މީރާއަށް 15 ބިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި: ނާޒިމް ވިދާޅުވަނީ އެންމެ ފުނަށް ދާނެކަމަށް

Sat, 27 Jul 2024 12:28 PM

View on this article on Hurihaa.mv

މީރާއަށް 15 ބިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި: ނާޒިމް ވިދާޅުވަނީ އެންމެ ފުނަށް ދާނެކަމަށް

ދައުލަތަށް ލިބެންޖެހޭ ނުލިބި ހުރި 15 ބިލިއަނަށްވުރެ ގިނަ ރުފިޔާ އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.



ނާޒިމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންގާރަ ދުވަހު އޮންނަ މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި މީރާގެ ކޮމިޝަނާ ޖެނެރަލް ދައުލަތަށް ނުލިބިހުރި ފައިސާއާ ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވެސް އިންނަވާ ދިއްގަރު ދާއިރާގެ މެންބަރު ނާޒިމްގެ ޕޯސްޓުގައި ވަނީ މީރާ އިން ދައުލަތަށް ނަގަންޖެހޭ ޓެކްސް އާއި އިތުރު އާމްދަނީގެ ތަފާސްހިސާބުތައް އާންމުކުރައްވައިފަ އެވެ.

މި އަހަރުގެ މެއި މަހުގެ ނިޔަލަށް ދައުލަތަށް ލިބެންޖެހޭ 15،445،526،584.29 ރުފިޔާ ނުހޯދިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

"މިކަމުގައި ދެ ގޮތެއް ނެތް. މި ފައިސާ ހޯދަންޖެހޭ. މިކަމުގެ އެންމެ ފުނަށް ދާނަން،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ހިއްސާކުރެއްވި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މެއި މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބެންޖެހޭ 9.5 ބިލިއަން ނުލިބިވެ އެވެ. މީގެ އިތުރުން 5.8 ބިލިއަންގެ އިންޓްރެސްޓާއެކު ދައުލަތަށް ނަގަންޖެހޭ ޖުމްލަ 15 ބިލިއަން ރުފިޔާ އެބަހުއްޓެވެ.

މިނިވަން ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ދައުލަތަށް ނުލިބި ގިނަ އަދަދެއްގެ ފައިސާ އެބަހުރި ކަމަށާ، އެހެން ސަރުކާރުތަކުން އެ ފައިސާ ހޯދުމުގެ މަސައްކަތުގައި އަތްލަން ނުކެރުނު ނަމަވެސް މި ސަރުކާރުން އެކަން ކުރާނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ލޭންޑްރެންޓުގެ ގޮތުގައި 7.7 ބިލިއަން ރުފިޔާ އަދި ޓީޖީއެސްޓީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާގެ އިތުރުން ޖީއެސްޓީގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ ނުލިބި އެބަހުއްޓެވެ. އެމަނިކުފާނު ވިދާޅުވީ މި ފައިސާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ބައެއް ފަރާތްތަކުން ފައިސާ ދައްކަން ފަށާފައިވާ ކަމަށެވެ.




More from Hurihaa.mv