މޯލްޑިވިއަންއިން ކޮލަމްބޯއަށް ދަތުރުތައް ފަށައިފި

Fri, 26 Apr 2024 12:25 AM

View on this article on Khabaru Online

މޯލްޑިވިއަންއިން ކޮލަމްބޯއަށް ދަތުރުތައް ފަށައިފި
ގައުމީ އެއާލައިން މޯލްޑިވިއަން އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސްރީލަންކާގެ ކޮލަމްބޯއަށް ސީދާ ދަތުރުތައް މިއަދު ފަށައިފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ހަވީރު 20:09 ގައި 150 ފަސިންޖަރުންނާއެކު ފުރަތަމަ ފްލައިޓް، މޯލްޑިވިއަން އޭ320ގައި ވަނީ ފުރާފައެވެ.
ދަތުރުތައް ފެށުން ފާހަގަ ކުރުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީނާއި ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އާދަމް މަޒްނަވީ ޖައުފަރް ސާދިގާއި މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިލްޔާސްގެ އިތުރުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ބައިވެރިވެވަޑައިގެންނެވި އެވެ.
މޯލްޑިވިއަންގެ އާ ރޫޓާ ގުޅޭ ގޮތުން ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ވީއައިއޭ އިން ކޮލަމްބޯއަށް ކުރާ ފްލައިޓަކީ ދިވެހިންނާއި ސްރީލަންކާގެ ރައްޔިތުންނަށް ވެސް ވަރަށް މުހިންމު ފްލައިޓެއް ކަމަށެވެ. އަދި ގައުމީ އެއާލައިނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެމްއޭސީއެލްގެ އެހީތެރިކަމާއެކު އެ ގޮންޖެހުންތަކުން އަރައިގަންނަމުންދާ ގޮތުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އާދަމް މަޒްނަވީ ޖައުފަރް ސާދިގު ވިދާޅުވީ މި ދަތުރުތަކުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް މަގުފަހިވެގެންދާނެ ކަމަށާއި މިއީ ދެ ގައުމުގެ ރައްޔިތުންނަށް ވެސް މުހިންމު މަގެއް ކަމަށެވެ.
ކޮލަމްބޯއަށް އާ ރޫޓް ފެށުމުގެ ކާމިޔާބީއަށް އަލިއަޅުއްވާލައްވަމުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިލްޔާސް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ބައިނަލްއަގްވާމީ ރޫޓްތައް ފެށުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައެވެ.
މޯލްޑިވިއަން އިން ހަފްތާއަކު ދެ ފްލައިޓް އޮޕަރޭޓް ކުރާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކޮލަމްބޯއަށް ފުރާނީ ކޮންމެ ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ.
މިއީ ރާއްޖޭގެ އެންމެ ބިޒީ އެއާޕޯޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މޯލްޑިވިއަން އިން ފެށި ފަސް ވަނަ އިންޓަނޭޝަނަލް ރޫޓެވެ.

The post މޯލްޑިވިއަންއިން ކޮލަމްބޯއަށް ދަތުރުތައް ފަށައިފި first appeared on Khabaru Online.





More from Khabaru Online