އިންޑިއާއިން 50 މިލިއަނުގެ ދަރަނި ފަސްކޮށްދީފި, ޗައިނާއިން ސިގްނަލިބިއްޖެ: ރައީސް

Sat, 27 Jul 2024 12:07 AM

View on this article on Mihaaru

އިންޑިއާއިން 50 މިލިއަނުގެ ދަރަނި ފަސްކޮށްދީފި, ޗައިނާއިން ސިގްނަލިބިއްޖެ: ރައީސް

ޗައިނާގެ އެގްޒިމް ބޭންކް މެދުވެރިކޮށް ތަރައްގީގެ އެކި މަޝްރޫއުތަކަށް ރާއްޖެއިން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން ކުރިއަށް އޮތް ފަސް އަހަރަށް ފަސްކޮށްދޭނެ ކަމުގެ ފެހި ސިންގަލް ޗައިނާ ސަރުކާރުގެ ފަރާތުން ލިބިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ އިންޑިއާއިން މިހާރުވެސް 50 މިލިއަން ޑޮލަރުގެ ދަރަނި ފަސްކޮށްދީފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ގައުމަކަށް މިނިވަންކަން ލިބެނީ މައިގަނޑު ތިން ކަމެއް ހާސިލްވެގެން ކަމަށެވެ. އެއީ ގައުމުގެ އިގްތިސާދީ ސިޔާދަތު ޔަގީންވުމާއި އަމިއްލަވަންތަކަމުގެ ސިޔާދަތު ޔަގީންވުމާ އަދި ސަލާމަތީ ނުވަތަ ދިފާއީ ސިޔާދަތު ޔަގީންވުން ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ތިން ސިޔާދަތު ޔަގީންނުވާ ހާލަތެއްގައި އެ ގައުމެއްގައި މިނިވަންކަމެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.

އިގުތިސާދީ ސިޔާދަތު ޔަގީން ވާނީ ރާއްޖޭގެ ބޮޑުވެފައި އޮތް ބޭރުގެ ދަރަނި ވެސް ދެއްކި ކަމަށާއި އެ މަގަށް މަސައްކަތް ކުރުމަށްޓަކައި ސަރުކާރުން ވަރަށް ގިނަ ކަންކަން ކުރަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްގީގައި އެންމެ ބޮޑު ހިއްސާއެއް އޮތް ދެ ގައުމަކީ ޗައިނާ އާއި އިންޑިއާ ކަމަށެވެ. އެމަނިކުފާނުގެ ވެރިކަމުގައި މިދިޔަ އަށް މަސް ދުވަހުގެ ތެރޭގައި އެ ދެ ގައުމާ އެކު ވަރަށް ގިނަ މަޝްވަރާތައް ކޮށްފައިވާ ކަމަށާއި ލޯނުގެ ކަންކަން ހަމަޖެއްސުމުގައި އެ ދެ ގައުމުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ ކަމަށް ރައީސް ވިދާޅުވި އެވެ.

އެކަމަށްޓަކައި ރައީސް ވަނީ ޗައިނާ އާއި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ދަރަނީގެ ގޮތުގައި އިންޑިއާއަށް ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދީފައިވާ ކަމަށާއި ކާބޯތަކެތީގެ ކޯޓާ ވެސް އިތުރު ދެ އަހަރަށް ހަމަޖައްސައިދީ، ލައިން އޮފް ކްރެޑިޓްގައި ބާކީ ހުރި ފައިސާ ބޭނުންކުރެވޭނެ ގޮތް ހަދައި ދީފައި ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ޗައިނާގެ އެގްޒިން ބެންކުން ނަގާފައިވާ ލޯނުތައް ވެސް، ލޯނާއި އިންޓްރެސްޓް ދެއްކުން ކުރިއަށް އޮތް ފަސް އަހަރަށް ފަސްކޮށްދޭނެ ކަމުގެ ފެހި ސިގްނަލް ވެސް މިހާރު ވަނި ލިބިފަ އެވެ. އެކަމުގެ ފަންނީ މަސައްކަތްތައް މިވަގުތު އަންނަނީ ހިންގަމުންނެވެ.

"ތަރައްގީގެ އެކި މަޝްރޫއުތަކަށް ޗައިނާގެ އެގްޒިމް ބޭންކުން ނަގާފައިވާ ލޯނުތައް ނުދައްކައި، ކުރިއަށް އޮތް ފަސް އަހަރު އެ ލޯނުތަކަށް އެ ލޯނުތަކުގެ އިންޓްރެސްޓް ނުދައްކައި ނިންމައިދޭނެ ކަމުގެ ފެހި ސިގްނަލް ދެއްވައިފައި،" ރައީސް ވިދާޅުވި އެވެ.

ޗައިނާގެ އިތުރުން ޔޫއޭއީ އިން ނަގާފައިވާ ލޯނުތައް ވެސް ކުރިއަށް އޮތް ފަސް އަހަރަށް ފަސްކޮށްދޭނެ ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގައުމެއްގެ އިގުތިސާދީ ސިޔާދަތު ޔަގީންކުރުމަށްޓަކައި ހާރިޖީ ސިޔާސަތު ބައްޓަންކުރަން ޖެހޭނެ ގޮތަކީ މިއީ ކަމަށެވެ.





More from Mihaaru