ޣައްޒާގެ މައްސަލައިގައި ދުނިޔެ ފެއިލް ވެއްޖެ: ސައޫދީ

Mon, 29 Apr 2024 05:56 AM

View on this article on Mihaaru

ޣައްޒާގެ މައްސަލައިގައި ދުނިޔެ ފެއިލް ވެއްޖެ: ސައޫދީ

ފަލަސްތީނުގެ ޣައްޒާއަށް ޖެހިފައިވާ ހާލަތުން ސަލާމަތްކުރުމުގައި ދުނިޔެ ފެއިލްވެފައިވާ ކަމަށް ބުނެ ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ގޮވާލާ ގޮވާލުން ސައޫދީ އަރަބިއްޔާއިން، އެ ގައުމުގައި ބާއްވާ ވޯލްޑް އިކޮނޮމިކް ފޯރަމްގައި އިއްޔެ ތަކުރާރުކޮށްފި އެވެ.

"ކޮންމެ މިންގަނޑަކުން ބެލި ކަމުގައި ވިޔަސް ޣައްޒާގައި އޮތީ ކާރިސާގެ ހާލަތެއް ... މި ހާލަތު ބަދަލުކުރުމުގައި މުޅި 'ޕޮލިޓިކަލް ސިސްޓަމް' މި ވަނީ އެއްކޮށް ފެއިލްވެފައި،" ސައޫދީގެ ފޮރިން މިނިސްޓަރު ވަލީއަހުދު ފައިސަލް ބިން ފަރްހާން ސަމިޓުގެ ފުރަތަމަ ދުވަހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް އަހަރުތަކުގައި ފަލަސްތީނަށް އަނެއްކާވެސް ހަމަ މިފަދަ އަނިޔާވެރި ހާލަތަކާ ކުރިމަތިނުވާނެ އޮތީ ހަމަ އެންމެ ގޮތެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ "ދާއިމީ އަދި މައުނަވީ ގޮތުން" ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމެވެ.

ސާފުނުކުރާ ތެޔޮ އެންމެ ގިނައިން އެކްސްޕޯޓްކުރާ ގައުމުގެ ވެރިރަށް ރިޔާދުގައި ބާއްވާ ސަމިޓުގައި އެމެރިކާގެ ފޮރިން ސެކްރެޓަރީ އެންޓޯނީ ބްލިންކެން އާއި އިޒްރޭލާއި ހަމާސްއާ ދެމެދު ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް މަސައްކަތްކުރާ އެހެން ގައުމުތަކުގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

އިއްޔެ ސައޫދީގެ ފޮރިން މިނިސްޓަރު މުހައްމަދު އަލް ޖަދުއާން ވަނީ ޣައްޒާގެ ހަމަނުޖެހުންތަކާ ހެދި މުޅި ސަހައްދު ނާމާންވެފައިވާ ކަމަށާއި އެ ކަންކަން ރަނގަޅުކޮށްގެން ނޫނީ އިގްތިސާދީ ނޭދެވޭ އަސަރުތަކުން ސަލާމަތް ނުވެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް، ވޯލްޑް އިކޮނޮމިކް ފޯރަމްގައި އިއްޔެ ބައިވެރިންގެ ވާހަކަތައް އައްސަވަނީ. -- ފޮޓޯ: އޭއެފްޕީ

މި ސަމިޓްގައި އިޒްރޭލުން ބައިވެރިއެއް ނުވެ އެވެ.

ރިޔާޒުގައި، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވީ ޣައްޒާގެ ދެކުނުގެ ރަފަހް ސިޓީއަށް އަރާނެ ކަމަަށް އިޒްރޭލުން އިންޒާރު ދެމުން ދާއިރު އެކަން ހުއްޓުވޭނެ ހަމައެކަނި ގައުމަކީ އެމެރިކާ ކަމަށެވެ.

"ރަފަހް އޮޕަރޭޝަން އިޒްރޭލުން ހުއްޓާލަން އެދުމަށް އެމެރިކާއަށް އިލްތިމާސް ކުރަން،" މިއީ ފަލަސްތީނުގެ ތާރީހުގައި ވެސް، ގެދޮރު ގެއްލިފައިވާ މީހުންނަށް ދިމާވެދާނެ އެންމެ ބޮޑު ކާރިސާއަށް ވެދާނެ ކަމުގެ އިންޒާރާ އެކު އައްބާސް ވިދާޅުވި އެވެ.

ސަރަހައްދީ ހަމަނުޖެހުންތައް އިތުރުވެގެން ދިޔަ ޣައްޒާގެ ހަނގުރާމަ ފެށުނީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ފަލަސްތީނުގެ ހަމާސް އިން އިޒްރޭލުގެ ދެކުނަށް ދިން ކުއްލި ވަރުގަދަ ހަމަލާތަކެއްގައި ހާހަހަކަށްވުރެ ގިނަ މީހުން މަރާލުމާ އެކުގަ އެވެ. އިޒްރޭލުން ލަފާކުރާ ގޮތުގައި އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން ރަހީނުކުރި 129 މީހަކު ޣައްޒާގައި އަދިވެސް އެބަ ތިއްބެވެ. އެކަމަކު އޭގެ ތެރެއިން 34 މީހަކު މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މި ހަމަލާއާ ގުޅިގެން ހަމާސް ނައްތާލަން ކަމަށް ބުނެ އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 34،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. -- އޭއެފްޕީ





More from Mihaaru