މި އަހަރު އައި ފަތުރުވެރިންގެ %2.12 ހިއްސާކުރަނީ ކާނި ހޮޓެލްސްއަށް!

Sun, 05 May 2024 12:29 PM

View on this article on Hurihaa.mv

މި އަހަރު އައި ފަތުރުވެރިންގެ %2.12 ހިއްސާކުރަނީ ކާނި ހޮޓެލްސްއަށް!

މި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ ތެރެއިން ކާނި ހޮޓެލްސް އެންޑް ޓުއާސްގެ ހަތަރު ގެސްޓްހައުސް އަށް %2.12 ފަތުރުވެރިން އައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.



މިއީ ރާއްޖޭގައި ހިންގަމުން އަންނަ ގެސްޓްހައުސް ވިޔަފާރިއަކާ ބަލާއިރު ނިސްބަތުން ވަރަށް ބޮޑު އަދަދެކެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރުގައި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކޮށްފައި ވަނީ 772،651 ފަތުރުވެރިންނެވެ. އޭގެ ތެރެއިން 16،355 (%2.12) ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ކާނި ހޮޓެލްސް އިން ކ. މާފުށީގައި ހިންގާ ހަތަރު ގެސްޓްހައުސް އަށެވެ.

މާފުށީގައި އެންމެ ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ކުރަމުން އަންނަ ކާނިގެ ހަތަރު ގެސްޓްހައުސްއަކީ ކާނި ޕާމް ބީޗާއި ކާނި ގްރޭންޑް ސީވިއު އާއި ކާނި ވިލެޖާއި ކާނި ބީޗެވެ. މި ހަތަރު ތަނުގެ ތެރެއިން މި އަހަރު އެންމެ ގިނަ އިން ފަތުރުވެރިން އައީ ކާނި ޕާމް ބީޗަށެވެ. އެއީ ކާނި ހޮޓެލްސްގެ ދަށުން ހިންގާ އެންމެ ބޮޑު ގެސްޓްހައުސް އެވެ.

ކާނި ޕާމް ބީޗަށް 9،784 ފަތުރުވެރިން ޒިޔާރަތް ކުރިއިރު، ކާނި ގްރޭންޑް ސީވިއު އަށް 4،313 ފަތުރުވެރިން ޒިޔާރަތް ކުރި އެވެ. ކާނި ވިލެޖެއް 1،172 ފަތުރުވެރިން އަދި ކާނި ބީޗަށް 1،672 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. ކާނި ހޮޓެލްސްގެ ގެސްޓްހައުސްތަކަށް ގިނަ އަދަދެއްގެ ދިވެހިން ވެސް ޒިޔާރަތް ކުރެ އެވެ.

އެކަމަކު، %2.12 ފަތުރުވެރިންގެ ތެރޭގައި ދިވެހިން ހިމަނާފައެއް ނުވެ އެވެ.

ރާއްޖެއަށް މިއަހަރު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ މަންޒިލްތަކަށް ބަލާއިރު، 83،835 ފަތުރުވެރިންނާއި އެކީ އެއް ވަނައިގައި އޮތީ ޗައިނާ އެވެ. އަދި 77،632 ފަތުރުވެރިންނާއި އެކީ ދެވަނައިގައި ރަޝިއާ އޮތްއިރު، 75،253 ފަތުރުވެރިންނާއި އެކީ ތިން ވަނައިގައި އޮތީ އިނގިރޭސިވިލާތެވެ.

ކާނިގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެ ކުންފުނީގެ ގެސްޓްހައުސްތަކަށް ވެސް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ޗައިނާ އިންނެވެ.

ކާނި ހޮޓެލްސްގެ ދެ ހޮޓަލް މިހާރު ވެސް ދަނީ އިމާރާތް ކުރަމުންނެވެ. އެއީ މާފުށީގައި އަޅާ 68 ކޮޓަރީގެ ހޮޓަލަކާއި އއ. އުކުޅަހުގައި އަޅާ 148 ކޮޓަރީގެ ސިޓީ ހޮޓަލެކެވެ. އުކުޅަހުގައި އަޅާ ހޮޓެލްގެ މަސައްކަތް އަންނަ އޭޕްރީލް މަހުގައި ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ.




More from Hurihaa.mv