ބޭރުގެ މުފައްކިރުންގެ ނަޒަރު – އިސްލާމް ދީން ސެކިއުލާ ކުރެވިދާނޭތަ؟

Fri, 26 Apr 2024 05:44 AM

View on this article on Hurihaa.mv

ބޭރުގެ މުފައްކިރުންގެ ނަޒަރު – އިސްލާމް ދީން ސެކިއުލާ ކުރެވިދާނޭތަ؟

ޢަލްމާނިއްޔަތަކީ، އިންސާނީ ޙަޔާތުން ދީން ވަކިކުރުމެވެ. އަދި ސިޔާސީ ނިޒާމުން ދީން ވަކިކުރުމެވެ. އަދި ދައުލަތުގެ ހުރިހާ ކަމަކުން ދީން ވަކިކޮށް އެއްފަރާތް ކުރުމެވެ. މިއަށް އިނގިރޭސި ބަހުން ކިޔަނީ، ސެކިއުލަރިޒަމެވެ. މި ފިކުރަކީ އަޅުގަނޑުމެންގެ ތެރޭގައި އަށަގަންނަމުން އަންނަ ފިކުރީ މަޒުހަބުތަކުގެ ތެރެއިން މަޒުހަބެކެވެ. އަޅުގަނޑުމެންގެ ތެރޭގައި އެކަންޏެއް ނޫނެވެ. މި ފިކުރަކީ މިހާރު މުޅި ދުނިޔޭގައި ވެސް ފެތުރެމެންދާ މައިގަނޑު ފިކުރެވެ.



ޚާއްޞަކޮށް އިސްލާމީ ދުނިޔެއަށް މި ފިކުރުގެ ސަބަބުން އޮތް ގެއްލުން ވަރަށް ބޮޑެވެ. އެހެނީ، މުސްލިމުންނަކީ އިލާހީ ޝަރީޢަތެއްގެ ވެރި ބައެކެވެ. މުސްލިމުންގެ ޙަޔާތުގެ ދުސްތޫރަކީ އިލާހީ ވަޙީއެވެ. މާތްﷲގެ ކަލާމްފުޅެވެ. ލޮބުވެތި ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތެވެ. ޙަޔާތުގެ ހުރިހާ މައިދާނެއްގައި އިންސާނާ އުޅޭނެ ޤާނޫނާއި މައިގަނޑު ގަވާއިދުތަކާއި އުސޫލުތައް މި ދީނުގައި ބަޔާންވެފައިވެއެވެ. މުސްލިމަކު މުސްލިމަކަށް ވަނީ އިސްލާމްދީނަކީ އެންމެ ފުރިހަމަ ޝަރީޢަތް ކަމަށް ގަބޫލުކުރުމާއި، މިއީ މާތްﷲ ރުހިވޮޑިގަންނަވައިފައިވާ ހަމައެކަނި ދީން ކަމުގައި ހިތުގެ އަޑިން ގަބޫލު ކުރާނަމައެވެ. މިއީ މުސްލިމަކަށް ވުމަށް ކޮންމެހެން އިޢުތިޤާދު ކުރަންޖެހޭ އިޢުތިޤާދުގެ ބައެކެވެ.

މި ލިޔުމުގައި މި ބަލައިލަނީ، ހުޅަނގުގެ މުފައްކިރުންގެ ތެރެއިން މަޝްހޫރު ދެ ބޭފުޅެއްގެ ވިސނުންފުޅަށެވެ. އެ ބޭފުޅުންގެ ނަޒަރެވެ. އިސްލާމްދީނަކީ ޢަލްމާނީކުރެވިދާނޭ ދީނެއްތޯ ނުވަތަ ނޫންތޯއާ މެދު އެ ބޭފުޅުން ކުރައްވައިފައިވާ ބަހުސަށެވެ.

ބާރނާރޑް ލުވިސް:

އިސްލާމްދީން ސެކިއުލަރ ނުކުރެވޭނެކަމަށް ހުޅަނގުގެ މުފައްކިރުންގެ ތެރެއިން މަޝްހޫރު ބޭފުޅެއްކަމަށްވާ، އިނގިރޭސިވިލާތާއި އެމެރިކާއަށް ނިސްބަތްވެވަޑައިގެންނެވި ބާރނާރޑް ލުވިސް (2018-1916މ) ދެކިވަޑައިގަންނަވައެވެ. ބާރނާރޑް ލުވިސްއަކީ، ތާރީޚު ދިރާސާކުރެއްވި ބޭފުޅެކެވެ. ޚާއްޞަކޮށް، އޮރިއެންޓަލް ސްޓަޑީޒްއަށް އެންމެ މަޝްހޫރު އެއް ބޭފުޅަކީ އޭނާއެވެ. އޭނާއަށް ދެވިފައިވާ ލަޤަބުތަކުގެ ތެރޭގައި "ހުޅަނގުގެ އެންމެ އަރައިހުންނެވި މެދުއިރުމަތީގެ ތަރުޖަމާނު" ގެ ލަޤަބު ދެވިފައިވެއެވެ. އިސްތިޝްރާޤީ މަސައްކަތްތަކުގެ ތެރޭގައި އިސްލާމްދީނާއި ޢަރަބި ޤައުމުތަކުގެ ތާރީޚާ ބެހޭގޮތުން ތަފާތު ލިޔުންތައް ލިޔުއްވާފައިވެއެވެ. ނަމަވެސް މި ދެންނެވި މަސައްކަތާއި ލިޔުންތަކުގައި އިސްތިޝްރާޤީ ކުލަވަރާއި ތަޢައްޞުބު ހުރުމަކީ އެކަށީގެންވާ ކަމެކެވެ.

1996 ގައި ބާރނާރޑް " ޖާނަލް އޮފް ޑިމޮކްރަސީ" އަށް ލިޔުއްވައިފައިވާ "އިސްލާމް އެންޑް ލިބަރަލް ޑިމޮކްރަސީ: އަ ހިސްޓޮރިކަލް އޯވަރވީވް" މަޒުމޫނުގައި ލިޔުއްވައިފައި ވެއެވެ. "އިސްލާމްދީނަކީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ދީނާއި ދައުލަތް އެކުވެފައިވާ ދީނެކެވެ. މުޙައްމަދު(ގެފާނަކީ) ހަމައެކަނި ނަބިއްޔެއް ނޫނެވެ. އެއީ ވެރިއެއް ވެސް މެއެވެ. އެހެންކަމުން، އިސްލާމްދީން ބޮޑަށް ވައްތަރުވެފައިވަނީ އޯލްޑް ޓެސްޓްމަންޓްގައިވާ ޔަހޫދީ ދީނާއެވެ. އެއީ ނާޞާރާދީނާ ވަރަށް ތަފާތު ދީނެއްގެ ގޮތުގައެވެ. އެހެނީ، ނަޞާރާދީން ފާޅުވެ އެތައް ޤަރުނެއް ވަންދެން އޮތީ އެ ދީނުގެ އަހުލުވެރިންނަކީ (ރޯމަން އެމްޕަޔަރުގެ ފަރާތުން) ރަސްމީކޮށް ހައްޔަރުކުރެވި އަނިޔާ ލިބޭ ބައެއްގެ ގޮތުގައެވެ. ހަމަ އެހެންމެ، އެއަށްފަހު ރޯމަން ދައުލަތުގެ ރަސްމީ ދީނަކަށް ނަޞާރާދީން ވިޔެއްކަމަކު، ވެރިކަމުގެ ބާރާއި ދީނާ (ރޫޙާނިއްޔަތާ) އޮތީ ވަރަށް ބޮޑަށް ބައިބައިކުރެވިފައެވެ."

މިތަނުގައި ބާރނާރޑް އެ އިޝާރާތް ކުރައްވާ، އޯލްޑް ޓެސްޓްމަންޓްގައިވާ ޔަހޫދީ ދީނުގެ މުރާދަކީ، ބަނޫ އިސްރާއީލަށް މާތްﷲ ފޮނުއްވި ރަސޫލުބޭކަލުން ލީޑަރުންގެ ގޮތުގައި ހަނގުރާމަ ކުރައްވައި، ދައުލަތް ޤާއިމުކުރައްވައި، ޙުކުމް ކުރައްވައި، މި ހުރިހާ ދާއިރާއެއްގައި ވެސް އުޅުއްވި ވާހަކައެވެ. އޯލްޑް ޓަސްޓްމަންޓްގައި ނަބީބޭކަލުންގެ ވާހަކަތައް އައިސްފައިވަނީ އެފަދަ ގޮތަކަށެވެ. އެބޭކަލުން ތަދުބީރު ކުރައްވަމުން ގެންދެވީ ދީނާއި ދައުލަތެވެ. ނަމަވެސް ކްރިސްޓިއަން ދީން މިއާ މުޅިން ޚިލާފެވެ. އެހެންކަމުން، ބާރނާރޑް އިޝާރާތް އެ ކުރައްވަނީ މާތް ނަބިއްޔާ صلى الله عليه وسلم ވެސް ގެންދެވީ ދީނާއި ދުނިޔޭގެ ކަންކަން ކުރައްވައި ބަލަހައްޓަވައި، ތަދުބީރު ކުރައްވަމުން ކަމަށެވެ. އަދި، އެއީ އިސްލާމްދީނަކީ ވެސް ދީނާއި ދައުލަތުގެ މައްޗަށް އެކުލެވިގެންވާ ދީނެއް ކަމެވެ.

