2024 ގެ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އެމް.ޑީ.ޕީ އިން ނެރޭ ނޫސްބަޔާން

Fri, 08 Mar 2024 04:57 PM

View on this article on MDP

2024 ގެ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އެމް.ޑީ.ޕީ އިން ނެރޭ ނޫސްބަޔާން

އެމް.ޑީ.ޕީގެ ފަރާތުން ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދީ ރާއްޖޭގެ ހުރިހާ އަންހެނުންނަށް، އަދި ވަކިން ޚާއްސަކޮށް އެމް.ޑީ.ޕީގެ އަންހެނުންގެ ރޫހުގެ ހުރިހާ އަންހެނުންނަށް އަރިސް ކުރަމެވެ.
މި ޕާޓީއިން މިއަދު ދޭންބޭނުންވާ ޔަގީންކަމަކީ އެމް.ޑީ.ޕީއިން އަންހެނުން ބާރުވެރި ކުރުމަށާއި، ޤައުމުގެ ހުރިހާކަމެއް ބައްޓަން ކުރުމުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް ކުރަމުން މިދާ މަސައްކަތުގައި ސާބިތުކަމާއެކު ދެމިހުންނާނެކަމެވެ.
އެމް.ޑީ.ޕީ ޑިމޮކްރަސީއަށްކުރި ދަތުރުގައި އަންހެނުންނަކީ އެންމެ ކުރީސަފުގައި ހަރަކާތްތެރިވެ، މިގެނެވުނު ހެޔޮބަދަލުތަކުގެ އެންމެބޮޑު އެއް ހިއްސާދާރުކަން ފާހަގަކޮށް، މި މުނާސަބު ދުވަހު، މިމަސައްކަތުގައި ބައިވެރިވި ހުރިހާ އަންހެނުންނަށް ޝުކުރާއި މަރުހަބާ ދަންނަވަމެވެ.
އެމް.ޑީ.ޕީގެ ސިޔާސަތުތައް ބައްޓަންކުރުމުންފެށިގެންގޮސް އެކަންކަން ތަންފީޒުކުރުމާ ހަމަޔަށް، އަންހެނުންގެ ހިއްސާއޮތްކަމުގައި ވިޔަސް، އަދިވެސް އެކަޝީގެންވާ މިންވަރަށް އެހިއްސާނެތްކަން މި ޕާޓީއިން ގަބޫލުކުރަމެވެ. އަދި ލީޑަރޝިޕް މަގާމުތަކުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް މި ޕާޓީއިން ގަބޫލުކުރާ ހާލު، 2018 އިން 2023 އަށް އޮތް އެމް.ޑީ.ޕީގެ ކޯލީޝަން ސަރުކާރުން މިކަންކަން ރަނގަޅު ކުރުމަށް އަގުހުރި މަސައްކަތްތަކެއް ކުރެވިފައިވާކަންވެސް ފާހަގަކުރަމެވެ.
މިގޮތުން ވަޒީރުކަމުން ފެށިގެންގޮސް ސަރުކާރުގެ އެހެނިހެން އިސް މަގާމުތަކަށް ގިނައަދަދެއްގެ އަންހެނުން އައްޔަނު ކުރެވިފައިވެއެވެ. އަދި އެމްބަސީތަކާއި ހައިކޮމިޝަންތަކުގެ އެންމެ އިސްވެރިންނަށް އަންހެނުންނާ ފިރިހެނުން ހަމަހަމައަށް އައްޔަނުކުރެވިފައިވެއެވެ. އަންހެނުންނަށް ހާއްސަ ލޯނުތަކާއި އިގްތިސޯދީ މަސައްކަތްކުރުމަށް އެހީތެރިވެދިނުމަށް ހާއްސަ ޕްރޮގްރާމްތައް ހިންގުނެވެ. އަންހެނުންނަށް ވިހެއުމުގެ ޗުއްޓީގެ ގޮތުގައި 6 މަސްދުވަސް ކަނޑައަޅާ، ދަރިއަކު ލިބުމާގުޅިގެން ފިރިހެނުންނަށްވެސް 1 މަސް ދުވަހުގެ ޗުއްޓީ ލިބޭނެގޮތް ހަދާދެވުނެވެ.
