މިއީ 24 ކައިވެނިކުރި މީހެއް؛ ލައްކަ ގިނަ ވާހަކަ ދެއްކި!

Sun, 26 Mar 2023 06:18 AM

View on this article on Mihaaru

މިއީ 24 ކައިވެނިކުރި މީހެއް؛ ލައްކަ ގިނަ ވާހަކަ ދެއްކި!

"މިހާރު މިހެން ކެތި އޮއްސިފައި ފުޅައްބުޑަށް ޖަހާފައި އިނަސް މަގޭ ރަންޒަމާނުގައި މަށަކީ ފިސާރި ރީތި މީހެކޭ. ނިކަން ވަރުގަދަ، ފިސާރި ކަންތައްތައް ކޮށްލީމޭ،" އަނބިމީހާ އާ އެކު، ހަވީރު ފިންޏަށް ނުކުމެ ޖޯއްޔެއްގައި އިނދެ އޭނާ މާޒީ ނިއުޅުވާލި އެވެ.

"މީހުންނާ ވެސް އިނިން އެހާ ވަރަށް. އަނެއްކާ އެހާ ރީތި ކުދިންނާ. ދޮން ބައްޓެއް ކަހަލަ ރީތި ކުދިންނާ."

އުމުރުން 82 އަހަރު ވިޔަސް، ފ. ނިލަންދޫ އަލީ ދޮންމަނިކުގެ ހިތް އަދިވެސް ޒުވާނެވެ. ހިޔާލުތައް ތާޒާވެފައި މުއްސަންޖެވެ. އޭނާގެ ޒުވާން ދުވަސްވަރު ދިޔައީ އުފަލާއި މަޖަލުގަ އެވެ؛ މީހުންނާ އިނުމުގަ އެވެ؛ މަސައްކަތުގަ އެވެ؛ ކުޅިވަރުތަކުގަ އެވެ. އުމުރުން 15 އަހަރުން ފެށިގެން ގާތްގަނޑަކަށް 40 އަހަރުގެ ތެރޭގައި އޭނާ 24 ކައިވެނި ކުރި އެވެ. ދެ އަންބަށް ވެސް ތިން މީހަކާ އިނެވެ. އަދި، ވަރަށް ސިއްރުސިއްރުން އޭނާ ބުނި ގޮތުގައި "އެކަކާ ފައްކަނޑަން ވެސް" އިނެވެ.

އެކަމަކު، 60 އަހަރާ ހަމައަށް ދިޔައިރު ވެސް، ދޮންމަނިކަށް ނުވެ އޮތް އެއް ކަމަކީ، އެއް ކައިވެންޏެއްގައި ދެމިހުރުމެވެ. ދޮންމަނިކުގެ ހަޔާތް މުޅިން ބަދަލުކޮށްލީ ކައިރީގައި އޮތް ބިލެއްދޫން އައި، ޒުވާން އަންހެން ކުއްޖާއާ ހިސާބުންނެވެ. އޭނާއާ ދޮންމަނިކު ކައިވެނިކުރި އިރު، ދެ މީހުންގެ 35 އަހަރުގެ ތަފާތު ހުއްޓެވެ. ޒުވާން އަންހެން ކުއްޖެކެވެ. ދޮންމަނިކު އަނެއްކާ ވެސް ބުނި ގޮތުގައި، "ދޮން ބައްޓެއްހާ އެހާ ވެސް ރީތި ކުއްޖެ"ކެވެ.

މިހާރު އެކުގައި އުޅޭތާ 23 އަހަރު މި ވަނީ. މުޅި ހަޔާތުގައި ވެސް މިއީ އެންމެ ލޯބިވި މީހާ.

