ވަޒީފާ ދޫކޮށްލާފައި ދޫނިތަކުގެ މަންމައަކަށް!

Fri, 29 Mar 2024 09:11 AM

View on this article on Mihaaru

ވަޒީފާ ދޫކޮށްލާފައި ދޫނިތަކުގެ މަންމައަކަށް!

ދޫނި ގަންނަން ގުޅާ މީހުން އޭނާއާ ވާހަކަ ފަށަނީ "ބްރޯ" އޭ ކިޔައިފަ އެވެ. އެކަމަކު އަންހެނެއްގެ އަޑު ޖެހުމާ އެކު އެ މީހުން ހުއްޓުން އަރައި ރާގު ބަދަލުވެ އެވެ. ދޫނި ގެންގުޅުމާއި އޭގެ ވިޔަފާރި އަކީ ރާއްޖޭގައި އާންމުކޮށް ފިރިހެނުން ކުރާ ކަމެއް ކަމަކަށް ގިނަ މީހުންނަށް ހިޔެއް ނުވާނެ އެވެ. އެކަމަކު އައިޝަތު ޝެހެނާޒު މި އުޅެނީ އެތައް ބައިވަރު ދޫންޏެއް ގޮވައިގެން އެސޮރުމެންގެ ދުނިޔޭގަ އެވެ.

އޭނާގެ ގޭގައި އެކި ކުލަކުލައިގެ ދޫނިތަކުގެ އިތުރުން ބުޅާ ވެސް ގެންގުޅެ އެވެ. ޝެހެނާޒު ކުޑައިރު ވެސް ގޭތެރެ އޮތީ އެހެންނެވެ. އެހެންވެ އޭގެތެރޭގައި އުޅެ ބޮޑުވެ މި އެއްޗިއްސަށް ލޯބި ޖެހުނީ އެވެ.

އަދާކުރި ވަޒީފާ ވެސް ދޫކޮށްލާފައި މިހާރު އޭނާއަކީ އެތައް ބައިވަރު ދޫންޏެއްގެ މަންމަ އެވެ. ހުސްވެ ހުރީ ހަމަ އެ މަސައްކަތަށެވެ. ދޫނި ވިއްސައި އާލާކުރުމަކީ އޭނާގެ މުޅި ދުވަހުގެ މަސައްކަތެވެ.

"ޕެންޑަމިކް ތެރޭގައި އޭރު ގިނަ މީހުން ބަންދުވެފައި ތިބެން ޖެހުމުން ގޭތެރޭގެ ފޫހިފިލުވާލުމަށް އަސްލު ބޭބީ ދޫނިތައް އޭރު ވިއްކަން ފެށީ،" ޝެހެނާޒްގެ "ބިގެސްޓް ލިޓްލް ފާމް" ފެށިގެން އައި ގޮތް ކިޔައިދިނެވެ.

"ވިއްކަން ފެށިއިރު ގެންގުޅުނީ ހަމައެކަނި ބޭބީ ބަޖީސް."

ޝެހެނާޒްގެ ކޮށީގައި ކޮކްޓެއިލް އާލާކޮށްފައި.

ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އިމްޕޯޓްކުރަން ހުއްޓި، ބޭރުން ދޫނި ގެންނަން ވެސް ދަތިވި އެވެ. އެހެންވެ، ދޫންޏަށް ރާއްޖޭގައި ވަރަށް ޑިމާންޑް ބޮޑުވެ، ވިޔަފާރި ފެށުނެވެ.

މާލެއަށް އުފަން ޝެހެނާޒް، އޭނާގެ ދޫނިތައް ގެންގުޅެނީ ގޭތެރޭގައި އެ އެއްޗެއްސަށް ހާއްސަކޮށްފައި ހުރި ކޮށިތަކުގަ އެވެ. މި ކޮށީތަކުގައި ހަ ވައްތަރެއްގެ ދޫނި މިހާރު އެބަ ގެންގުޅެ އެވެ. އޭގެ ތެރޭގައި ފިންޗާއި ބަޖީސް، ކޮކްޓެއިލާއި ކޮނިއާ އަދި ކަކަރިކީސް ހިމެނެ އެވެ.

ޝެނެހާޒްގެ ދޫނި ކޮށީގައި ގުރައެއް އިށީނދެލައިގެން.

އެކި ކުލަ ކުލައިގެ ކުދި ކުދި ދޫނިތަކުން ޝެހެނާޒުގެ ދޫނި ކޮށި އޮތީ ފުރިފަ އެވެ. ގޭގައި ޖަހާފައިވާ މިއުޒިކެކޭ އެއްވަރަށް މި ލޯބި ލޯބި ކުދި ދޫނިތަކުގެ ގޮވުން އިވެ އެވެ.

"އަޅުގަނޑުމެން ގެންގުޅެނީ ހުސް އަޅުގަނޑުމެން ވިއްސައިގެން ގެންގުޅޭ ދޫނި،" ކުރިން އުރީދޫ އާއި އައިލެންޑް އޭވިއޭޝަނުގައި ވެސް މަސައްކަތްކުރި ޝެހެނާޒް ބުންޏެވެ.

ގުރައެއް.

މިއީ އެކަމަށް ހާއްސަ ދާއިރާއަކުން ކިޔަވައިގެން އޭނާ ކުރާކަމެއް ނޫނެވެ. އެކި ކަހަލަ ފޮތްތަކާއި ވީޑިއޯތައް ބަލައިގެން ދޫންޏަށް ވާނުވާ އޮޅުން ފިލުވައި ދަސްކޮށްގެން ކުރާ މަސައްކަތެކެވެ. ދޫންޏެއްގެ ފައެއް ހަލާކުވެގެން މި ދޭތެރެއަކުން ފައިގައި ޕްލާސްޓަރު އަޅައި އެ ފަރުވާދީ ރަނގަޅުކުރީ ވެސް ހަމަ އެ ގޭތެރޭގައި ޝެހެނާޒެވެ.

ޝެހެނާޒް

ދޫނީގެ ސިއްހަތު ރަނގަޅުކުރުމަށް ތަރުކާރީއާއި މޭވާގެ ބާވަތްތައް އެއްކޮށްގެން ކާނާ ވެސް ތައްޔާރުކުރެ އެވެ. ކޮންމެ އާދިއްތަ ދުވަހު އޭނާގެ އިންސްޓަގްރާމު ޕޭޖުގައި މި ވިއްކަން ވެސް ޖަހަ އެވެ.

"ސްޕްރޯޓްސް އާއި އެގް ފުޑަކީ ދޫނި ވަރަށް ފޯރި ހުންނަ އެއްޗެއް. އެހެންވެ މިއީ އަޅުގަނޑުމެން އަތުން ވެސް ވަރަށް ގަންނަ އެއްޗެއް،" ޝެހެނާޒް ބުންޏެެވެ.

ޝެހެނާޒްގެ ކޮށީގައި އާލާކުރި ގުރައެއް.

ނިކަން ލޯބިން ގެންގުޅޭ މި ދޫނިތައް ވިހާތާ ދެތިން ހަފްތާ ތެރޭގައި ޝެހެނާޒް ބުނާ ގޮތުން ނަމަ، ފަތް ފަޅަން ފަށައި ކުލަ އަރަ އެވެ. އެއާ އެކު އޭނާގެ ޕޭޖުގައި މީހުން ދޫނި ގަތުވާ ހިތް ކުރުވާ ވަރަށް އިޝްތިހާރުކުރެ އެވެ. ކުލަ ރީއްޗަށް އެރުމުން، ދޫންޏަށް ލޯތްބާއި އަޅާލުން ދޭނެ އެހެން އާއިލާއެއް ހޯދައި އެ ވިއްކާލަ އެވެ.

"އަޅުގަނޑުމެން ދޫނި ވިއްކަނީ ހަމަ ވިއްކާލާކަށް ނޫން. ބޮޑަށް ބޭނުންވަނީ އާއިލާއަށް އަލަށް ގެންނަ ފެމިލީ މެމްބަރެއްގެ ގޮތަށް އެ ދޫނި ހަވާލުކުރުން. އޭނާ ކާ އެއްޗެއްސާއި ކާނެ ގޮތާއި އިތުރު ކަމެއް ވެއްޖެއްޔާ ގުޅަން ވެސް ބުނަން،" ޝެހެނާޒު ބުންޏެވެ.

ދޫނި ގެންގުޅުމަކީ ވަރަށް ފޯރީގައި ކުރާ ކަމަކަށް ވިޔަސް، މިހެން އުޅޭއިރު ދޫނި މަރުވެ ހިތަށް ކެތް ނުވާ ހާދިސާތައް ވެސް ހިނގަ އެވެ. އެގޮތަށް ހާދިސާއެއް ހިނގި ދުވަސް ހަނދާން ކުރަމުން ޝެހެނާޒް ބުނީ ކުޑަ ދޫންޏެއް މަރުވި ދުވަހު ހިތްފަޅައިގެންދާހާ ދެރަވި ކަމަށެވެ.

ޝެހެނާޒްގެ ކޮށީގައި ގެންގުޅޭ ދެ ގުރާ.

ކުރާ ހިތުން ކުރާތީ އެ ވިއްކަނީ ހާއްސަ ފޮއްޓަކަށް ލައިފަ އެވެ. ރީއްޗަށް ބޭރުން ދޫނި ފެންނަ ގޮތަށް އިންނަ މި ކުޑަ ފޮށީގައި ދޫނި ވިހޭ ތާރީހު ވެސް ޖަހާފައި އިނދެ އެވެ. ޝެހެނާޒް ބުނި ގޮތުގައި މިއީ ދޫންޏަށް ލޯބިކުރާ މީހުންނަށް ދެވޭނެ އެންމެ ލޯބި އެއް ހަދިޔާ އެވެ.

މި ވިޔަފާރީގެ ފަހަތުގައި ގަދަޔަށް ވިއްދާފައި ޝެހެނާޒް އެހެރީ ހުއްޓުމުގެ ވިސްނުމަކު ނޫނެވެ.





More from Mihaaru