އަންޑަމަން އައިލޭންޑްސްގައި ދިރިއުޅޭ ހިމާޔަތް ކުރެވިފައިވާ އާބާދީ

Fri, 26 Apr 2024 05:45 AM

View on this article on Hurihaa.mv

އަންޑަމަން އައިލޭންޑްސްގައި ދިރިއުޅޭ ހިމާޔަތް ކުރެވިފައިވާ އާބާދީ

ދެހާސް ހަތަރުވަނަ އަހަރުގެ ސުނާމީ އަކީ އިންޑޮނޭޝިޔާ އަށް އައި ބިންހެލުމެއްގެ ނަތީޖާ އެވެ. ބިން ހެލުމުމާ އެކު އައި ލޮޅުމަށްފަހު އަންޑަމަންގެ ޖަޒީރާއެއްގައި ދިރި އުޅޭ އޮންޖް އާބާދީ އަށް ފެނުނީ ކަނޑުގެ ލޮނުގަނޑު ކުއްލިއަކަށް އަޑިއަށް ދިޔަތަނެވެ. އެއާ އެކު ފުރަތަމަ އެމީހުން ގޮޑު ދޮށަށް އެއްވި އެވެ. އެމީހުންނަށް ހީވީ އެމީހުން މޫދުގައި ތިބިކަމަށް ހީކޮށް މޫދާ ގުޅިފައިވާ ބާރުން މޫދުގެ އަޑީގައި ހުންނަ ތަނބުތައް ތަޅުވަނީ ކަމަށެވެ. އެކަމާ އައި ރުޅިން މޫދަށް ގާ އުކުމަށްފަހު ހުރިހާ އެންމެން ދުއްވައިގަތީ ރަށުތެރެއަށެވެ.



އޮންޖް މީހުންގެ އަމިއްލަ ތަޖުރިބާއިން އެމީހުންނަށް އެނގިފައިވާ ގޮތުގައި މޫދުގެ ލޮނުގަނޑު އަޑިއަށް ގޮސްފިނަމަ އިރުކޮޅަކުން މައްޗަށް އަރާނެއެވެ. އެހެންކަމުން މިހާ ބޮޑަށް އަޑިޔަށް ދިއުމުން މައްޗަށް އަރާނެ ވަރު ބޮޑުވާނެ ކަމަށް އެމީހުންނަށް ވިސްނައިގަނެވުނެވެ. އެހެންކަމުން އެމީހުން ބެލީ ރަށުގެ ވީހާ ވެސް އުސް ސަރަހައްދަކަށް ދެވޭތޯ އެވެ. ބިންހެލުމާ ގުޅިގެން އައި ސުނާމީގެ ރާޅު ރަށާ ހަމަޔަށް ފޯރިއިރު އަންޑަމަންގެ އެކުޑަކުޑަ އާބާދީއަކަށް އެއްވެސް ގެއްލުމެއް ނުވެ އެވެ. އެހެނަސް އެމީހުންގެ ޖިފުޓިތައް ރާޅާއެކު ދަމައިގެން ދިޔަ އެވެ.

މިނިކާ ރާއްޖޭގެ މީހުން ދިރި އުޅޭ ގެތައް

އަންޑަމަން އައިލޭންޑްސް އަކީ ބޭ އޮފްބެންގޯލްގައި ސައުތު އީސްޓް އޭޝިޔާގައި އޮންނަ ކުދި ކުދި ރަށްތަކެކެވެ. މި ޖަޒީރާތަކުގައި ދިރިއުޅުނީ ނެތިހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ މުޅިން ތަފާތު ބައެކެވެ. ތިމާވެށްޓާ ރަށްޓެހި ގޮތަށް ރަށުތެރޭގައި ވަކިން އެކަހެރިކޮށް އުޅޭ މި މީހުންގެ އާބާދީ 1901 ގެ ބޯހިމެނުމުގައި 672 މީހުން ތިބި ކަމަށް ވިޔަސް 2017 ވަނަ އަހަރާ ހަމަޔަށް އައި އިރު އެއަދަދު ވަނީ 117 އަށް މަދުވެފަ އެވެ. އޭރުގެ އާބާދީ ބެހިފައި އޮތީ 21 އާއިލާއެއްގެ މައްޗަށެވެ. އޭގެ ތެރެއިން 15 އާއިލާއެއްގައި 8 ކުޑަކުދިން އުޅުނެވެ.

