެން، އިހުމާލުވުމުގެ ސަބަބުން މަރުވީ."

އެކަމާ ގުޅިގެން ވޭމަންޑޫ ހޮސްޕިޓަލުން ވާހަކައެއް ނުދެއްކި އެވެ. އެ ހޮސްޕިޓަލްގެ މެނޭޖަރު ހަސަން ޒިޔާދު ވިދާޅުވީ އިހުމާލުން މީހަކު މަރުވި ކަމަށް ބުނާ މައްސަލަ ތަހުގީގުކުރުމަށް ތިމަރަފުއްޓަށް ޓީމެއް ގޮސްފައިވާ ކަމަށެވެ. އެކަން ތަހުގީގުކޮށް ނިމުމުން މައުލޫމާތު ހިއްސާކުރާނެ ކަމަށް ޒިޔާދު ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީން ވެސް މިއަދު ބުނީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.





More from Mihaaru