ބިލަބޮންގްއިން ފެށިގެން މާފަންނު ސްޓޭޑިއަމްއާ ހަމައަށް އަމީނީމަގުގެ މަސައްކަތް ފަށަނީ

Thu, 08 Jun 2023 09:28 PM

View on this article on Hurihaa.mv

ބިލަބޮންގްއިން ފެށިގެން މާފަންނު ސްޓޭޑިއަމްއާ ހަމައަށް އަމީނީމަގުގެ މަސައްކަތް ފަށަނީ

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫޢުގެ ދަށުން އަންނަ ހޮނިހިރު ދުވަހު ބިލަންބޮންގ ސުކޫލްއިން ފެށިގެން މާފަންނު ސްޓޭޑިއަމާއި ހަމައަށް މަސައްކަތް ފަށާނެކަމަށް ރޯޑް ޑިވަލަޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މޫސާ ޢަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެ އެވެ.

މޫކޭ ވިދާޅުވީ، އަމީނީ މަގުގެ ނުހެދި ބާކީ ހުރި ސެގްމަންޓްތަކުގެ ތެރެއިން ބިލަބޮންގް ސްކޫލުން ފެށިގެން މާފަންނު ސްޓޭޑިއަމާއި ހިސާބަށް ހިމެނޭ ސަރަޙައްދުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ފެށުމަށް އެކުންފުނިން މިހާރު ތައްޔާރުވަމުންދާކަމަށެވެ.

އެގޮތުން އެ ސަރަޙައްދު ބަންދުކޮށް، މަގު ހެދުމަށްޓަކާ ގައުތައް ނަގާ، ސާފުކުރުމުގެ މަސައްކަތް ކުރާނެކަމަށް އޭނާ ވިދާޅުވި އެވެ.

" މި ސަރަޙައްދަކީ ގިނަ އޮފީސްތަކަކާއި ސުކޫލްތަކެއް ހިމެނޭ ސަރަޙައްދެއްކަމުން އެ ތަންތަނަށް ވަދެ ނިކުތުމުގެ ދަތިތަކެއް ކުރިމަތިވެދާނެކަމަށާއި، ހުރިހާ ރައްޔިތުންގެ ކިބައިން މި ކަމުގައި އެއްބާރުލުން ދެއްވުމަށް އެދެން" މޫކޭ ވިދާޅުވި އެވެ.

މީގެ ކުރީގެ ސެގްމަންޓްތަކުގެ މަސައްކަތް ކުރަމުންދިޔައީ ވަރަށް ކުޑަ ސަރަޙައްދެއް ހިމެނޭހެން ކަމަށާއި މަސައްކަތް ނިންމުމަށް ދިގު މުއްދަތެއްނަގާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަންކަމުގެ ތަޖުރިބާގައި މިހާރު ބޮޑު ބައެއްގައި މި މަސައްކަތް ކުރަން ފެށުމުން މަސައްކަތުގެ ދުވެލި އަވަސްވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫޢުގައި 1.79 ކިލޯމީޓަރުގެ މަގުގެ ސަރަޙައްދު ތަރައްޤީކުރުން ހިމެނެ އެވެ. މި މަސައްކަތް ސަރުކާރުން ރޯޑް ޑިވެލޮޕްމަންޓް ކުންފުންޏާ ޙަވާލުކުރީ 84.4 މިލިޔަން ރުފިޔާއަށެވެ. އަމީނީ މަގުގެ މަސަކަތް ކުރިއަށްދާ ސްޕީޑް ލަސްކަމުން ގިނަ ބައެއްގެ ފާޑު ކިޔުންވަނީ އަމާޒުވެފަ އެވެ.



More from Hurihaa.mv