މިނިކާ ރާއްޖޭގެ މީހުން

އިނގިރޭސި ވިލާތުގެ ބައެއްގެ ގޮތުގައި އިންޑިއާ އޮތްއިރު މިރަށްތައް އޮތީ އިނގިރޭސިންގެ ބެލުމުގެ ދަށުގަ އެވެ. އެމީހުން ވަނީ އަންޑަމަންގެ އާބާދީ، އެމީހުން އުޅުނު ޖަޒީރާތަކުގެ ތެރެއިން ކުޑަރަށަކަށް ބަދަލުކޮށް އެއީ ހިމާޔަތް ކުރެވިފައިވާ ރަށެއް ކަމަށް ހަދައިފަ އެވެ. ރަށާ އެކު ރަށުގެ ވަޒަންވެރިން ވެސް ހިމާޔަތް ކުރެވިފައިވުމުގެ ސަބަބުން ބޭރުން އަންނަ މީސްމީހުންނަށް އެ މީސްމީހުންނާ ބައްދަލު ކުރުން އޮންނަނީ ވަރަށް ބޮޑަށް މަނާވެފަ އެވެ.

އަންޑަމަން އައިލޭންޑްގައި ދިރިއުޅޭ މީހުން ވާހަކަ ދައްކާ ބަހަށް ވެސް ކިޔަނީ އޮންޖް އެވެ. އެބަހަކީ އެބަހުން ވާހަކަ ދައްކާ މީހުން މަދުވުމުގެ ސަބަބުން ނެތި ހިނގައިދާނެކަމުގެ ބިރު ހީވެފައި އޮންނަ ބަހެކެވެ.

އޮންޖް މީހުންނަކީ އާންމުކޮށް ހަށިގަނޑު ނިވައިކުރުމެއް ނެތި އުޅޭ ބައެކެވެ. ފިރިހެނުންގެ އުނުގައި އެޅުމަށް ސައިމަލުން ހަދައިފައި އޮންނަ ކުޑަ ރޮދިކޮޅެއް އެލުވައިފައި އޮންނަ ފަދައިން އަންހެނުން ވެސް ބައެއް ގަސްގަހުގެ ފަތުން ހަށިގަނޑުގެ ވަކި ހިސާބެއްގައި އޮޅާލަ އެވެ. އެމީހުންގެ ދިރިއުޅެނީ ވައްކޮށް ހަދާފައި ހުންނަ ޖިފުޓިތަކެއްގަ އެވެ.

ކައިބޮއި އުޅެނީ މުޅިން ވެސް ރަށުން ލިބެން ހުންނަ ބާވަތްތަކާއި މޫދުން ހިފާ މަހެވެ. އިންޑިއާ ސަރުކާރުން އެމީހުންނަށް ކާޑުގެ ރޭޝިއޯ ހަމަޖައްސައި މުގާއި ފުށް ފަދަ ބާވަތްތައް ދިންކަމުގައިވިޔަސް ގިނަފަހަރަށް މިތަކެތި އެމީހުން ބޭރުން ރަށަށް ދާ މީހުންނަށާއި ރަށުގައި ވަޒަންވެރިވެގެން އުޅޭ މީސް މީހުންނަށް ވިއްކާލަނީ އެވެ.

