އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އެއްގަލަކަށް އަރައި، ރާއްޖޭގައި ވެރިކަންކުރާ ނިޒާމު ބަރުލަމާނީ ނިޒާމަށް ފުރޮޅާލަން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް ފާސްކޮށްފި އެވެ.
ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި މި ގަރާރު ބަލައިގަތުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުންނެވެ.
މި ގަރާރު މަޖިލީހަށް ބަލައިގަތުމުން ވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވާފަ އެވެ. އެގޮތަށް ފޮނުވަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 34 މެންބަރުންގެ ވޯޓުންނެވެ.
މިގަރާރު ބަލައިގަނެ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް ފާސްވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މުޅި މަޖިލީހުގެ ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދަވާނީ މާދަމާ ހެނދުނު ކަމަށެވެ.
"އަޅުގަނޑުމެން މިހާ ހިސާބުން މި ޖަލްސާ މެދުކަނޑާލާނަން. ދެން އަޅުގަނޑުމެން ބައްދަލުވާނީ މާދަމާ ހެނދުނު ނުވައެއް ޖަހާއިރު،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.
މި ގަރާރާ ގުޅޭ މުޅި މަޖިލީހުގެ ކޮމިޓީ މަސައްކަތް މާދަމާ ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު މި ގަރާރުގެ މަސައްކަތް ނިމެންދެން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވަގުތު އިތުރުކުރަންވެސް މަޖިލީހުން މިއަދު ފާސްކުރި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ގަރާރުގެ މަސައްކަތް ނިމެންދެން މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ.