"އުޖާލާ ޒަމާން" ސްލޯގަންއާ އެކު ނާޒިމަށް އެމްއެންޕީގެ ރިޔާސީ ޓިކެޓް ހަވާލުކޮށްފި

Sat, 27 May 2023 12:03 AM

View on this article on Mihaaru

"އުޖާލާ ޒަމާން" ސްލޯގަންއާ އެކު ނާޒިމަށް އެމްއެންޕީގެ ރިޔާސީ ޓިކެޓް ހަވާލުކޮށްފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ލީޑަރު އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމަށް ރިޔާސީ ޓިކެޓް މިރޭ ހަވާލުކޮށްފި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް "އުޖާލާ ޒަމާން" ސްލޯގަން އިފްތިތާހުކޮށް، ނާޒިމަށް ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ ވެރިކަމަށް ކުރިމަތިލައްވަން ނިންމެވީ ރާއްޖޭގެ ކަންކަން ގޯހުންގޯހަށް ގޮސް، ގައުމު އޮޔާ ދިޔުމުގެ ބިރުހީވެ، އެކަމާ ކަންބޮޑުވާ ދިވެހި ދަރިއެއްގެ ހައިސިއްޔަތުން ކަމަށެވެ.

ނާޒިމް ވިދާޅުވީ އެމްއެންޕީއަށް އެންމެ ބޮޑަށް އަމާޒުވާ އެއް ސުވާލަކީ ވެރިކަމަށް އައުމުގެ ގާބިލުކަން އެ ޕާޓީގައި އޮތްތޯ ކަމަށެވެ.

އެމްއެންޕީގެ ރިޔާސީ ޓިކެޓް ޕާޓީގެ ރައީސް ނާޒިމްއާ ހަވާލުކުރުމަށް ބޭއްވި ޖަލްސާގައި އޭނާ ވާހަކަ ދައްކަވަނީ- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެ ސުވާލަށް ނާޒިމް ރައްދު ދެއްވީ ވެސް ސުވާލުތަކަކުންނެވެ. އޭނާ އެއްސެވީ ރާއްޖެއަށް އާ ގާނޫނުއަސާސީއެއް ތައާރަފުކޮށް ޕާޓީތަކުގެ ވެރިކަމަށް މިވީ 15 އަހަރުގެ ތެރޭގައި ޑިމޮކްރަސީގެ އުސޫލުތަކުން ދިވެހިންނަށް ކުރިއެރުމެއް ލިބުނުތޯ އާއި ފަނޑިޔާރުގެ މިނިވަންކޮށް މުސާރަ އާއި އިނާއަތްތައް މަޖިލީހުން ފާސްކުރުމުން އަދުލު އިންސާފަށް ކަށަވަރުވިތޯ އެވެ.

ކިޔަވައިގެން ނުކުންނަ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ލިބޭތޯ އާއި އަމިއްލަ ފުރާނަ އާއި މުދާ ރައްކާތެރިތޯ ވެސް ސުވާލު އުފެއްދެވި އެވެ. އެ ސުވާލުތަކުގެ ޖަވާބަކީ ނޫން ކަމުގައިވާ ނަމަ، އޭނާ ނުކުންނެވީ އެ މައްސަލަތަކަށް ހައްލެއް ހޯދައިދެއްވުމަށް ކަމަށް ވިދާޅުވި އެވެ.

"މި ސުވާލުތަކުގެ ޖަވާބަކީ ނޫނެކޭ ކަމުގައިވާ ނަމަ، ކުލަތަކުގެ ވެރިކަން ދޫކޮށް، ގައުމީ ވިސްނުންތަކަށް ޖާގަދެއްވަންވެއްޖެ. ތަޢުލީމީ ވިސްނުންތަކަށާއި އިލްމީ ހައްލުތަކަށް ޖާގަ ދެއްވަން ވެއްޖެ. ދިވެހި ސިކުނޑިތަކަކުން ގެންނަ ދިވެހި ހައްލުތަކެއް ހޯދާން ނިކުންނަން ވެއްޖެ،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ގައުމާ މެދު އޭނާގެ ތަސައްވުރެއް އެބަ އޮތް ކަމަށާއި ދިވެހިންގެ ހުވަފެންތަކުގައި ކުލަ ޖެހެން ޖެހޭ ކަމަށެވެ.

އެމްއެންޕީގެ ރިޔާސީ ޓިކެޓް ޕާޓީގެ ރައީސް މުހައްމަދު ނާޒިމްއާ ހަވާލުކުރަނީ. -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ނާޒިމް ވިދާޅުވީ ވަޒީފާ އާއި މުސާރައިގެ ކަސްތޮޅުން ސަލާމަތްކުރުމާއި ތައުލީމަކީ ކޮންމެ ކުއްޖެއްގެ ހައްގަކަށް ހަދައިދިނުމާއި ގައުމުގެ މުއްސަނދިކަމުގެ ފައިދާ އެންމެންނަށް އެންމެ ފުރިހަމަ ގޮތުގައި ހޯދައިދިނުމާއި ވަޒީފާގެ ސިނާއަތާއި އެހެން ކަންކަމުގައި ވެސް ދިވެހި ރައްޔިތުންނަކީ މި ގައުމުގައި އެންމެ ފުރަތަމަ ރައްޔިތުންކަމުގައި ހަދަންޖެހޭ ކަމަށެވެ.

ބޭސް ފަރުވާ އާއި ދިރިއުޅުމަށް ސަލާން ޖެހުމުގެ ސަގާފަތް ދޫކޮށް ދިވެހިންނަށް ބޭނުންވާ ސިއްހީ ހިދުމަތްތައް ރާއްޖެއިން ލިބޭނޭގޮތް ހަމަޖެހުމާއި ގެދޮރަކީ އުމުރު ހުސްވެ ދަރަނިވެރިވެގެން ނޫނީ ނުލިބޭ އެއްޗަކަށް އޮންނަ އޮތުން ބަދަލުކޮށް، ދިރިއުޅުން ފަށާއިރު، ލިބޭ ހައްގަކަށް ހަދައިދޭނެ ކަމަށް ނާޒިމް ވަައުދުވެ ވަޑައިގަތެވެ.

އެމްއެންޕީގެ ރިޔާސީ ޓިކެޓް ޕާޓީގެ ރައީސް ނާޒިމްއާ ހަވާލުކުރުމަށް ބޭއްވި ޖަލްސާ- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އޭނާ ވިދާޅުވީ ދިވެހިންގެ ޑިމޮކްރަސީގެ ދަތުރުގައި އެންމެ ގިނަ ލަކުނުތައް ލާފައި ވަނީ ސަލާމަތީ ބާރުތަކުގެ ސަފުތަކުގައި ނަމަވެސް މިއަދު ސިފައިންނާއި ފުލުހުންވަނީ ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ދެކޮޅުވެރިކަމުގެ ހަމަނުޖެހުމުގެ ތެރޭގައި ތާށިކޮށްފައިވާ ކަމަށެވެ. ސަފުތަކުގެ ބަދަހިކަން ގެއްލި، މުއައްސަސާގެ ތެރޭގައި ރެނދުލާން ފަށާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

އެހެންވެ އެކަންކަމަށް ހައްލެއް ހޯދައިދީ "އުޖާލާ ޒަމާން" އަށް ދިވެހިން ގެންދިއުމުގެ ވައުދާ އެކު އެ މަސައްކަތް އެމްއެންޕީން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވަނީ ރާއްޖޭގެ އެކި ހިސާބުތަކުން އެމްއެންޕީގެ މެންބަރުން މާލެ އައިސް ބައިވެރިވެފަ އެވެ.



More from Mihaaru