ދުބާއީއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވީ "ކްލައުޑް ސީޑިން"ގެ ސަބަބުންތަ؟

Sat, 20 Apr 2024 05:44 AM

View on this article on Hurihaa.mv

ދުބާއީއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވީ "ކްލައުޑް ސީޑިން"ގެ ސަބަބުންތަ؟

ފާއިތުވެ ދިޔަ ހަފްތާގައި ދުނިޔޭގެ މަޝްރަހުން އެންމެ ފާހަގަ ކޮށްލެވުނު އެއް ހަބަރަކީ ދުބާއީއަށް ބޯކޮށް ވާރޭވެހި ފެންބޮޑު ވުމުގެ ސަބަބުން ލިބުނު ގެއްލުންތަކެވެ.



ދުބާއީގެ މަގުތަކުގައި ކަކޫތާ ފެނަށްވުރެ މައްޗަށް ފެން ބޮޑުވެފައި ހުރިއިރު މައި އެއާޕޯޓާއި މުހިއްމު ހައިވޭތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް ފެނުއަޑިއަށް ގޮސްފަ އެވެ. ނަތީޖާއެއްގެ ގޮތުން ދަތުރުފަތުރު ހުއްޓި ގިނަ ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

ދުބާއީގެ މޫސުމަށް އައި ކުއްލި ބަދަލާއެކު ގިނަ ބަޔަކު ބުނަމުން އައީ އެއީ ދުބާއީއިން ބޭނުންވި ގޮތް ކަމަށެވެ. އެ މީހުން އެކަމުގެ ޒިންމާ އެޅުވީ ދުބާއީއިން ބޭނުން ކުރަމުން އައި ޓެކްނޮލޮޖީއެއް ކަމަށްވާ "ކްލައުޑް ސީޑިން" އަށެވެ.

https://www.youtube.com/watch?v=l8hkGH4iPb4

ދުބާއީ ހިމެނޭ އަރަބިންގެ ސަރަހައްދަކީ އަހަރުގެ ބޮޑުބައި ހަނަފަސް ކަމުގައި ހޭދަކުރާ ސަރަހައްދެކެވެ. ވާރޭ ފެންފޮދެއް ނުލިބި އެތައް ދުވަހެއް އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ހޭދަކުރެ އެވެ.

ނަތީޖާއަކަށް ވަނީ އެ ސަރަހައްދުގެ ވައި ތަޣައްޔަރުވެ ދުރު ފެންނަ މިންވަރު ދަށްވުމެވެ. ގަސްގަހާގެހި މަރުވެ ރަށުގެ މަލަމަތީގެ ކުލަ ފަނޑުވުމެވެ.

އެކަމުގެ ހައްލެއްގެ ގޮތުން ދުބާއީއިން ބޭނުންކުރީ "ކްލައުޑް ސީޑިން" ނަމަކަށް ކިޔާ ޓެކްނޮލޮޖީ އެކެވެ. ކްލައުޑް ސީޑިންއަކީ އުޑުގައި ހުރި ވިލާތަކަށް ފެން ވައްދައި ވިއްސާރަ ވިލާ އުފެއްދުމަށް ބޭނުންކުރާ އުކުޅެކެވެ.

ބުނެވޭ ގޮތުގައި މިފަހަރުގެ ވިއްސާރައިގެ ދެ ދުވަސް ކުރިން މިދިޔަ އާދީއްތަ ދުވަހު ދުބާއީއިން ވަނީ ކްލައުޑް ސީޑިންއަށް ބޭނުންކުރާ ހައެއްކަ ފްލައިޓް ދުބާއީގެ ވައިގެ ސަރަހައްދުގައި އުދުއްސާފަ އެވެ.

އެއަށްފަހު ވެހެން ފެށި ބޯ ވާރޭއާއި ކުރިމަތިވި ގަދަ ތޫފާނަކީ "ގުދުރަތުގެ ނިޒާމާ" ކުޅުމުގެ ނަތީޖާ ކަމަށް ބައެއް މީހުން ތުހުމަތު ކުރެ އެވެ.

https://www.youtube.com/watch?v=8GQAXxmiSdk

އެހެން ނަމަވެސް މޫސުމާ ބެހޭ މާހިރުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އެހެނީ ދުބާއީއިން "ކްލައުޑް ސީޑިން" ބޭނުން ކުރަމުން އަންނަތާ 30 އަށްވުރެ ގިނަ އަހަރު ވެދާނެ ކަމަށާއި މިއީ ރެކޯޑު މިންވަރަކަށް ވާރޭ ވެހުނު ފަހަރެއް ކަމަށް އެ ފަރާތްތަކުން ފާހަގަ ކުރެ އެވެ.

ސައިންސްވެރިން އިތުރަށް ބުނާ ގޮތުގައި ދުބާއީއަށް މި ހަފްތާ ތެރޭގައި ކުރި ވިއްސާރައަކީ ދުނިޔެ ހޫނުވުމުގެ ސަބަބުން މޫސުމަށް އަންނަމުން ދާ ބަދަލާއެކު ކުރި ވިއްސާރަ އެކެވެ.

"ކްލައުޑް ސީޑިންގައި ބޭނުންކުރެވޭ އެންމެ އަސާސީ އުސޫލަކީ އެކަމަށް ބޭނުން ކުރެވޭނީ އަލަށް އުފެދޭ ވިލާތައް. ކުރިން ވެސް ވިއްސާރަ ހުރި ވިލާތަކަށް މި އުކުޅު ބޭނުމެއް ނުކުރެވޭނެ" ފާއިތުވި ހަފްތާއިން ފެށިގެން ދުބާއީގެ ސަރަހައްދުގައި ވިއްސާރަ ވިލާ އުފެދެމުން އައިކަން ފާހަގަ ކުރަމުން މާހިރަކު ވިދާޅުވި އެވެ.

އެހެން ކަމުން މި ވިއްސާރައަކީ ގުދުރަތުގެ ނިޒާމަށް ގޮންޖަހައި އަމިއްލައަށް ވާރޭ ވެއްސަން އުޅުމުން ކުރިމަތިވި ތޫފާނެއް ކަމަށް ކުރެވޭ ތުހުމަތުތައް ދުބާއީއިން ދޮގު ކުރެ އެވެ.




More from Hurihaa.mv