ބަޔޮސްފިއާ ރިޒާވްއަކަށް ޅ. އަތޮޅު ހަދަނީ

Fri, 18 Oct 2024 07:40 AM

View on this article on Huvadhoo News

ބަޔޮސްފިއާ ރިޒާވްއަކަށް ޅ. އަތޮޅު ހަދަނީ

ބަޔޮސްފިއާ ރިޒާވްއަކަށް ޅ. އަތޮޅު ހެދުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް އެންވައިރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ބަޔޮސްފިއާ ރިޒާވްއަކަށް ވާން ބޭނުންވާ އަތޮޅުތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވައިލުމުން އެކަމަށް ޝައުގުވެރިކަން މިހާތަނަށް ފާޅުކުރީ ޅ. އަތޮޅު ކައުންސިލުން އެކަނި ކަމަށެވެ.

އެހެންކަމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް މި ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ އިތުރު ތިން ސަރަހައްދެއް ބަޔޮސްފިއާ ރިޒާވްއަކަށް ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު އޭގެ ތެރެއިން އެންމެ ފުރަތަމަ ކަނޑައަޅާ ސަރަހައްދަކީ ޅ. އަތޮޅު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެކަމަށް ބޭނުންވާ މާލީ އެހީތެރިކަން، ޔޫއެންޑީޕީން ހިންގާ ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީން (ޖެފް) އިން މިހާރު ހަމަޖައްސާދީފައިވާ ކަމަށާއި އެ ޕްރޮޖެކްޓުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.

ޔުނައިޓެޑް ނޭޝަން އެޑިއުކޭޝަން އެންޑް ސައެންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒެޝަން (ޔުނެސްކޯ)އިން ބަޔޮސްފިޔަރ ރިޒާވްގެ ގޮތުގައި ރާއްޖޭގައި ޙިމާޔަތް ކޮށްފައިވަނީ ޤުދުރަތީގޮތުން ހިތްގައިމު އަދި އެތަންތަނުގެ ބޭނުން އެކި ގޮތްގޮތައް ކޮށްގެން ނަފާ ހޯދޭނޭ ތަންތަނެވެ.

ޔުނެސްކޯގެ ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ތަންތަން ކަނޑައަޅަނީ 10 އަހަރުގެ މުއްދަތަކަށެވެ. އެ މުއްދަތަށްފަހު އެތަނެއް ބަޔޮސްފިއަރ ރިޒާވެއްގެގޮތުގައި ޙިމާޔަތްކޮށް ބެލެއްހެއްޓިފައިވާ މިންވަރު ދެނެގަތުމަށް ޚާއްސަ ސަރވޭތަކެއް ކުރެއެވެ. އަދި އެކަމުގެ މަޢުލުމާތުތައް ޔުނެސްކޯއަށް ފޮނުވަން ޖެހެއެވެ.

ނަތީޖާ ރަގަޅުނަމަ އެތަނެއް އަނެއްކާވެސް ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ކަނޑައެޅި އެނަން ދެމެހެއްޓިދާނެއެވެ.ބަޔޮސްފިއަރ ރިޒަރވަކީ އެތަނެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ރޭވިގެން، ތަރައްޤީގެ މަޝްރޫޢުތައް ހިނގާ އަދި ހަމައެޔާއެކު، ދިރޭ ތަކެތީގެ ނަސްލާއި، އެތަކެތީގެ މާޙައުލު ޙިމާޔަތްކޮށް، އިޤްތިޞާދީ ގޮތުން ކުރެވޭ މަސައްކަތްތަކަކީވެސް ދެމެހެއްޓެނިވި އަދި ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ކުރެވޭ ކަންތައްތަކެއްކަން ޔަޤީންވެފައިވާ، އިޤްތިޞާދީ އަދި އިޖްތިމާޢީ ދުޅަހެޔޮކަމަށް ބާރުއަޅާ ނިޒާމެކެވެ.

ދިވެހިރާއްޖެ ބަޔޮސްފިއަރ ރިޒާވްއަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ފައްޓަވާފައިވަނީ 2012 ވަނަ އަހަރުއެވެ.





More from Huvadhoo News