އަދިވެސް ބާރނާރޑް ލިޔުއްވައިފައިވެއެވެ. "އިސްލާމީ ޙަޟާރަތު ވަނީ ތަފާތު ގިނަގުނަ އެކިއެކި ލިޔުންތައް އުފައްދައިފައެވެ. ޢަޤީދާގެ ދާއިރާއިންނާއި، ފަލްސަފާގެ ދާއިރާއިންނާއި، ޤާނޫނީ ދާއިރާއިންނާއި، އަދި މި ނޫން ވެސް ދައުލަތެއްގެ ބާރާއި ވަޒީފާއާއި ހުރިހާ ބައިތަކެއް ހިމެނޭގޮތަށެވެ. ނަމަވެސް ދީނާއި ދައުލަތް ވަކިކުރުމާ ބެހޭގޮތުން އެއްވެސް ވަރަކަށް މުނާޤަޝާ ކުރެވިފައެއް ނުވެއެވެ.

"ސެކިއުލަރ" އަދި "ސެކިއުލަރިޒަމް" ފަދަ ލަފުޒުތައް މިފަހުގެ އިސްލާމީ ލިޔުންތަކުގެ ތެރެއަށް ވަދެފައިވަނީ ބޭރުން އެތެރެ (އިމްޕޯޓް) ކުރެވިފައިވާ މުޅިން އައު ލަފުޒުކެއްގެ ގޮތުގައެވެ. އެހެންކަމުން، އަދިވެސް އިސްލާމްދީނުގައި "ލޭމަން" އާއި "ލެއިޓީ" (އެބަހީ، އާދައިގެ މީހާއާއި ޢަލްމާނީ މީހާ) ފަދަ ބަސްބަހުގެ މާނަ ދޭހަކޮށްދޭނެ ލަފުޒުތަކެއް ނުވެއެވެ. މުސްލިމު ފިޤުހުވެރިންނާއި ޢިލްމުވެރީން އެންމެ ކުރީއްސުރެ ސިޔާސީ ކަންކަމުގައި ދީނާއި ދައުލަތުގެ ކަންކަމާއި، މި ދުނިޔޭގެ ކަންކަމާއި އުޚުރަވީ ކަންކަން ވަކިކުރައްވައިފައި ވެއެވެ. ނަމަވެސް އެއީ ހުޅަނގުގެ މަފްހޫމުތަކުގައިވާ "ރޫޙާނިއްޔަތާއި" "ބާރާއި" "ޢަލްމާނިއްޔަތާ"އި "ކަނަސީ" މިފަދަ މަފްހޫމުތަކާ އެއްގޮތަށް ބައިކުރެވިގެން ވަކިކުރެވިގެން ކޮށްފައިވާ ކަމެއް ނޫނެވެ. ފަހަރެއްގައި ނަޞާރާއިންނަށް ޖެހުނު ފަދަ ބައްޔެއް މުސްލިމުންނަށް ޖެހުނު ދުވަހަކުން، ނަޞާރާއިން ބޭނުންކުރި ފަދަ ފަރުވާއެއް މުސްލިމުން ވެސް ބޭނުންކޮށްފާނެއެވެ. އެއީ ދީނާއި ދައުލަތް ވަކި ކުރުމެވެ."

