ރޯދަމަހުގެ ފަހު 10 ގައި މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް އިނާޔަތް ދޭން ރައީސް ނިންމަވައިފި

Fri, 29 Mar 2024 11:56 AM

View on this article on Mihaaru

ރޯދަމަހުގެ ފަހު 10 ގައި މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް އިނާޔަތް ދޭން ރައީސް ނިންމަވައިފި

މި ރޯދަމަހުގެ ފަހު 10 އަކީ ސަރުކާރުގެ މުވައްޒަފުންނަށް ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް އެ ދުވަސްތަކުގައި ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށް މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް އިނާޔާތެއް ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގު ސޮއިކުރައްވައި އިއްޔެ ނެރުއްވި ސާކިއުލާގައި ބުނީ، ރޯދަމަހުގެ ފަހު 10 ގެ އިނާޔަތް ދޭނީ ދައުލަތުގެ އިދާރާތަކުގައި ރައްޔިތުންނަށް ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް ދިނުމަށް، އެ އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތިން މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް އެކަނި ކަމަށެވެ.

އެ ސާކިއުލާގައި ކަނޑައަޅާފައިވާ އިނާޔަތްތައް ދޭނީ ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި އަންނަ މަހުގެ މުސާރައާ އެކުގަ އެވެ. އަދި އެ އިނާޔަތްތައް ދިން ގޮތުގެ ތަފުސީލުތައް އަންނަ މަހުގެ 18 އިގެ ކުރިން އީމެއިލުން ފޮނުވައި ދިނުމަށް ވެސް މުއައްސަސާތަކުގެ ކިބައިން އެ މިނިސްޓްރީން އެދުނެވެ.

ފަހު 10 ގައި އިނާޔަތް ލިިބޭ މުވައްޒަފުން

- ރޯދަމަހުގެ ފަހު 10 ގައި ކޮންމެހެން ވަޒީފާ އަށް ނުކުންނަ މުވައްޒަފުންގެ ތެރެއިން ދައުލަތުގެ ޕޭ ފްރޭމަކަށް ބަދަލު ނުވާ މުވައްޒަފުންނަށް ކުރިން ވެސް ދެމުން އައި އުސޫލުން އިތުރު ގަޑީގެ ފައިސާ އާއި ބަންދު ދުވަހުގެ އިނާޔަތް ދޭނެ. މުސާރަ އިން ދުވާލަކަށް ޖެހޭ އަދަދުގެ ދެބައިކުޅަ އެއްބައިގެ އިނާޔަތްތައް ދޭނީ ޑިއުޓީ އުސޫލުން އާންމުކޮށް މަސައްކަތްކުރާ މުވައްޒަފުންނަށް.

- ދައުލަތުގެ ޕޭ ފްރޭމް ބަދަލުވެފައިވާ މުވައްޒަފުންނަށް، މި ރޯދަމަހުގެ ފަހު 10 އަކީ "ރަސްމީ ބަންދު ދުވަސް" ތައް ފަދަ ދުވަސްތަކެއްގެ ގޮތުގައި ބަލައިގަނެ، ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން ލިބޭނެ ކަމަށް ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ މުސާރައިން ދުވާލަކަށް ޖެހޭ އަދަދުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އިނާޔަތެއް ދޭނެ. އޭގެ ތެރޭގައި ވަޒީފާއާ ބެހޭ ގާނޫނުގެ 34 ވަނަ މާއްދާގެ ހ. އިން އިސްތިސްނާވާ މުވައްޒަފުން ނުހިމެނޭ.

- ޕޭ ފްރޭމް ބަދަލުވެފައިވާ މުވައްޒަފުންނަށް އެ ދުވަސްތަކުގައި އިތުރު ގަޑީގެ ފައިސާ ދިނުމުގައި "ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތައް" ގައި ހިމެނޭ "އިތުރު ގަޑީގެ ފައިސާ ދޭނެ ގޮތުގެ މިންގަނޑު" އަށް އަމަލުކުރަން ޖެހޭ.

- ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ ފަންނުތަކުގެ މުވައްޒަފުންގެ ތެރެއިން އެ ދުވަސްތަކުގައި މަސައްކަތަށް ނުކުންނަން ޖެހޭ ކަމަށް ކަނޑައަޅާ މުވައްޒަފުން، މަސައްކަތަށް ނުކުތުމުން ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކުގެ ތެރޭގައި ހިމެނޭ "މަގާމަށް ކަނޑައަޅާފައިވާ މުސާރަ އާއި އިނާޔަތުގެ މިންގަނޑު" ގެ ދަށުން ހާޒިރީ އިނާޔަތް ލިބޭނެ.

- ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ ފަންނުތަކުގެ މުވައްޒަފުންގެ ތެރެއިން، އާންމު ހާލަތުގައި ހަފުތާގެ ތެރޭގައި މަސައްކަތް ކުރަންޖެހޭ ކަމަށް ކަނޑައަޅާފައިވާ ދުވަސްތަކުގެ ތެރެއިން މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ލިބޭނެ. އެ މުވައްޒަފުންނަށް ހުކުރު ދުވަހާއި ހޮނިހިރު ދުވަސް ނުހިމެނޭ ގޮތަށް "މަގާމަށް ކަނޑައަޅާފައިވާ މުސާރައާއި އިނާޔަތުގެ މިންގަނޑު" ގެ ދަށުން ހާޒިރީ އިނާޔަތް ލިބޭނެ.

ރޯދަމަހުގެ ފަހު 10 ގެ ސަވާބާއި ބަރަކާތް ހޯދުމަށްޓަކައި އަޅުކަމަށް ވަގުތު ދިނުމަށްޓަކައި އެ ދުވަސްތަކުގައި ސަރުކާރު ބަންދުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެހެންވެ، މި ރޯދަމަހުގެ 21 (އަންނަ އާދިއްތަ ދުވަސް) އިން ފެށިގެން ރޯދަމަހުގެ 30 ގެ ނިޔަލަށް ސަރުކާރު ވަނީ ބަންދުކޮށްފަ އެވެ. ދެން ސަރުކާރު ހުޅުވޭނީ ކުޑަ އީދު ބަންދަށް ފަހު އަންނަ މަހުގެ 14 ވަނަ ދުވަހު އެވެ.

ރޯދަމަހުގެ ފަހު 10 ގައި ސަރުކާރު ބަންދުކުރި ނަމަވެސް ބައެއް އޮފީސްތަކުގައި ކޮންމެހެން ކުރަންޖެހޭ ކަންކަން ކުރުމަށް މުވައްޒަފުން ނެރެން މަޖުބޫރުވެފައި ވެ އެވެ.





More from Mihaaru