"މިހާރު އެކުގައި އުޅޭތާ 23 އަހަރު މި ވަނީ. މުޅި ހަޔާތުގައި ވެސް މިއީ އެންމެ ލޯބިވި މީހާ،" އަނބިމީހާ ކައިރީގައި ބައިންދައިގެން، މި ރަށުގައި ވެސް، އަދި މި އަތޮޅުގައި ވެސް އެންމެ ގިނަ ކައިވެނި ކުރި ކަމުގެ ރެކޯޑު އޮތް ދޮންމަނިކު އޭނާގެ ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

"މި އަތޮޅުގައި ކީއްކުރަން މި ސަރަހައްދުގައި ވެސް ނޫޅޭނެ މަށާ އެއްވަރަށް މީހުންނާ އިން މީހެއް. އެކަމުން މަށަށް އިނާމެއް ވެސް ދޭ ވަރުވާނެ. ދޭން ޖެހޭނެ ގަވައިދުން ވިއްޔާ. އިބްރާހިމް މުހަންމަދު ސޯލިހަށް މި ވާހަކަ ދަންނަވާ."

ވަރަށް މަޖާވެލައިފައި އެހެން ބުންޏަސް، އޭނާގެ ކައިވެނިތައް ދިޔައީ އެންމެ އުފަލަކު ނޫނެވެ. އޭގެ ހިތާމަތައް، އޭނާ ވެސް އަދި އޭނާގެ އަނބިން ވެސް ކޮށްފައި އެބަހުއްޓެވެ. ދޮންމަނިކު ބުނާ ގޮތުން، އޭނާގެ މުޅި ހަޔާތުގައި އެންމެ ލަދުގަތް ދުވަހާއި އެންމެ ނުރައްކާތެރި ދުވަސް ވެސް ގުޅިފައި އޮތީ ކައިވެންޏާ އެވެ. އޭގެ މާ ބޮޑު ތަފުސީލަކަށް ނުގޮސް، އޭނާ ކިޔައިދިން އެއް ވާހަކައަކީ އޭނާގެ އަންބެއްގެ ލޯމަތި ފަޅާލި ވާހަކަ އެވެ.

"ވަރަށް ބަނޑުހައިވެފައި ހުރި ދުވަހެއް އެއީ. ގެއަށް އައިސް ކާއެއްޗެއް ދޭން ބުނީމަ ހަޅޭއްލަވަން ފެށީ. އޭރު މަގޭ އަތުގައި އޮންނާނެ ދަގަނޑު ބަރޯއެއް. ރުޅިއައިސްގެން ބަރޯ ހޫރާލީމަ އޭގެ މުއްގަނޑު ގޮސް އަންހެނުންގެ ލޯމަތީގައި ޖެހުނީ. ޖެހުނޭ ބުންޏަކަސް ބާރަކަށް ގޮސް ޖެހުނީ،" އޭނާ ބުންޏެވެ. އެކަމަކު، އޭގެ ފަހުން ދެން ވީ ގޮތްތައް ކިޔައިދޭން އޭނާ އިއުތިރާޒު ކުރި އެވެ.

ދޮންމަނިކު "މިހާރު" އާ ވާހަކަ ދައްކަނީ

ކައިވެންޏާ ގުޅިފައިވާ ލަދުވެތި ކަމުގެ ވާހަކައެކެވެ: "މަގޭ އޭރު އޮންނާނެ ހަތަރު އޮޑި މި ރަށުގައި. ހަތަރު އޮޑި ވެސް ދުއްވާނީ މަ. ދެން އަންހެނުން ކުއްލިއަކަށް ހިނގައްޖެ މާލެ. މަ ބަލާކަށް ނުހުރެ މި ރަށުން މީހަކާ އިނީ. އިންކަން މާލޭގައި ހުރި އަންހެނުންނަށް އެނގިއްޖެ. އޭނާ އަވަހަށް މި ރަށަށް ފުރައިގެން އައިއިރު މަ މިއޮންނަނީ ދޯނި ބާނައިގެން އައި ގޮދާތައް ގުނަން އަތިރިމަތީގައި. އޭނަ ރަށަށް ފައިބައި އެ އައިގޮތަށް އައިސް މަގޭ މުންޑުގަނޑު ޖަހައިގެންފި. މަ ހުރީ ވިހޭ ގޮތަށް. ދަރިޔަކު ވެސް ހުރި ކުރިމަތީގައި. ދެން ހެދޭނެ ގޮތެއް ވެސް ނެތް. މީހަކު އެއްލި ސުތުލި ގޯންޏެއް އަނދެލައިގެން ރަށުގެ އަތިރިމަތިން ގޮސް ގެއަށް ދިޔައީ. ލަދޭ ލަދުގަތް ދުވަހެއް އެއީ. ހަޔާތުގައި ވެސް ނާދޭ އެހާ ލަދުގަތް ދުވަހެއް."

