ޓޫރިޒަމަށް ދޫކޮށްފައިވާ ގިނަ ދުވަސްވީ ރަށްތަކާމެދު ގޮތެއް ނިންމަން ގާނޫނު އިސްލާހު ކުރަނީ

Wed, 23 Oct 2024 10:54 AM

View on this article on Khabaru Online

ޓޫރިޒަމަށް ދޫކޮށްފައިވާ ގިނަ ދުވަސްވީ ރަށްތަކާމެދު ގޮތެއް ނިންމަން ގާނޫނު އިސްލާހު ކުރަނީ

ޓޫރިޒަމަށް ދޫކޮށްފައިވާ ގިނަ ދުވަސްވީ ރަށްތަކާމެދު ގޮތެއް ނިންމުމަށްޓަކައި ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅަން ނިންމާފައިވާ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ މިއަދު މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.



މި މައްސަލައާ ގުޅިގެން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން، މިނިސްޓަރު ފައިސަލް ވިދާޅުވީ، މިނިސްޓަރުކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ކުރެއްވި މަސައްކަތަކީ މިކަން ދިރާސާކުރުން ކަމަށެވެ. އެގޮތުން ދަފްތަރެއް އެކުލަވާލެވިފައިވާއިރު، މިހާތަނަށް 58 ރަށް މި ދަފްތަރުގައި ހިމެނޭ ކަމަށާއި، އޭގެ ތެރެއިން ތިން ރަށަކީ ހދ. އަތޮޅުގެ ރަށްތަކެއް ކަމަށް ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މި ރަށްތައް މާކެޓަށް ނެރެވޭނެ ގޮތެއް ހޯދުމަށްޓަކައި "ޑިސްޕްރެސް އައިލެންޑް" ގެ ނަމުގައި ކޮމިޓީއެއް އުފައްދައި، ރަށްތައް ނަގާފައިވާ ފަރާތްތަކާ މަޝްވަރާކުރެވިފައިވާ ކަމަށެވެ. އަދި މި ރަށްތަކުގެ ތަރައްގީގެ މަސައްކަތް ގޮސްފައިވާ ހިސާބާއި ދިމާވެފައިވާ ގޮންޖެހުންތައް ހިމެނޭ ޕޮލިސީ ޕޭޕަރެއް އިކޮނޮމިކް ކައުންސިލަށް ހުށަހަޅާފައިވާނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ފައިސަލް ވިދާޅުވިގޮތުގައި، މި އިސްލާހު ހުށަހެޅުމަށް ނިންމާފައިވަނީ ރަށްތައް ޓާމިނޭޓް ކުރުމުން އެ ފަރާތްތަކުން ކޯޓަށް ގޮސް އެކަށީގެންނުވާ ބަދަލުތަކެއް ހޯދަމުންދާކަން ފާހަގަކުރެވިގެން، އޭޖީއާ މަޝްވަރާކުރުމަށްފަހުގައެވެ. އަދި އަންނަ މަހު މި އިސްލާހު މަޖިލީހަށް ހުށަހެޅިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

The post ޓޫރިޒަމަށް ދޫކޮށްފައިވާ ގިނަ ދުވަސްވީ ރަށްތަކާމެދު ގޮތެއް ނިންމަން ގާނޫނު އިސްލާހު ކުރަނީ first appeared on Khabaru Online.



More from Khabaru Online