ދިރާގާއި އެޗްޑީސީ ގުޅިގެން "ހުޅުމާލެ އީދު އުފާ 2024" ބާއްވަނީ

Tue, 11 Jun 2024 05:37 PM

View on this article on Hurihaa.mv

ދިރާގާއި އެޗްޑީސީ ގުޅިގެން "ހުޅުމާލެ އީދު އުފާ 2024" ބާއްވަނީ

ދިރާގާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ހުޅުމާލޭގައި އަޟްހާ އީދު ފާހަގަކުރުމަށް ނިންމައިފި އެވެ.



ދިރާގުން ބުނީ "ހުޅުމާލެ އީދު އުފާ 2024"ގެ ނަމުގައި ބާއްްވާ މި އިވެންޓްގައި ދިރާގާއި އެޗްޑީސީގެ އިތުރުން ޝީޝާ މޯލްޑިވްސް ގުޅިގެން ހުޅުމާލޭގައި މިމަހުގެ 15 އިން 17 ގެ ނިޔަލަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި އީދު ވެދުން، ބޮޑު ހުޅުޖެހުން، ބޮޑުމަސް ބޭނުން، މާލި ޕެރޭޑް އަދި ކޯޑި ކެނޑުން ފަދަ ސަގާފީ އީދު ހަރަކާތްތައް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މީގެ އިތުރުން ޖޫން 16 އަދި 17 ގައި ކުޑަކުދިންގެ ހަވީރު ވެސް ސެންޓްރަލް ޕާކްގައި ބާއްވަން ނިންމާފައިވާ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުގެ ޑިރެކްޓަ، ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް، މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ އެޗްޑީސީއާ ގުޅިގެން ހުޅުމާލޭގެ ރައްޔިތުންނަށް މިފަދަ އީދުގެ ހަރަކާތްތަކެއް ގެނެސްދިނުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އަޟްހާ އީދަކީ އަބަދުވެސް އަޅުގަނޑުމެން ދިވެހިން އެއްބައިވަންތަކަމާ އެކު، ވަރަށް ކުލަގަދަކޮށް ފާހަގަކުރާ ކަމެއް. އެހެންކަމުން މި އީދުގައިވެސް ތަފާތު ސަގާފީ ހަރަކާތްތައް އާންމުންނަށް ގެނެސްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" އޭނާ ވިދާޅުވި އެވެ.

އެޗްޑީސީގެ ޗީފް ބިޒްނަސް އޮފިސަރު އަހުމަދު ޔާމީން ވިދާޅުވީ މިފަދަ ކޮމިއުނިޓީ އިވެންޓްތަކަށް ދިރާގުން ދެމުން ގެންދާ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ.

"އަޟްހާ އީދުގެ ހަރަކާތްތަކަކީ އަޅުގަނޑުމެންގެ ސަގާފަތުގެ ވަރަށް މުހިންމު ބައެއް. އެގޮތުން މިފަދަ ފޯރިގަދަ ހަރަކާތްތަކެއް ހުޅުމާލެގައި ދިރިއުޅޭ ފަރާތްތަކަށް ގެނެސްދިނުމުގައި ދިރާގުން އަޅުގަނޑުމެންނާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދެއްވާކަމަށްޓަކައި ޝުކުރު ދަންނަވަން،" ޔާމީން ވިދާޅުވި އެވެ.

ދިރާގުން ބުނިގޮތުގައި ވޭތުވެދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް ދިރާގު އީދު ބޮނޑިބަތް އީދު ނަމާދަށް ފަހު، ޖޫން 16 ވާ އާދީއްތަ ދުވަހު ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ކުރިއަށްދާނެ އެވެ. މީގެ އިތުރުން ދިރާގު އީދު ޝޯ އަދި އެކުންފުނީގެ "ވިން އަ ޓެސްލާ" ޕްރޮމޯޝަންގެ ލަކީ ޑްރޯ ހަރަކާތް ޖޫން 17 ހޯމަ ދުވަހުގެ ރޭ 8:00 އިން ފެށިގެން ހުޅުމާލެ ސެންޓްރަލް ޕާކްގައި އޮންނާނެ ކަަމަށް އެ ކުންފުނިން ބުނެ އެވެ. މި ދެ ހަރަކާތުގެ ވެސް ހޯސްޓިން ޕާޓްނަރަކީ އެޗްޑީސީ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކުގެ ދިރިއުޅުން މުއްސަނދިވާފަދަ މިކަހަލަ ތަފާތު ސަގާފީ އަދި އިޖްތިމާޢީ ހަރަކާތްތަކަށް އެހީތެރިވެ އެއްބާރުލުންދިނުމަށެވެ.




More from Hurihaa.mv