ސައުވީސް ކައިވެންޏާ ހަމައަށް ދޮންމަނިކު ދާން ޖެހުނު ސަބަބެއް އޭނާ އަކަށް ވެސް ނޭނގުނުވެ. އެކަމަކު، އޭނާގެ މުޅި ވާހަކަތަކުން އެނގުނު އެއްޗަކީ އޭނާގެ ޒުވާން ކަމުގެ ޖޯޝް ވަރުގަދަ ކަމެވެ. އޭނާ ބުނާ ގޮތުން އުމުރުގެ ބޮޑުބައި ހޭދަކުރީ އަންހެނުން ހޯދުމުގަ އެވެ.

"ކޮންމެ ކައިވެންޏަކަށް ވެސް ދެ މަހެއްހާ ދުވަސްވީމަ އެ މީހެއްގެ މަތިން ފޫހިވަނީ،" އޭނާ ބުންޏެވެ.

"މި ކައިވެނި ނޫނީ އެންމެ ގިނަ ދުވަހު ވެސް އެއް ކައިވެންޏެއްގައި އެންމެ ގިނަ ދުވަހު ހުރެވުނީ ދެ އަހަރާ ތިން މަސް. ދެން ހަމަ ނުވެއް އުޅެވޭ. އުޅޭ ހިތެއް ވެސް ނުވޭ. ކީއްކުރަން އުޅެންވީ ވެސް. އެހާ ވެސް ރީތި ކުދިން މި ރަށުގައި އުޅުނު އޭރު."

"އޭރު ކަލޭމެން ބުނާކަށް އެއްވެސް ކަމެއް ނޫން މީހަކާ އިނުމަކީ. ދެކޮޅެއް ނުވޭ. އޭރު މަށަކީ ފިސާރި ރީތި މީހެއް. މި ރަށު މީހުން ތިބެނީ މަގޭ ފަހަތުން ދުވެދުވެ."

އެ ދުވަސްވަރު އޮންނަ އެއްކަމަކީ، ގިނަ މީހުންނާ އިނުމަކީ ވަރަށް ބޮޑު ފަޚުރެއް ކަމެވެ. އަނެއްކާ ކައިވެނީގެ ލިސްޓަށް މީހުން އިތުރުކުރެވޭނީ އެހާ ވެސް "ގަދަ މީހަކަ"ށެވެ.

"އޭރު ގޮސްފައި ބުނަން ޖެހޭނީ މިއައީ އިންނާށޭ. ވަރި ކުރަންވީމަ ހަމަ ބުނަންވީ ތިހިރީ ވަރިކޮށްފައޭ. އެހާ ވެސް ފަސޭހަ. މައިންބަފައިންގެ ރުހުމެއް ބޭނުމެއް ނޫން އިންނާކަށް. ރައްޓެހިވެގެން އުޅޭކަށް ނުޖެހޭ. އިންނަ އިރު ވެސް އޭގެ ކުރިން ވެސް އަދި ވަރިކުރީމަ ވެސް ދޭން ޖެހޭ އެއްޗެއް ވެސް ނޯވޭ. ރުފިޔާއަކަށް ބައިރުފިޔާ އަށް ރަން ކިޔާނެ،" ދެ ކައިވެންޏަށް ލިބުނު ހަތް ކުދިންގެ ބައްޕަ ކިޔައިދިނެވެ.

