ގަދަކަނޑުތަކެއް ހުރަސްކޮށް އަމާން އައްސޭރިފަށަކަށް މޫސައަށް ދެވުނީ ބުރަ މަސައްކަތުން

Sat, 27 Jul 2024 07:32 AM

View on this article on Hurihaa.mv

ގަދަކަނޑުތަކެއް ހުރަސްކޮށް އަމާން އައްސޭރިފަށަކަށް މޫސައަށް ދެވުނީ ބުރަ މަސައްކަތުން
މީގެ އަހަރުތަކެއް ކުރިން އޭނަ ސަރުކާރު ވަޒީފާ ދޫކޮށްލީ އާއިލާގެ އެހެން މީހުންނެކޭ އެއްފަދައިން އަމިއްލަ މަސައްކަތް ކޮށްގެން ބަނޑުފުރާ މުއްތި ކުރުމުގެ ބޭނުމުގަ އެވެ. އޭނާގެ އާއިލާގެ އެންމެންނަކީ ވެސް އަތްތެރި މަސައްކަތުގައި ހުނަރުވެރި އަދި ފުންނާބު އުސް ބައެކެވެ. އެމީހުން ކުރަންޏާ ތިމަންނައަށް ވެސް ކުރެވިދާނެ ކަމަށް ބުނަމުން އެމަސައްކަތް ފެށީ ޔަގީންކަން އޮތުމުންނެވެ.

މޫސާ އާދަމް (މޫސަ) އަކީ ނ. ލަންދޫ މީހެކެވެ. ނަމަވެސް، ކ. ހިންމަފުށީ މީހަކާ ކައިވެނި ކޮށްގެން އަނބިމީހާގެ ރަށުގައި ވަޒަން ވެރިވެގެން އުޅޭތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ. އޭނާއަކީ މިހާރު މުޅި ހިންމަފުށި އެމީހަކަށްޓަކައި ފަޚުރުވެރިވާފަދަ މޮޅު، ހީވާގި އަދި ހުނަރުވެރި މީހެކެވެ.



ހިތްހެޔޮ އަދި މީހުނާ ގުޅޭ މިޒާޖެއްގެ ވެރި މޫސަ ކުރާ މަސައްކަތްތަކުގެ ލިސްޓު ވަރަށް ދިގެވެ. އެއީ މޮޅުވަޑިއެކެވެ. ރާޒުވާ ގޮނޑި އާއި ކުޅިބައި ހަދަ އެވެ. ބަދިގޭގައި ގެންގުޅޭ އުނދުޅި، ދޭފަތް އަދި ރޮށިދަމާ ފިލާގަނޑު ހަދަ އެވެ. އޭނާގެ ދެއަތުން ތައްޔާރުކުރާ ކޮންމެ އެއްޗެއް ހުންނާނީ އޭނާ ބުނާގޮތުން ނަމަ "އިންޓަނެޝަނަލް" ފެންވަރަށެވެ. އެހާ ވެސް އެތަކެތީގެ ފެންވަރު ރަނގަޅެވެ. މީގެ އިތުރުން ހިންމަފުށީ ސްކޫލްގެ ދިވެހި ދުވަހަށް ބޭނުންވާ ފުރޯ، މަރުތެޔޮ، އަދި ނަރުކެނޑި ފަދަ ތަކެތި ވެސް އޭނާ ތައްޔާރުކޮށްދެ އެވެ.

އޭނާ އަކީ މޮޅު ފޮޓޯގްރާފަރެކެވެ. އަދި ހުސް ވަގުތުތަކުގައި ގަސް ވެސް އިންދަ އެވެ. އޭނާ ދިރިއުޅޭ ހިންމަފުށީ އަނބުމާގޭ ގޯތިތެރޭގައި އަލްނާސި، ލުނބޯ އަދި ސްޓާ ފްރުޓްސް ހައްދައިގެން ކައި ހަދަ އެވެ.

މޫސަ އެންމެ ޚާއްސަކަމެއްދެނީ ސްވެނިއާ ( ހަނދާނީ ހަދިޔާ) ދޯނި ހެދުމަށެވެ. އެންމެ ފުރަތަމަ ދޯނި ހެދުމުގެ މަސައްކަތް ފެށި ދުވަސްވަރު ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވި ނަމަވެސް، އެމަސައްކަތަށް އޮތް ޑިމާންޑް ބޮޑުވެފައި ލިބޭ އާމްދަނީ ރަނގަޅުވުމުން، އެއީ އެކަމެއްގައި ދެމިހުރުމަށް ރަނގަޅު މަސައްކަތެއްގެ ގޮތުގައި އޭނާ އަށް ގަބޫލު ކުރެވުނެވެ. މިއަދާ ހަމައަށް ދާންދެން ވެސް އޭނާ އެހުރީ އެ އަޒުމުގައި އެގޮތުގައި ސާބިތުވެ އެވެ.

މޫސަ ދޯނިހެދުމުގެ މަސައްކަތްކުރަނީ

ދޯނި ހެދުމުގެ މަސައްކަތުގައި މިހާރު 35 އަހަރު ވެފައިވާއިރު، އަދިވެސް އެމަސައްކަތް ކުރުމުގައި ގިނަ ދަތިތަކެއް ހުރިކަން އޭނާ ފާހަގަ ކުރެ އެވެ. އެއް ދައްޗަކީ އެކަމަށް ބޭނުންވާ މެޝިނަރީ މާލޭން ނުލިބުމެވެ. ދެވަނަ ދަތިކަމަކީ ދޯނި ހަދަން ބޭނުންކުރާ ޚާއްސަ ރަތް ލަކުޑި އާއި އޮރިމަސް ލަކުޑީގެ ތެރެއިން ރަތް ލަކުޑި މާލޭގެ ލަކުޑި ގުދަނުން ނުލިބުމެވެ.

