އިލްމު ހޯދުމަށް މަސައްކަތް ކުރުމަކީ ސުވަރުގެއަށް ވާސިލު ކޮށްދޭނެ ކަމެއް: ޚުޠުބާ

Fri, 24 May 2024 01:58 PM

View on this article on Masverin

އިލްމު ހޯދުމަށް މަސައްކަތް ކުރުމަކީ ސުވަރުގެއަށް ވާސިލު ކޮށްދޭނެ ކަމެއް: ޚުޠުބާ

އިލްމު ހޯދުމަށް މަސައްކަތް ކުރުމަކީ ސުވަރުގެއަށް ވާސިލު ކޮށްދޭނެ ކަމެއް ކަމަށް ހުކުރު ޚުޠުބާގައި ބުނެފިއެވެ.



މިއަދުގެ ހުކުރު ޚުޠުބާ ހާއްސަ ކޮށްފައި ވަނީ ތައުލީމީ ދިރާސީ އާ އަހަރަށެވެ.

ޚުޠުބާގައި ބުނީ، އިލްމަކީ މާތް ﷲ އެކަލާނގެ އަޅުތަކުންނަށް ދެއްވާ ނޫރެއް ކަމަށެވެ. އަދި އިލްމުގެ ތެރޭގައި ތިމާ ދުނިޔެ އާރާސްތު ކުރުމަށް ބޭނުންވާ އިލްމާއި އާޚިރަތުގެ ހެވާއި ލާބަ ލިބުމަށް ބޭނުންވާ އިލްމު ހިމެނޭ ކަމަށް ހުތުބާގައި ބުންޏެވެ.

"އިލްމުގެ ތެރެއިން އެންމެ މާތް މަތިވެރި އިލްމަކީ އަރަހުށި މާތް ﷲ ގެ އެއްކައުވަންތަކަން މަޢުރިފާކޮށް ދެނެގަތުމުގެ ޢިލްމުކަން ކަށަވަރު. އިލްމުގެ އަހުލުވެރިންނަކީ މާތް ﷲ އެބައެއްގެ ދަރަޖަ މަތިވެރި ކުރައްވާފައިވާ ބައެއް" ޚުޠުބާގައި ބުންޏެވެ.

ޤުރުއާނުގައި މާތް ﷲ އިލްމުވެރިންނަށް ތައުރީފުގެ ބަސް ވަހީ ކުރައްވާފައިވާ ކަމަށް ޚުޠުބާގައި ބުންޏެވެ.

މީގެ އިތުރުން ޚުޠުބާގައި ބުނީ، މާތް ﷲ ގެ މަގުގައި މީހަކަށް ކުރެވޭނެ އެންމެ ހެޔޮ އަމަލުގެ ތެރޭގައި، އިލްމު ހޯދުމަށް މަސައްކަތް ކުރުން ހިމެނޭ ކަމަށެވެ.

އަހަރެމެންގެ ތެރެއިން ކޮންމެ މީހަކުވެސް ސުވަރުގެއަށް ދިއުމަށް ޝައުގުވެރިވާނެ ކަމަށާއި، މާތް ﷲ ގެ ވަޖުހުފުޅަށްޓަކައި އިލްމު ހޯދުމަށް މަސައްކަތް ކުރުމަކީ ސުވަރުގެއަށް ދިއުމަށް ކޮށޭ މަގެއް ކަމަށް ޚުޠުބާގައި ބުންޏެވެ.

އޭގެ އިތުރުން ޚުޠުބާގައި ބެލެނިވެރިންނަށް ހަނދާން ކޮށްދީފައި ވަނީ ދަރިންނަށްޓަކައި ދުއާ ކުރާށެވެ. ދުނިޔެއާއި އާޚިރަތުގައި މަންފާ ކުރާނެ އިލްމު ދަރިންނަށް ހޯދައިދިނުމަށް އެހީތެރިވެދިނުމަށް ޚުޠުބާގައި ގޮވާލިއެވެ.

ޚުޠުބާގައި ދަރިވަރުންނަށް ނަސޭހަތް ދީފައި ވަނީ، މާތް ﷲ އެންގެވި ގޮތަށް އަމަލުތައް ބަހައްޓައި، މައިންބަފައިންނަށް ހެޔޮކޮށް ހިތައި، މުދައްރިސުންނަށް އިހުތިރާމުކޮށް، އިލްމު ހޯދުމަށް ގަދައަޅާ މަސައްކަތް ކުރުމަށެވެ.

މަދަރުސީ މަރުހަލާއަކީ، ނިމުމަށްފަހު އަލުން ލިބޭނެ މަރުހަލާއެއް ނޫންކަން ޚުޠުބާގައި ވަނީ ދަރިވަރުންނަށް ހަނދާންކޮށްދީފައެވެ.

ތައުލީމީ ފުރުސަތަށް އެދިއެދި ތިބި އެތައް ހާސް ކުދިންނެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބިކަން ހަނދާންކޮށްދެމުން ޚުޠުބާގައި ބުނީ، ލިބިފައި މިވާ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފަންވާނެ ކަމަށެވެ.



More from Masverin