ނ. މަނަދޫގައި، ގައިގެ އެކިތަންތަނަށް ވަޅި ހަރައި ނައީމާ މޫސާ މަރާލި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނައީމާގެ މަރުގެ މައްސަލާގައި ފުލުހުން ހިންގާ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށެވެ. ދެ މީހަކު ހައްޔަރުކުރުމުގެ އިތުރުން މައްސަލައިގެ ތަހުގީގަށް މުހިއްމު ހެކިތަކެއް ހުރި ކަމަށް ބެލެވޭ ތަނެއް ފުލުހުން ބަލައި ފާސްކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނ.މަނަދޫ ނައީމާ މޫސާ މަރާލި މައްސަލައިގެ ތަހްޤީޤަށް ބޮޑެތި ކުރިއެރުންތަކެއް ދަނީ ލިބެމުން، މިމައްސަލާގައި ތުހުމަތުކުރެވޭ ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު އެބަތިބި. މައްސަލައިގެ ތަޙްޤީޤަށް މުހިންމު ހެކިތަކެއް ހުރިކަމަށް ބެލެވޭ ތަނެއް ފުލުހުން ބަލާ ފާސްކުރަމުން އެބަދޭ.
— Mohamed Hameed (@M_Hameedh) May 26, 2023
"މަރުގެ މައްސަލަ ތަހްގީގް ކުރުމުގެ ތަޖުރިބާކާރު، އިންސްޕެކްޓަ މުހައްމަދު ސާމިހް އިސްކޮށް ހުރެ މާލެއިން ދިޔަ ޓީމާއި ނ. އަތޮޅުގެ ފުލުހުން، މިމަރުގެ ހަގީގަތް ހޯދާ އިންސާފު ގާއިމްކުރުމަށް ކުރަމުންދާ ބުރަ މަސައްކަތް ފަހްރުވެރިކަމާ އެކު ފާހަގަކުރަން،" ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.
އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ނައީމާގެ ގާތިލް ހޯދަން ފުލުހުން ހިންގާ ތަހުގީގުގައި، ނ. މަނަދޫގެ ގިނަ ބައެއްގެ ފިންގަޕްރިންޓާއި ޑީއެންއޭ ސާމްޕަލް ވަނީ ނަގައިފަ އެވެ.

ނައީމާގެ މަރަށް ފަހު ފުލުހުން މަނަދޫގައި ތަހުގީގުކުރިއަށް ގެންދަނީ.
އެކަނި ދިރިއުޅެމުން ދިޔަ ނައީމާ މަރާލާފައި އޮއްވާ ފެނުނީ އޭނާގެ ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް މިދިޔަ މަހުގެ ހަތް ވަނަ ދުވަހެވެ. ތަހުގީގުގައި ފުލުހުން މިހާތަނަށް ގިނަ މަސައްކަތްތަކެއް ކޮށްފައި ވިޔަސް ކޭސްގައި ލިބުނު ކުރިއެރުމުގެ ތަފްސީލް އާއްމެއް ނުކުރެ އެވެ.
ނައީމާ އަކީ ސިހުރު ހަދާ މީހެއް ކަމަށާއި އެކަމާ ހެދި އޭނާއަށް ނަފުރަތުކުރާ ބައެއް މީހުން އުޅޭ ކަމުގެ ވާހަކަ ދެކެވޭތީ މިހާތަނަށް އެންމެ ބޮޑަށް ބެލެވިފައި އޮތީ މަރާ ގުޅުން ހުރި ކަމަކީ މިއީ ކަމަށެވެ. އެކަމަކު ރަށުގައި އުޅޭ ބިދޭސީން ކުރި ކަމެއްގެ ގޮތުގައި ވެސް ބައެއް މީހުން ތުހުމަތުކުރެ އެވެ. ނަމަވެސް މިއިން އެއްވެސް ކަމަކާ ބެހޭ ގޮތުން ފުލުހުން ވާހަކައެއް ނުދައްކަ އެވެ.
މި ތަހުގީގު ފުލުުހުންނަށް އުނދަގޫވި އެއް ސަބަބަކީ ރަށުތެރޭ މީހުންގެ ހަރަކާތްތައް ފެންނަ ސީސީޓީވީ ފުޓޭޖެއް ވެސް އަދި އެފަދަ އެހެން ހެއްކެއް ވެސް ލިބެން ނެތުމެވެ. އެހެންވެ ފުލުހުންގެ މުޅި ތަހުގީގު ބިނާކޮށްފައިވަނީ ފޮރެންސިކް ހެކީގެ މައްޗަށެވެ.