ސައުވީސް ކައިވެންޏާ ހަމައިން ދޮންމަނިކުގެ ހިތް ފުރުނީއެއް ނޫނެވެ. އޭނާ ބުނާ ގޮތުން ވަރަށް ގިނަ މީހުން އޭނާގެ ލިސްޓްގައި އޮތީ ޖަހައިފަ އެވެ. އެކަމަކު، އެ އެންމެން އޭނާއަކަށް ކާމިޔާބެއް ނުވި އެވެ.

ސައުވީސް ކައިވެންޏާ ހަމައިން ދޮންމަނިކުގެ ހިތް ފުރުނީއެއް ނޫނެވެ. އޭނާ ބުނާ ގޮތުން ވަރަށް ގިނަ މީހުންގެ ނަން އޭނާގެ ލިސްޓްގައި އޮތީ ޖަހައިފަ އެވެ. އެކަމަކު، އެ އެންމެން އޭނާ އަކަށް ކާމިޔާބެއް ނުވި އެވެ. އޭގެ ތެރެއިން އޭނާ ބޭނުންވި 11 މީހުންނާ އޭނާ އަށް ކައިވެނި ކުރެވުނެވެ.

"އެންމެން ނުވެސް ލިބޭނެތާ،" އޭނާ އެ ވާހަކަ ކުރުކޮށްލި އެވެ.

އޭނާގެ ބައެއް އަނބިން އެހެން މީހުންގެ އެދުމުގެ މަތިން ވަރި ވެސް ކޮށްދިނެވެ. އަދި ބައެއް ކައިވެނިތައް އެހެން މީހުންގެ އެދުމުގެ މަތިން އެއް ރެއަށް ވެސް ކޮށްދިނެވެ.

"ދެން ވިސްނާ މަ މި ބުނި އެއްޗެއް،" އޭނާ އެދުނެވެ.

ދޮންމަނިކު ބުނި ގޮތުގައި އޭނާގެ ބައެއް އަނބިންގެ ފަރާތުން ވަނީ ބޭވަފާތެރިކަން ވެސް ފެނިފަ އެވެ. އޭގެ އެއް މިސާލު ޖަހަމުން އޭނާ ބުނީ މި ރަށުގެ ވަރަށް މަތީ މީހަކު އެއް ދުވަހު އޭނާގެ އަންބަކާ އިންނަން ބޭނުންވެގެން އެދުނު ކަމަށެވެ.

"މަ ހަމަ ވަގުތުން ބުނެފިން އެހެރީ ވަރިކޮށްފައޭ ގޮސް އިންނާށޭ. ވަރި ކުރީމަ އޭނަ ގޮސް ނުވެސް އިން. ދެން އަންހެން މީހާ އައިސް އާދޭސް ވެސް ކުރި އިންނަން. އެކަމަކު މަ ނީނީ،" ދޮންމަނިކު ބުންޏެވެ.

އެއީ ކީއްވެތޯ އެހުމުން އޭނާ އެނބުރިލައިފައި ބަލާލި އެވެ؛

"ކީއްކުރަން އިންނަންވީ. މިހާރު އެނގިއްޖެއެއްނު ވީ ގޮތް."

ހަމަ އެގޮތަށް، މި ރަށުގެ އެހެން މީހަކު އޭނާގެ އަންހެނުން ވަރިކޮށްފައި އައިސް އޭނާއާ އިނދެދިނުމަށް ވެސް ދޮންމަނިކުގެ ކިބައިން އެދުނެވެ.

