އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ އިސްމާއިލް ޝަފީޢު 19 މާޗް 2024 ގައި ރައްޔިތުންގެ މަޖިލިސްގައި ދެއްކިވާހަކަތަކާމެދު ކަންބޮޑުވުން ފާޅުކޮށްނެރޭ ނޫސްބަޔާން

Thu, 21 Mar 2024 04:01 PM

View on this article on MDP

އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ އިސްމާއިލް ޝަފީޢު 19 މާޗް 2024 ގައި ރައްޔިތުންގެ މަޖިލިސްގައި ދެއްކިވާހަކަތަކާމެދު ކަންބޮޑުވުން ފާޅުކޮށްނެރޭ ނޫސްބަޔާން

19 މާރިޗު 2024 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ އިސްމާއީލް ޝަފީއު ދެއްކެވި ބައެއް ވާހަކަ ތަކަކީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ވާހަކަ ތަކެކެވެ.



ފުރަތަމަކަމަކަށް ކުއްލިއަކަށް ދަރިވަރުންގެ އިމްތިހާނުތައް ބާއްވާ ތާރީޚަށް ކުރިން އެންގުމަކާނުލާ ގެނެވުނު ބަދަލުގެ ސަބަބުން ދަރިވަރުންނަށް ލިބުނު ކުއްލި ޝޮކާއި އަދި މިނިސްޓްރީގެ ރޭވުންތެރިކަމެއް ނެތުމުން ކުރަން މަޖުބޫރުވީ ކަންތައް މި ޕާޓީގެ މަޖިލިސް މެމްބަރުންގެ ބޮލުގައި އަޅުވާ މިނިސްޓްރީގެ ވެރިންގެ ނާޤާބިލުކަން ފޮރުވަން ހެއްދެވި އިތުރުފުޅު ކުށްވެރިކުރަމެވެ. މިނިސްޓްރީން، 8 ޖަނަވަރީ 2023 ގައި އާއްމު ކުރި ދިރާސީ ކަލަންޑަރުގައިވާ ގޮތުން ދަރިވަރުންގެ އިމްތިހާނު ޝެޑިއުލްކޮށްފައިވަނީ 16 މާރިޗްއިން 27 އޭޕްރިލްއަށެވެ. އަދި 27 އޭޕްރިލްގައި އިމްތިހާނުތައް ނިމުމުން ޕޭޕަރުތައް މާރކުކޮށް ދަރިވަރުންގެ ރިޕޯރޓު ތައްޔާރުކުރަން ޓީޗަރުންނަށް ލިބޭނީ އެންމެ 3 ދުވަހެވެ. މިއީ ހަމަ ގައިމުވެސް މުދައްރިސުންނަށް ވަރަށް ބުރަކަމަކަށް ވެގެންދާނެއެވެ. މިކަމާ ގުޅޭ ޝަކުވާތައް ޓީޗަރުން ދިޔައީ ކުރަމުންނެވެ. އަދި އޭރު ދިރާސީ ކަލަންޑަރު ހެދިފައިވާ ގޮތުން ރޯދަމަހުގެ ފަހު 10 އެއްގެ ބަންދާއި އީދު ބަންދަށް ފަހު އިމްތިހާނު ފެށުމުގެ ކުރިން ކިޔަވައިދޭން ލިބެނީ އެންމެ 2 ދުވަހެވެ. އަދި މިގޮތަށް އިމްތިހާނުތައް ޝެޑިއުލްކުރިއިރު މި އަހަރުގެ އެސްއެސްސީ އިމްތިހާނު 25 އޭޕްރިލްގައި ފެށޭކަން ކަލަންޑަރު ހެއްދެވި ބޭފުޅާއަށް އެނގިފައިވާހެނެއް ހިޔެއް ނުވެއެވެ. މިކަން އެނގުމުން އެސްއެސްސީ އިމްތިހާނު ފެށުމުގެ ކުރިން، 25 އޭޕްރިލްއަށް އިމްތިހާނުތައް ނިންމުމުގެ މަޤްޞަދުގައި 2 ދުވަސް ކުރިއަށް ޖައްސާނަމަ އިމްތިހާނު ފަށަން ޖެހޭނީ ބަންދަށްފަހު ހުޅުވޭ ދުވަހުއެވެ. މިގޮތަށް ނުހެދޭނެތީ މިހާރު އެވަނީ ރޯދަ މަހުގެ ފަހު 10 އަކަށް ބަންދުވުމުގެ 2 ދުވަސް ކުރިއަށް އިމްތިހާނު ފެށުމަށް ހަމަޖައްސާފައެވެ. މި ދެއުޅިއެއްނުވާ ނިންމުން ނިންމާފައިވަނީ މަޖިލިސްގެ ކޮން ޕްރެޝަރެއް އޮވެގެންބާއެވެ.