ބޭނުންވާ ވަރަށް ދޯނި އޮންނަނީ ނުހެދިފައި

ސްވެނިއާ ދޯނި ހަދަނީ އޭނާގެ ގޭގައި ހުންނަ އަމިއްލަ ވަޑާން ގޭގަ އެވެ. މަސައްކަތް ކުރަނީ އެކަންޏެވެ. ބައެއް ފަހަރު އޭނާގެ އަންހެނުންގެ އެހީތެރިކަން ހޯދުން ފިޔަވައި އިތުރު މީހެއްގެ އެހީތެރިކަމެއް އޭނާ ނުހޯދަ އެވެ. އަތް ގާތްކުރުމަށް ބޭރު މީހަކު ގެންގުޅުމާއި އޭނާ މުޅިން ދެކޮޅެވެ. އެއީ މަސައްކަތް ދަސްވުމުން ނުފިލާނެކަމުގެ ޔަގީންކަން ނެތުމުން ގެންގުޅެން ބޭނުންނުވަނީ އެވެ.

އާންމުކޮށް އޭނާ ދޯނި ހަދަން ފަށަނީ އޯޑަރެއް ލިބުމުންނެވެ. ގާތްގަނޑަކަށް ބައިގަޑިއިރު ތެރޭގައި ދޯންޏެއް ހަދާ ނިންމާލަ އެވެ. އެހާވެސް މަސައްކަތުގެ ސްޕީޑް އަވަހެވެ.

"އަބަދުވެސް އޯޑާ ލިބޭ. ގިނަފަހަރަށް ވާގޮތަކީ ލިބޭ އޯޑަރު ގިނަކަމުން އެވަރަށް ދޯނި އޮންނަނީ ނުހެދިފައި. ހަދާ ދޯނި ވަރަށް ވިކޭ. ބައެއް ފަހަރު ފިހާރަތަކަށް ވެސް ލަން ވިއްކަން،" އޭނަ ބުންޏެވެ.

މީހުނަށް މަސައްކަތް ދަސްކޮށްދިނުމަށް ވެސް ޝައުގު ހުރޭ

ދޯނިހެދުމުގެ މަސައްކަތުގައި އޭނާ އުޅެނީ ވަރަށް ކުރީގަ އެވެ. ދުވާލެއްގެ މައްޗަށް އެންމެ މަދުވެގެން 10 ދޯނި ހަދާ މޫސަ އަކީ އެމަސައްކަތް އެހެން މީހުނަށް ވެސް ދަސްކޮށްދޭ މީހެކެވެ. ހިންމަފުށީ ޖަލުގައި ގައިދީންނަށާއި މާފުށީ ޖަލުގެ ގައިދީންނަށް އޭނާ ވަނީ ކޯސް ހިންގައިދީފަ އެވެ. އޭގެ އިތުރުން އެކި ރަށްރަށުގައި ވެސް އެ ފަންނަށް މީހުން ބިނާކުރުމުގެ މަސައްކަތް ކޮށްފައިވެ އެވެ.

މޫސަ ތައްޔާރުކޮށްފައިވާ ދޯނިތަކެއް.

"ރައީސް ނަޝީދުގެ ސަރުކާރުގައި ގދ. އަށް ދިޔައިން ކޯސް ހިންގަން އެއަތޮޅު ތިނަދޫ، ހޯނޑެއްދޫ، އަދި ގައްދޫ މި ތިން ރަށަށް އަޅުގަނޑު ކޯސް ހިންގައި ދިނިން،" މޫސަ މީހުން ތަމްރީނު ކުރަން އުޅުނު ދުވަސްވަރުގެ ހަނދާތައް އާކޮށްލަމުން ބުނެލި އެވެ.

އިތުރު ކަންބޮޑުވުމެއް

ސަރުކާރުން އަތްތެރި މަސައްކަތްކުރާ މީހުންނަށްދޭ އެހީތެރިކަން ކުޑަވުމަކީ އޭނާގެ ވަރަށް ބޮޑު ޝަކުވާއެކެވެ.

މޫސަ ދެކޭގޮތުގައި އެހެނިހެން ސިނާއަތްތަކަށް ސަރުކާރުން ދޭ އަހަމިއްޔަތާއި އެހީތެރިކަން، އަތްތެރި މަސައްކަތަކަށް ނުދެ އެވެ.

"މިކަހަލަ މަސައްކަތެއް ކުރުމަށް ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް އެބައޮތް. ވަރަށް ހިތާމަ ކުރަން އެއްވެސް ސަރުކާރަކުން އަތްތެރި މަސައްކަތަށް އެއްވެސް އަހަމިއްޔަތު ކަމެއް ނުދޭތީ. ދަނޑުވެރިކަމާއި މަސްވެރިކަމަށް ދޭ ސަމާލުކަން މިމަސައްކަތަށް ވެސް ބޭނުންވޭ،" މޫސަ އޭނަގެ ބޮޑުކަންބޮޑުވުމެއް ހިއްސާކޮށްލި އެވެ.




More from Hurihaa.mv