ޕީއެންސީއާ އަލަށް ގުޅުނު ހަ މެމްބަރުންގެ ޝަރުތެއް އުންޏެއް ނުވޭ: ހަބީބު

Wed, 24 Apr 2024 07:48 PM

View on this article on Hurihaa.mv

ޕީއެންސީއާ އަލަށް ގުޅުނު ހަ މެމްބަރުންގެ ޝަރުތެއް އުންޏެއް ނުވޭ: ހަބީބު

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި ކާމިޔާބު ހޯއްދެވި އިންތިހާބީ ބައެއް މެމްބަރުން ޕީއެންސީއާ އާ ގުޅިވަޑައިގެންނެވި ނަމަވެސް ކެންޑިޑޭޓުންގެ ގާނޫނުއަސާސީގައި ބުނާ ޝަރުތު އުނި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ވިދާޅުވެއްޖެ އެވެ.



އަމިއްލަ ގޮތުން މަޖިލިހަށް ކުރިމަތިލައްވައި ކާމިޔާބު ކުރެއްވި ކެންޑިޑޭޓަކު ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގެންފި ނަމަ، މެމްބަރު ކަމުން ވަކިވާނެ ކަމަށް ބައެއް މީހުން ވަނީ ބުނަން ފަށައިފަ އެވެ.

ނަމަވެސް ހަބީބު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބުނާ އެއްވެސް ޝަރުތެއް އެ ހަ ބޭފުޅުންގެ އުނި ނުވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުން ވަކިވާނެ ހާލަތްތައް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާއިރު އެ ހާލަތްތަކަކީ އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވުމާއި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައިވުމާއި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ނުވާ މީހަކު ކަމުގައިވުމާއި ފަނޑިޔާރު ކަމުގައިވުމެވެ.

ގާނޫނުއަސާސީގެ 30 ވަނަ މާއްދާ އާއި 59 ވަނަ މާއްދާ އާއި 63 ވަނަ މާއްދާ އާއި 69 ވަނަ މާއްދާ އަދި 73 ވަން މާއްދާގެ (ބ) އާ ހިލާފަށް އަދި ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ އެއްވެސް ހައްގެއް ގާނޫނަކުން އުނި ނުކުރެވޭނެ ކަމަށް ހަބީބު ވިދާޅުވި އެވެ.

ހަބީބު ވިދާޅުވީ، އެންޓި ޑިފެކްޝަން ގާނޫނުގެ 3 ވަނަ މާއްދާގެ (ބ) ގައި ބުނާ ފަދައިން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު އަދި ނުފެށޭތީ އިންތިހާބުވެވަޑައިގެންފައިވާ ކޮންމެ ބޭފުޅަކު ވެސް އަންނަ މޭ 28 ގެ ކުރިން އެ ބޭފުޅަކު ބޭނުންވާ ޕާޓީއަކާ ގުޅިވަޑައިގަތުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އެ ގާނޫނުގައިވާ ގޮތުން މެންބަރު އިސްތިއުފާ ދޭން ޖެހޭ އެއް ހާލަތަކީ އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ކަމަށް އިލެކްޝަން ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާ ހާލަތެވެ.

އެކަމަކު، އާ މަޖިލިހުގެ ދައުރު ފެށޭނީ އަންނަ މަހުގެ 28 ގައެވެ. އެހެންވެ، އެންޓި ޑިފެކްޝަންގެ ގާނޫނު އޮތަސް ޕާޓީތައް ބަދަލުކުރުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ.

މިދިޔަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީއެންސީން 66 ގޮނޑި ހޯދި އެވެ. އަދި ޕީއެންސީއާ އެކުގައި މަސައްކަތް ކުރާ ތިން ޕާޓީއަކުން ހަތަރު ގޮނޑިއެއް ކާމިޔާބު ކުރި އެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި 11 މެމްބަރަކު އިންތިހާބު ކާމިޔާބު ކުރެއްވިއިރު، އޭގެ ތެރެއިން ހަ މެމްބަރަކު އިއްޔެ ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފަ އެވެ. އެއާ އެކުގައި ޕީއެންސީގެ މެމްބަރުންނާއި އެ ޕާޓީއާ އެކުގައި މަސައްކަތް ކުރާ މެމްބަރުންގެ 76 އަށް އަރަ އެވެ.




More from Hurihaa.mv