ރަސްމީ ލިޔެކިޔުމެއް ނެތް ބިދޭސީން 3 އަހަރުގެ ތެރޭގައި ރާއްޖެ އިން ބޭރުކޮށްލަނީ

Thu, 02 May 2024 02:15 PM

View on this article on Hurihaa.mv

ރަސްމީ ލިޔެކިޔުމެއް ނެތް ބިދޭސީން 3 އަހަރުގެ ތެރޭގައި ރާއްޖެ އިން ބޭރުކޮށްލަނީ

ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންގެ މައުލޫމާތު އެއް ކުރުމަށް ފެށި "ކުރަނގި" އޮޕަރޭޝަންގެ ދަށުން މައުލޫމާތު ކަށަވަރު ނުވާ އަދި ރަސްމީ ލިޔެކިޔުމެއް ނެތް އެއްވެސް މީހަކު ތިން އަހަރު ތެރޭގައި ރާއްޖެއިން ބޭރު ކުރާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.



ހޯމް މިނިސްޓްރީ އާއި ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންމަފުށީގައި "ކުރަނގި" ކެމްޕެއިން ފެށުމަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށެވެ.

ފުރަތަމަ މަސައްކަތެއްގެ ގޮތުން ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގާ ޕްރިންޓާއި ފޮޓޯ އަދި މައުލޫމާތު އެއް އަހަރު ދުވަހުގެ ތެރޭގައި އެއްކުރެވިގެންދާނެ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.

"މިވަގުތު މި އޮޕަރޭޝަނުގެ އެއްވެސް ވިސްނުމެއް ނޫން މީހުން ހިފާ ހައްޔަރުކޮށް ބޭރަށް ފޮނުވާލުމަކީ. މިވަގުތު އޮޕަރޭޝަންގެ ފުލް ފޯކަސްއަކީ މީހުންތައް ދެނެގަނެފަ، ކާކު ހުރި ކޮންތާކުތޯ، ކީއްކުރަނީތޯ އެމީހާ، އެމީހާގެ އައިޑެންޓިޓީއަކީ ކޮބައިތޯ ކަށަވަރުކުރުން،" އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ މި އޮޕަރޭޝަންގައި ފުލުހުންނާއި އިމިގްރޭޝަން ވެސް ބައިވެރިވާނެ ކަމަށާއި އެ މުއައްސަސާތައް ބައިވެރިވެގެން ޓާސްކް ފޯސް ޓީމުތަކެއް އެކުލަވާލާފައިވާނެ ކަމަށެވެ. އެ ޓީމުތަކުން ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށަށް ގޮސް ބިދޭސީންގެ މައުލޫމާތު އެއް ކުރާނެ ކަމުގައި އިހުސާން ވިދާޅުވި އެވެ.

"ފުރަތަމަ އެއް އަހަރު މި ބަލަނީ ބިދޭސީން ކޮންތާކު، ކާކުތާ ހުރީ އަދި އޭނާގެ އައިޑެންޓިޓީ ގާއިމްކުރުން. ޖެހިގެން އަންނަ ދެ އަހަރު މަސައްކަތްކުރާނީ ކަށަވަރުނުވާ، ރަސްމީ ލިޔެކިޔުންތައް ނެތް، ސިސްޓަމް ތެރެއަށް ނުގެނެވޭނެ މީހުން ރާއްޖެއިން ބޭރު ކޮށްލަން. ޖުމްލަ ތިން އަހަރުގެ މަސައްކަތެއް މި ފަށަނީ." އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ދެ ފިޔަވައްސަށް ބަހާލައިގެން ތިން އަހަރަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކެމްޕެއިން ނިމޭއިރު، އަމާޒަކީ ރާއްޖޭގައި މުޅިން ވެސް ތިބޭނީ 100 ޕަސެންޓް ވެރިފައި ކުރެވިފައި ތިބި ބިދޭސީންނަށް ހެދުން ކަމަށެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ވެސް ހާއްސަ މަސައްކަތްތަކެއް ފެށި އެވެ. އެކަމަކު، އެ ސަރުކާރު ނިމުނު އިރު ވެސް އެ މައްސަލައަށް ހައްލެއް ނުހޯދުނެވެ. ސެޕްޓެމްބަރު، 2019 ގައި ފެށި އެ ކެމްޕެއިންގައި 40،000 އަށް ވުރެ ގިނަ ބިދޭސީން ރަޖިސްޓްރީ ކުރި އެވެ.




More from Hurihaa.mv