ސިޔާސީ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް އެމް.ޑީ.ޕީ ސަރުކާރުން ކުރި އެންމެ މުހިންމުކަމެއްގެ ގޮތުގައި ކައުންސިލްތަކުން އަންހެނުންނަށް ޚާއްސަ ކުރެވުނު %33 ގެ ކޯޓާ ފާހަގަކުރަމެވެ. މީގެ ސަބަބުން އެތައް އަންހެން ލީޑަރުންނެއް އުފެދިގެން ދިޔަކަން އުފަލާއެކު ފާހަގަ ކުރަމެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އިތުރަށް ބާރުވެރިކުރުމަށް އެކޮމިޓީތަކަށްދޭ ފައިސާގެ އަދަދުވެސް ވަނީ އިތުރުކުރެވިފައެވެ.
ފުރަތަމަފަހަރަށް ސުޕްރީމްކޯޓަށް އަންހެން ފަނޑިޔާރުން އައްޔަނުކުރެވިފައިވަނީވެސް އެމް.ޑީ.ޕީގެ ފާއިތުވި 5 އަހަރުގެ ވެރިކަމުގެތެރޭގައިކަމީ މި ޕާޓީއިން ފަޚުރުވެރިކަމާއެކު ފާހަގަކުރާކަމެކެވެ.
ރައްޔިތުންގެމަޖިލީހުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަކީ ކޮންމެހެންވެސް ކުރަންޖެހިފައިވާކަމެއްކަން މިޕާޓީއިން ގަބޫލުކުރާހިނދު، މި ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސް އައްޑޫމީދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު ރޮޒައިނާ އާދަމް މިވަގުތު ޤާނޫނު އަސާސީގެ 71 ވަނަ މާއްދާއަށް ހުށައަޅުއްވާފައިވާ އިސްލާހުގެ ތެރެއިން، މި މައްސަލައަށް ރަނގަޅު ހައްލެއް ހޯދާދިނުމަށް މި ޕާޓީއިން މަސައްކަތް ކުރާނަމެވެ.
އެމް.ޑީ.ޕީއިން އުންމީދުކުރަނީ މި މަސައްކަތުގައާއި އަދި މޯލްޑިވްސް ޖެންޑަރ އީކުއޭލިޓީ އެކްޝަން ޕްލޭންގައިވާ ކަންތައްތައް ހާސިލް ކުރުމަށް މި ޕާޓީއިން ކުރަމުން މިދާ މަސައްކަތްތަކުގައި، ހުރިހާ ސިޔާސީ ޕާޓީތަކެއްގެ އެއްބާރުލުން ލިބޭނެކަމަށެވެ. އަންހެނުން ބާރުވެރިކުރުމަށް މި ކުރާމަސައްކަތަކީ ގައުމީ އިންވެސްޓްމަންޓަކަށް ވީހިނދު، މިކަން ހާސިލް ކުރެވޭނީ ހުރިހާ ފަރާތްތަކުގެ އެއްބާރުލުމާއެކުގައި ކަމަށް މި ޕާޓީއިން ގަބޫލުކުރަމެވެ.
އަޅުގަނޑުމެންގެ ދުއާއަކީ ރާއްޖޭގެ އިގްތިސޯދު ބިނާކުރުމުގައި އަންހެނުންނާ ފިރިހެނުންގެ ހިއްސާ ހަމަހަމަކަމާއެކުއޮވެ، ރާއްޖެއަކީ އިގްތިސޯދީގޮތުން ފުދުންތެރި، އުފާފާގަތި ރައްޔިތުން ދިރިއުޅޭ ގައުމެއްގެ ގޮތުގައި މާތް ﷲ ލެއްވުމެވެ. އާމީން.



8 މާރޗް 2024



More from MDP