މީޑިއާ ވިލެޖް އަޅަން ހުޅުމާލެ އިން ބިމެއް ކަނޑައަޅައިފި

Sat, 04 May 2024 01:39 PM

View on this article on Hurihaa.mv

މީޑިއާ ވިލެޖް އަޅަން ހުޅުމާލެ އިން ބިމެއް ކަނޑައަޅައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް މީޑިއާތަކަށް ހާއްސަކޮށްގެން ހުޅުމާލޭގައި ތަރައްގީ ކުރާ މީޑިއާ ވިލެޖު އަޅާނެ ބިން ހަމަޖައްސައިފި އެވެ.



ޕީއެސްއެމްގެ އަހަރީ ދުވަހާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ނޫސްވެރިންނާއި މީޑިއާތަކުގެ ކުރިއެރުމަށް ހުރި ދަތިތައް އިހުސާސް ކުރެއްވޭ ކަމަށެވެ.

މި ސަރުކާރުން ހާއްސަކޮށް ރައީސް ޑރ. މުއިއްޒު ފެނިގެން ދިޔައީ ފުރަތަމަ ދުވަހުން ފެށިގެން ވެސް ނޫސްވެރިންނާ ވަރަށް ގާތުން މަސައްކަތް ކުރެއްވި ތަން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

"ރައީސް މުއިއްޒު އިންތިގާލީ މަރުޙަލާގެ ތެރޭގައި، ނޫސްވެރިންނާ ބައްދަލުކުރައްވުމަކީ، ފުރަތަމަ ފަހަރަށް ރާއްޖޭގެ ރައީސަކު ނޫސްވެރިންނާ ގާތް ގުޅުމެއް އުފެއްދެވުމަށްޓަކައި މަސައްކަތްޕުޅު ކުރެއްވިތަން ފެނިގެންދިޔަ ކަމެއް. އެ ބައްދަލުކުރެއްވުމުގެ ތެރެއިން ނޫސްވެރިންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައި، އެކަންކަމަށް ހައްލު ހޯއްދުމަށް މަސައްކަތް ފެށުނު." ނައިބު ރައީސް ވިދާޅުވި އެވެ.

މީޑިއާ ވިލެޖެއް ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވީ ބޮޑު އަގުގައި ތަންތަން ކުއްޔަށް ހިފައިގެން އޮފީސް ހިންގަން ޖެހުމުން މީޑިއާތަކަށް މާލީ ގޮތުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމުގެ ކަންބޮޑުވުން މީޑިއާތަކުން ފާހަގަ ކުރުމުންނެވެ.

"ރައީސްގެ ވައުދުފުޅާ އެއްގޮތަށް ހުޅުމާލެއިން މިހާރު ބިމެއް ހަމަޖައްސަވާފައިވަނީ. މީޑިއާތަކުން ބޭނުންވާގޮތަށް އެތަނުގައި މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ފެށިފައިވަނީ.". ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވި ގޮތުގައި ރައީސް ޑރ. މުއިއްޒު ކަނޑައެޅޭ އުސޫލެއްގެ ތެރެއިން ދައުލަތުގެ ބަޖެޓުން ފުރަތަމަ ފަހަރަށް ކޮންމެ މީޑިއާއަކަށް ކޮންމެވެސް މިންވަރެއް ހަމަޖެއްސުމެވެ. އަދި މަޖިލިހުގެ ސުޕާ މެޖޯރިޓީއާ އެކީގައި ފުރަތަމަ ފަހަރަށް ދައުލަތުން މީޑިއާތަކަށް ރައީސް ކަނޑައެޅުއްވި މިންވަރު ފޯރުކޮށްދެވިގެން ދާނެ ކަމުގައި ނައިބު ރައީސް ވިދާޅުވި އެވެ.

މިދިޔަ މަހުގެ 21 ގައި ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީން ސުޕާ މެޖޯރިޓީ ވަނީ ހޯދައިފަ އެވެ.




More from Hurihaa.mv