ގުދުރަތީ މާހައުލުގައި ބޭރުގެ ބާރުތަކާ ވަކިން ދިރިއުޅުނު އާބާދީއަށް، ބޭރުން ދިޔަ މީސްމީހުންގެ ސަބަބުން ވަނީ ވަރަށް ބޮޑު ނުރައްކަލާ ކުރިމަތިވެފަ އެވެ. އެމީހުންގެ ފަރާތުން ތަފާތު ބަލިމަޑުކަމާއި ރޯގާ އެމީހުންގެ ތެރެއަށް ތައާރަފުވުމާ ގުޅިގެން އުފެދުނު ބަލިމަޑުކަމުގައި ވަރަށް ގިނަ ބަޔަކު މަރުވެ ދިޔަ އެވެ.

ބަލިމަޑުކަމުގެ އިތުރުން އޮންޖް ދަރިކޮޅަށް ބޭރުގެ ނުފޫޒުގެ ސަބަބުން ދިމާވި އަނެއް ނުރައްކަލަކީ އަލްކޮހޯލް ތައާރަފްވުމެވެ. 2008 ވަނަ އަހަރުގައި މި ދަރިކޮޅުގެ ފިރިހެނުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ބޮވުނު އެއްޗެއްގެ ސަބަބުން ވިހަވެގެން މަރުވި އެވެ. ބެލެވޭ ގޮތުގައި އެމީހުން މަރުވީ ލައްގާފައި އޮތް ފުޅިއެއްގައި ހުރި އެއްޗެއް، ރާކަމުގައި ހީކޮށް ބޮއެގެންނެވެ. އެއީ ކޮންމެވެސް ބާވަތެއްގެ ތެލެއް ކަމަށް ބެލެވެ އެވެ.

މިނިކާ ރާއްޖޭގެ ދުފާ ރަތް ކޮށްގެން ހުރި އަންހެނެއް

އޮންޖް ދަރިކޮޅުގެ މީހުންގެ ތަފާތު ގަބޫލުކުރުންތަކުގެ ތެރެއިން އެއްކަމަކީ ދަތުގެ ހުދު ކުލަ ދެކެ އެމީހުން ގަންނަ ބިރެވެ. އެމީހުން ދެކޭ ގޮތުގައި ދަތުގައި ހުދުކުލަ ހުރުމަކީ މަރުވެފައިވާ ގަބުރެއްގެ ނިޝާނެވެ. އެހެންކަމުން ވީހާވެސް ގިނައިން ދުފައި އަބަދު ވެސް ދަތް ރަތްކޮށްފައި ބެހެއްޓުމަކީ އެމީހުން ކުރަންޖެހޭ ކަމެކެވެ.

މިނިކާ ރާއްޖޭގެ މީހުން ޝިކާރަ ކުރުމަށް ހަތިޔާރު ހަދަނީ

އަންޑަމަން އައިލޭންޑްސް ދިވެހީންނަށް އެނގިފައި އޮންނަނީ މިނިކާ ރާއްޖޭގެ ގޮތުގަ އެވެ. ކުރީ ޒަމާނުގައި ދިވެހީން ބޭރަށްކޮށް އުޅުނު ދަތުރުތަކުގަ އާއި މަހަށް ގޮސް އުޅުމުގެ ތެރޭގައި ބެހިގެން އެ ރަށްތަކަށް ދެވިފައިވެ އެވެ. އެފަދަ ދަތުރުތަކުގައި އެރަށް ރަށުގެ ރަށްވެހިންގެ ފަރާތުން ދިމާވެފައިވާ ނުރައްކަލަށް ބަލައި އެއީ މިނިކާ މީހުންގެ ގޮތުގައި ދިވެހިންނަށް ހީވެފައި އޮންނަނީ ކަމަށް ބެލެވެ އެވެ. ދިވެހިން މިރަށްތަކަށް އަންޒަމާނު ކަރައޭ ވެސް ކިޔައި އުޅުނެވެ.




More from Hurihaa.mv