އަމިއްލަ ގޮތުން ހޮވުނު މެމްބަރެއްގެ ގޮނޑިއަށް މިވާ ގޮތެއް އެނގޭތަ؟

Wed, 24 Apr 2024 07:00 PM

View on this article on Hurihaa.mv

އަމިއްލަ ގޮތުން ހޮވުނު މެމްބަރެއްގެ ގޮނޑިއަށް މިވާ ގޮތެއް އެނގޭތަ؟

ރައްޔިތުންގެ މަޖިިލިހުން ދާދި ފަހުން ފާސްކޮށް، ތަސްދީގުކޮށްފައިވާ އެންޓި ޑިފެކްޝަން ގާނޫނު އޮތް ގޮތުން އަމިއްލަ ގޮތުން ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވި މެމްބަރަކު ޕާޓީއެއްގެ ދަފްތަރުގައި އޮވެއްޖެ ނަމަ، ގޮނޑިއަށް ވާނެ ގޮތަކާ މެދުގައި ސުވާލު އުފެދިއްޖެ އެވެ.



ވިހި ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި 93 ދާއިރާގެ ތެރެއިން 11 ދާއިރާ އަށް އިންތިހާބުވެވަޑައިގެންނެވީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންނެވެ. އޭގެ ތެރެއިން ބައެއް ކެންޑިޑޭޓުންނަކީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އޮތް ބޭފުޅުންނެވެ.

އެންޓި ޑިފެކްޝަން ގާނޫނު އޮތް ގޮތުން ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވެފައިވާ މެމްބަރަކަށް ފަސް ހާލަތަކުން ކުރެ ހާލަތެއް ދިމާވެއްޖެ ނަމަ، އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެކަން ރައްޔިތުންގެ މަޖިލިހަށް އަންގަން ވާނެ އެވެ. އަދި އީސީން އެކަން ރައްޔިތުންގެ މަޖިލިހަށް އަންގާ ދުވަހުން ފެށިގެން އެމީހަކު މަޖިލިހުގެ މެމްބަރުކަމުން އިސްތިއުފާ ދޭން ވާނެ ކަމަށް ބުނެފައިވެ އެވެ.

އޭގެ ތެރެއިން އެއް ހާލަތަކީ އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ކަމަށް އިލެކްޝަން ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާ ހާލަތެވެ. ގާނޫނުގައި ދެން ހުރި ހާލަތްތަކަކީ ސިޔާސީ ޕާޓީއެއްގައި ހުންނަވަނިކޮށް ވަކިވެއްޖެ ނަމަ، ނުވަތަ ވަކިކޮށްފި ނަމަ، އަމަލު ކުރާނެ ހާލަތްތަކެވެ.

އިލެކްޝަން ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވަނީ އަމިއްލަ ގޮތުން އިންތިހާބުވި މެމްބަރުން ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި އޮވެގެން އީސީން މަޖިލިހަށް އެންގުމުން ދެން ވާނެ ގޮތަކާ މެދުގައި ސުވާލު ކުރައްވައިފަ އެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކެންޑިޑޭޓަކު ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ. އިންތިހާބުގައި ވާދަކޮށްގެން އޭނާ ހޮވިއްޖެއެވެ. އޭނާ ސިޔާސީ ޕާޓީއަކަށް ނިސްބަތްވެ އެވެ. އެކަމަކު އޭނާ ހޮވުނީ މިނިވަން އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. އިލެކްޝަންސް ކޮމިޝަނުން އޭނާ ޕާޓީއަކަށް ނިސްބަތްވާކަމުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން ދެންވާނީ ކިހިނެއްތޯ؟" ހަބީބު ސުވާލު ކުރެއްވި އެވެ.

އިންތިހާބުގައި ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ހޮވުނު މެންބަރަކު ނުވަތަ އަމިއްލަ ހައިސިއްޔަތުން އިންތިހާބުގައި ވާދަކޮށްގެން ހޮވުނު މެމްބަރަކު އެ މެންބަރަށް އެނގުމަކާ ނުލައި، އެހެން ޕާޓީއަކަށް އޭނާ ވައްދައިފި ހާލަތުގައި ކަންވާނެ ގޮތާ މެދު ވެސް ހަބީބު ވަނީ ސުވާލު އުފައްދަވައިފަ އެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕާޓީއެއްގެ ޓިކެޓުގައި ވާދަކުރައްވައިގެން ހޮވުނު މެންބަރަކު ނުވަތަ އަމިއްލަ ހައިސިއްޔަތުން އިންތިހާބުގައި ވާދަކޮށްގެން ހޮވުނު މެންބަރަކު އެ މެންބަރަށް އެނގުމަކާ ނުލައި، އެހެން ޕާޓީއަކަށް އޭނާ ވައްދައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން އެ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން ދެންވާނީ ކިހިނެއްތޯ؟" ހަބީބު ސުވާލު ކުރެއްވި އެވެ.

"އިސްވެ މި ދެންނެވުނު ދެ ޙާލަތުންކުރެ ހާލަތެއް މެދުވެރިވާ މެމްބަރެއްގެ ވާހަކަ އެންޓި ޑިފެކްޝަން ގާނޫނުން ނުފެނުނީމާ އަޅުގަނޑުގެ ހިތުގައި ސުވާލު އުފެދެނީ އެވެ."

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހަތަރު ހާލަތުންކުރެ ހާލަތަކަށް ގާނޫނުގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، މަގާމުން ވަކިވާނޭ ހާލަތު އާދޭތޯ ސުވާލު އުފެދޭ ކަމަށް ހަބީބު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުން ވަކިވާނެ ހާލަތްތައް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާއިރު އެ ހާލަތްތަކަކީ އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވުމާއި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައިވުމާއި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ނުވާ މީހަކު ކަމުގައިވުމާއި ފަނޑިޔާރު ކަމުގައިވުމެވެ.

ގާނޫނުއަސާސީގައި ސާފުކޮށް މި ހަތަރު ހާލަތް ބަޔާންކޮށްފައިވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެއްލޭނެ އެހެން ހާލަތްތަކެއް ގާނޫނެއް އުފަންކޮށްގެން ބަޔާން ކުރުމާ ގުޅިގެން އެކަމުގައި ގާނޫނީ ބޭފުޅުން ވެސް ސުވާލު އުފައްދަވަ އެވެ.




More from Hurihaa.mv