ސަރުކާރުން މަޖިލިސް އިންތިހާބަށް ނުފޫޒުފޯރުވުމަށް ފާޅުގައި ވަޒީފާގެ ބިރުދެއްކުން ކުށްވެރިކުރުން

Sat, 13 Apr 2024 05:10 PM

View on this article on MDP

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް/ޕީއެންސީން ދަނީ ވަރަށް ފާޅުކަން ބޮޑުކޮށް ފުޅާދާއިރާއެއްގަ ސަރުކާރު މުވައްޒަފުން އެމީހުން ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދޭނަމަ އެ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކާ އަދި ސަރުކާރުގެ ކުންފުނިތަކަށް އޮފީސްތަކަށް މުވައްޒަފުން ނެގުންވެސް ޕީއެންސީގެ ކެންޑިޑޭޓުންނަށް ދޫކޮށްލުމަށް ގޮވާލަމުންނެވެ. ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ސަރުކާރުން މިހިންގާ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި މިއީ މި އިންތިހާބުގައި ހިންނަވަރު ދާއިރާއަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުގެ ކެމްޕެއިން ޖަލްސާއެއްގައި ދައްކާފައިވާ ވާހަކައެއްކަމުން މި ކަން އިލެކްޝަންސް ކޮމިޝަނުން މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ގޮވާލަމެވެ.
މި އިންތިހާބުގެ ކެމްޕެއިންގައި ސަރުކާރުން ދަނީ ޕީއެންސީ ކެންޑިޑޭޓަށް ވޯޓު ނުދޭ މީހުން ނުހައްގުން ވަޒީފާތަކުން ވަކިކޮށް ޕީއެންސީ ކެންޑިޑޭޓަށް ވޯޓު ދޭނެ މީހުންނަށް ވަޒީފާތަކަށް ނަގަމުންނެވެ. ހިންނަވަރު ދާއިރާއަށް ވާދަކުރާ ޕީއެންސީ ކެންޑިޑޭޓުގެ ކެމްޕެއިން ޖަލްސާގައި ދެއްކި ވާހަކައިން މިކަން ސަރުކާރުން ހިންގާ ގޮތް އެއޮތީ ވަރަށް ސާފުކޮށް ކިޔައިދީފައެވެ.
މީގެ އިތުރުން ސަރުކާރުން ދަނީ މި ކެމްޕެއިންގައި ދައުލަތުގެ ވަސީލަތްތައް ވަރަށް ފާޅުގަ ނަހަމަގޮތުގައި ބޭނުންކުރަމުންނެވެ. މިކަމުންވެސް އެނގިގެންދަނީ ސަރުކާރުން ރައްޔިތުންނަށް ހެދި ދޮގާއި އޮޅުވާލުންތައް ފަޅާއަރަމުންދާތީ ރައްޔިތުން އެކަމާ ދެކޮޅަށް މި އިންތިހާބުގައި ވޯޓު ދޭނެތީ ރައްޔިތުންނަށް ބިރު ދެއްކުމަށް ކުރާ ކަމެއް ކަމެވެ.
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ސަރުކާރަށް ގޮވާލަނީ ރައްޔިތުންގެ ވޯޓު ހޯދުމަށް އެ މީހުންނަށް ވަޒީފާގެ ބިރު ނުދެއްކުމަށާއި އަދި އިލެކްޝަންސް ކޮމިޝަނުން މިކަން ބައްލަވާ ވީހާވެސް އަވަހަށް ގާނޫނީ ފިޔަވަޅު އެޅުމަށެވެ.



13 އޭޕްރިލް 2024



More from MDP