"އޭރު މަ އުޅުނީ ދޯންޏެއް ބަންނަން ލަކުޑި ނުލިބިގެން. އޭނާ ބުނެފި ތިމަންނަ ދީފާނަމޭ ހަތަރު ރުއް. މަ ގޮސް އެރޭ ދަންވަރު 12 ޖެހި އިރު އޭނާ އާ އިނދެފިން. އަނެއް ދުވަހު ވަރިކޮށްފިން،" ދޮންމަނިކު ބުންޏެވެ.

މި ކައިވެނި ނޫނީ އެންމެ ގިނަ ދުވަހު ވެސް އެއް ކައިވެންޏެއްގައި އެންމެ ގިނަ ދުވަހު ހުރެވުނީ ދެ އަހަރާ ތިން މަސް. ދެން ހަމަ ނުވެއް އުޅެވޭ. އުޅޭ ހިތެއް ވެސް ނުވޭ.

އެ ހަނދާންތަކުގެ ތެރެއަށް ދާކަށް އޭނާ މިހާރު ބޭނުމެއް ނުވެ އެވެ. އޭނާ ކައިވެނި ކުރި މީހުންގެ ތެރެއިން ހައެއްކަ މީހުން އަދިވެސް ދުނިޔޭގައި ތިބުމާ އެކު، އަދި ބައެއް މީހުން ނިޔާވެފައިވާތީ، އެއީ މި ޖީލަށް އިބުރަތަކަށް ވިޔަސް ބައެއް ވާހަކަތަކުގެ ހަގީގަތާ ހަމައަށް ދާކަށް އޭނާ ބޭނުމެއް ނުވެ އެވެ. އެކަމަކު އޭނާ ބުނާ ގޮތުން، މުޅި އުމުރު އެގޮތަށް އުޅެވުމަކީ އޭނާ ހިތާމަ ކުރާނެ ކަމެއް ވެސް ނޫނެވެ. އަދި އުފާ ކުރާނެ ކަމެއް ވެސް ނޫނެވެ.

"އޭރު އެކަން އޮންނަ ގޮތް އެއީ،" ދޮންމަނިކު ބުންޏެވެ.

"އެކަމަކު މިހާރުގެ ކުދިންނަކަށް މަށެއް ނަސޭހަތެއް ނުދޭނަން އެހެން އުޅޭކަށް."

އޭނާ ބުނާ ގޮތުން އެންމެ ބޮޑު ނަސީބަކީ އޭނާގެ ދަރިންނެވެ. އޭނާގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަހަކީ ވެސް އެންމެ ފުރަތަމަ ދަރިފުޅު ލިބުނު ދުވަހެވެ. އަދި މިހާރު އެންމެ އުފާވަނީ ހުރިހާ ދަރިން ބޮޑެތިވެ، ޒިންމާދާރު ވަޒީފާތަކުގައި އުޅޭތީ އެވެ. އަނެއްކޮޅުން މިހާރުގެ އަނބިމީހާއާ އެކު އޭނާ އުޅެމުން އަންނަނީ އުފާވެރިކަމާއި ހިތްހަމަޖެހުމުގަ އެވެ.

"ދެމަފިރިން ވެގެން ފިހާރައެއް ހުޅުވައިގެން އެތަން ހިންގަނީ. އެ އަށް ވުރެ އުފާވެރި ކަމެއް އެބައޮތް؟،" އޭނާ ސުވާލު ކުރި އެވެ.

އަދިވެސް މީހަކާ އިނދެފާނަންތޯ އާއި މީހަކާ އިނުމުގެ ހިޔާލު އަދިވެސް އޮވޭތޯ އެހުމުން އޭނާ ހީނލި އެވެ.

"މަ މިހާރު މުސްކުޅިވެއްޖެ. ހުރިހާ ކަމެއް ވެސް މުސްކުޅިވެއްޖެ. ރަނގަޅަކަށް ނުވެސް ފެނޭ."



More from Mihaaru