އަވަސްއަރުވާލައިގެން ވައުދެއް ފުއްދުމުގެ ބޭނުމުގައި ދިރާސީ ކަލަންޑަރަށް ގެނައި ބަދަލާ ގުޅިގެން އައި ޕްރެޝަރު ކުޑަކުރުމަށްޓަކައި މަޖިލިސް މެމްބަރުންގެ ބޮލުގައި އެކަން އަޅުވައިފާ، ދަރިވަރުންގެ އިމްތިހާނު އަވަސްކޮށް އިތުރު ޕްރެޝަރަށް ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުން ވައްޓާލުމުގެ ސަބަބުން އަގު ނުކުރެވޭނެ ފަދަ ގެއްލުންތައް ތަޢުލީމީ ނިޒާމަށްދަނީ ކުރަމުންނެވެ.

މި ދިޔަ އަހަރުން ފެށިގެންވެސް އެމްޑީޕީގެ މަޖިލިސް މެމްބަރުން ދިޔައީ ރޯދަމަސް ނޫން ދުވަސްވަރެއްގައި މަޖިލިސް އިންތިހާބު ބޭއްވުމުގެ ވާހަކަ ދައްކަމުންނެވެ. މި ސަރުކާރުން ދިރާސީ ކަލަންޑަރަށް ބަދަލު ގެނައީވެސް އެވާހަކަ ދައްކަމުންދަނިކޮށެވެ. މަޖިލިސް އިންތިހާބުގެ ތާރީހަށް ގެނެވުނު ބަދަލާ ދިރާސީ ކަލަންޑަރަށް ގެނެވުނު ބަދަލާ އެއްވެސް ގުޅުމެއްނުފެނެއެވެ. މިހާތަނަށްވެސް ކޮންމެ 5 އަހަރަކުން އެއް ފަހަރު ރައްޔިތުން މަޖިލީހުގެ އިންތިހާބުތައް ދިޔައީ ބާއްވަމުންނެވެ. މީގެ ކުރިން ދަރިވަރުންނަށް މިފަދަ ގެއްލުމެއް ދީފައެއް ނުވެއެވެ.

އަދި ދަރިވަރުން ދުޅަހެޔޮ ހަށިހެޔޮ ސިއްހަތެއްގައި ތިބެ އުނގެނުމަށް މަގުފަހި ކުރުމަށް ސްކޫލު މެދުވެރިކޮށް ހިންގާ އިތުރު ހަރަކާތްތައް މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށޭ ބުނެ ހުއްޓާލާ، ދިރާސީ އަހަރު ކުރުގަޅުވާލާ ހަފްތާ ބަންދެއް ރޭނގަޑެއް ރަސްމީ ބަންދެއް ބެލުމެއްނެތި މުދައްރިސުން ތާ އަބަދު މަސައްކަތުގައި ތިބުމަށް މަޖުބޫރުކުރުމުގެ ސަބަބުން ޓީޗަރުން ނަފްސާނީވެ އާއިލީ ގުޅުންތައް ހީނަރުވަމުންދާ ކަމުގެ ޝަކުވާތައް ޓީޗަރުން ދަނީ ކުރަމުންނެވެ. ޓީޗަރުންނާ ދޭތެރޭ ވިސްނާ ބައެއް ނަމަ މިފަދަ ބޮޑު ބުރައެއް ޓީޗަރުންނަށް ނުޖައްސާނެކަން ގައިމެވެ. އަދި އިތުރު ހަރަކާތްތައް ހުއްޓާލާފައިވެސް ވަނީ ދިރާސީ އަހަރު ކުރުގަޅުވާލުމުގެ ސަބަބުން މަންހަޖުގެ ބައިތައް ނިންމުމަށް އިތުރު ވަގުތު ހޭދަކުރަން ޖެހޭތީ އެބައިތައް ސްކޫލުތަކުގައި ކުރެވެން ނެތުމުންކަން އެންމެނަށްވެސް އެނގެއެވެ.

އެއްވެސް މަޝްވަރާއެއް ރޭވުމެއް ނެތި ދަރިވަރުންނަށް ކުރާނެ އަސަރަށް ނުބަލާ މިހެން ނިންމާ ނިންމުން ތަކުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރު ދަރިވަރުންނަށް ކުރާނެކަމީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެކެވެ. އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން ދަރިވަރުންނާ ގުޅޭ ނިންމުންތައް ނިންމުމުގައި ޒިންމާދާރުވުމަށް މި ޕާރޓީގެ ފަރާތުން ގޮވާލަމެވެ.

21 މާރޗް 2024



More from MDP