މިފަހަރުގެ "އަހާ" ފޯރަމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމު ބައިވެރިވާނެއެވެ.
"އަހާ" ފޯރަމަކީ ސަރުކާރުގެ ވުޒާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ މައުލޫމާތު ހިއްސާކޮށް ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ ވަޒީރުންގެ ޕަބްލިކް ފޯރަމެކެވެ. މި ފޯރަމުގެ ދެވަނަ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހުއެވެ.
ވަޒީރުންގެ ޕަބްލިކް ފޯރަމަކީ ސަރުކާރުން ކޮންމެ ދެ މަހަކުން އެއް މަހު ބާއްވާގޮތަށް ނިންމަވާފައިވާ ފޯރަމެކެވެ. މި ފޯރަމުގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްކާ ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ އިތުރުން ރައްޔިތުންގެ ހުރި ސުވާލުތަކަށް ވަޒީރުން ޖަވާބުދެއްވާނެއެވެ.
ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުން:
- ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު: މުޙައްމަދު އަމީން
• ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު: ޢަލީ އިޙްސާން
• މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު: އަޙްމަދު ޝިޔާމް
• މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު: ޑރ. މަރްޔަމް މާރިޔާ
• ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު: އިބްރާހީމް ވަޙީދު
ވަޒީރުންގެ ޕަބްލިކް ފޯރަމްގައި ބައިވެރިވެ ސުވާލުކުރުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލާފައިވާއިރު، ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމުގެ އިތުރުން، ފޯނުން ގުޅައިގެންނާއި އެސްއެމްއެސްގެ ޒަރިއްޔާއިން އަދި ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ފޯރަމަށް ސުވާލު ފޮނުވޭނެ އިންތިޒާމް ވަނީ ހަމަޖައްސަވާފައެވެ.
މި ފޯރަމަށް އެސްއެމްއެސް މެދުވެރިކޮށް ސުވާލު ފޮނުވާނީ AH ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރެއްވުމަށްފަހު، ކުރަން ބޭނުންވާ ސުވާލު ލިޔުއްވުމަށްފަހު 300 އަށެވެ.
"އަހާ" ގެ ނަމުގައި ކުރިއަށްގެންދާ މި ފޯރަމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ ފޯރަމެކެވެ. ދެ ގަޑިއިރަށް ކުރިއަށްގެންދާ މި ފޯރަމް އޮންނާނީ މިމަހުގެ 29 ވާ ހޯމަ ދުވަހުގެ ރޭ 20:30 ގައެވެ.