ޝަންގްރިއްލާ ވީ އެންމެ އަވަހަކަށް ހުޅުވުމަށް މިދަނީ މަސައްކަތް ކުރަމުން: ފައިސަލް

Wed, 23 Oct 2024 11:12 AM

View on this article on Khabaru Online

ޝަންގްރިއްލާ ވީ އެންމެ އަވަހަކަށް ހުޅުވުމަށް މިދަނީ މަސައްކަތް ކުރަމުން: ފައިސަލް

ޝަންގްރިއްލާ ވީ އެންމެ އަވަހަކަށް ހުޅުވުމަށް މަސައްކަތް ކުރަމުންދާކަމަށް ޓުއަރިޒަމް މިނިސްޓަރ އިބުރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.



ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެފައިވަނީ އައްޑޫ ޝަންގްރިއްލާ ރިސޯޓް ހުޅުވުމަށްޓަކައި ޓޫރިޒަމް ޤާނޫނަށް ބަދަލެއް ގެންނަން ޖެހޭނަމަ އެކަންވެސް ކުރައްވާނެ ކަމަށެވެ.

މިނިސްޓަރު ފައިސަލް ވިދާޅުވިގޮތުގައި، އަހަރުތަކެއް ވަންދެން ޝަންގްރިއްލާ ރިސޯޓު ބަންދުކޮށްފައި އޮތުމަކީ ސަރުކާރުން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ. އެގޮތުން މި ރިސޯޓު އަލުން ހުޅުވުމަށްޓަކައި، އެތަނުގެ މެނޭޖްމަންޓުގައި ހިމެނޭ ރާއްޖޭގައި ތިއްބެވި ފަރާތްތަކާ ބައްދަލުކުރައްވާފައިވާ ކަމަށާއި، ރާއްޖެއިން ބޭރުގައި ތިއްބެވި ފަރާތްތަކާވެސް އަވަހަށް ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އައްޑޫގެ ފަތުރުވެރިކަމަށް ޝަންގްރިއްލާއަކީ ވަރަށް މުހިންމު އިންވެސްޓްމަންޓެއްކަން ފާހަގަކުރައްވަމުން، މިނިސްޓަރު ފައިސަލް ވިދާޅުވީ، ރިސޯޓެއް ތަރައްޤީކުރުމަށްފަހު ބަރާބަރަށް ކުލި ދައްކާނަމަ އެރަށެއް އަނބުރާ އަތުލެވޭނެ ގޮތެއް ފަތުރުވެރިކަމުގެ ޤާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިނުވާ ކަމަށެވެ. އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގެންފައިވާ ގޮތުގެމަތިން، ޝަންގްރިއްލާ ވީހާވެސް އަވަހަކަށް ހުޅުވުމަށް ޓޫރިޒަމް މިނިސްޓްރީން މަސައްކަތްކުރަމުންދާ ކަމަށް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ޓެކްސް ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާޙުތަކަކީ މިވަގުތު ކޮންމެހެން ގެންނަންޖެހޭ ބަދަލުތަކެއް ކަމަށާއި، މި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރު ފައިސަލް ވިދާޅުވިއެވެ.



More from Khabaru Online