ބާރނާރޑްގެ އިސްވެދިޔަ ވާހަކަތަކަށް ބަލާއިރު، ވަރަށް ރަނގަޅަށް ދޭހަވެގެންދަނީ، އިސްލާމްދީނުގައި ދީނާއި ދައުލަތަކީ އެކައްޗެއްކަމެވެ. ތަފާތު ކުރެވިފައި ނުވާކަމެވެ. އިސްލާމްދީނުގައި ދައުލަތާއި ދައުލަތުގެ ބާރުތަކާއި ދައުލަތުގެ ދައުރުތައް ކަނޑައަޅާނެ ގޮތާއި އުސޫލުތައް ވެސް ބަޔާންވެފައިވާ ކަމެވެ. އަދި ސިޔާސާ ޝަރްޢިއްޔާގެ ޢިލްމުވެރީންގެ ލިޔުއްވުންތަކުގައި ދީނާއި ދައުލަތުގެ ކަންކަން އެ ބޭފުޅުންނަށް ވަކިކުރައްވަން އެނގިވަޑައިގަންނަވާކަމާއި، ދުނިޔެވީ ކަންކަމާއި އުޚުރަވީ ކަންކަމަކީ ކޮބައިކަން ވެސް އެނގިވަޑައިގަންނަވާކަމާއި، އެ ބޭފުޅުންގެ ލިޔުއްވުންތަކުން އެކަން ފެނިގެންދިޔަ ނަމަވެސް އެއީ ހުޅަނގުން މި ވަކާލާތު ކުރަމުންދާ ހުޅަނގަށާއި ނަޞާރާދީނުގެ އުނގަށް އުފަންވެފައިވާ ސެކިއުލަރިޒަމުގައިވާ ދީނާއި ދައުލަތް ވަކިކުރުމުގެ ފިކުރެއް ނޫންކަމާއި، މުސްލިމުންނަށް އެފަދަ ކަމަކަށް ބޭނުން ޖެހިފައި ނުވާކަން ވަރަށް ރަނގަޅަށް ބަޔާން ކުރައްވައިފައިވެއެވެ. މިއީ ބާނާރޑަށް އިސްލާމްދީނުގެ ނިޒާމު އެނގިވަޑައިގަންނަވާތީއާއި، އޭނާ ކުރައްވައިފައިވާ ދިރާސާގެ ނަތީޖާއިން ބަޔާންކުރައްވައިފައިވާ ވާހަކަތަކެކެވެ.

އާރނެސްޓް ގެލްނާރ (1995-1925މ)

އިސްލާމްދީނަކީ ސެކިއުލަރިޒަމުގެ ތައްގަނޑަށް ފިޓު ނުވާނޭ ދީނެއްކަން ބަޔާން ކުރައްވައިފައިވާ ހުޅަނގުގެ ފުންނާބުއުސް މުފައްކިރުންގެ ތެރޭގައި، އާރނެސްޓް ގެލްނާރ ވެސް ފާހަގަކޮށްލެވެއެވެ. ގެލްނާރއަކީ އިޖުތިމާޢީ ސައިންސުގެ ޢިލްމުވެރިއެކެވެ. އަދި ނަން މަޝްހޫރު ފަލްސަފާވެރިއެއް ވެސް މެއެވެ.

1991 ގައި ގެލްނާރ ލިޔުއްވައިފައިވެއެވެ. "އަހަރެން ގަބޫލުކުރާ ގޮތުން، އިސްލާމީ ދުނިޔޭގައި އެއްވެސް ވަރަކަށް ސެކިއުލަރިޒަމް ހިނގައިފައި ނުވެޔޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އެހެނީ، އިސްލާމްދީނުން އެ ދީނުގެ އަހުލުވެރީންގެ މައްޗަށް ބާރު އޮންނަ ވަރު، މީގެ 100 އަހަރު ކުރީން ވެސް އޮތް ވަރަށް އެބަ އޮތެވެ. އަދި ކިއެއްތަ، ވިއްޔާ މިހާރު އެ ބާރު އިތުރަށް ވަނީ ގަދަވެފައެވެ."

ގެލްނާރގެ މި ބަސްކޮޅުން އަޅުގަނޑުމެންނަށް ޔަގީންވާ އެއްކަމެއް އެބަ އޮތެވެ. އެއީ، ގެލްނާރ ގަބޫލުކުރައްވާ ގޮތުން އިސްލާމްދީނަކީ ސެކިއުލަރ ކުރެވޭނެ ދީނެއް ނޫންކަމެވެ. އަދި މުސްލިމުން ވެސް އެކަން ގަބޫލު ނުކުރާނެ ކަމެވެ. ހަމަ އެހެންމެ، އޭގެ 3 އަހަރު ފަހުން ގެލްނާރ ލިޔުއްވި ލިޔުއްވުމެއްގައި އޭނާ ހަމަ މި ސްޓޭންޑް، ކަށަވަރު ކޮށްދެއްވާފައިވެއެވެ. އެ ލިޔުމުގައި ވިދާޅުވެފައިވަނީ، އިސްލާމްދީނަކީ އެހެން ހުރިހާ ދީންތަކާ ތަފާތު ދީނެއް ކަމަށެވެ. މުޖުތަމަޢުގައި އެހެން ދީންތަކަށް އޮތް ޖާގަ އިންޑަސްޓްރިއަލް ރިވޮލިއުޝަނަށްފަހު ބަލިކަށިވެފައި ވިޔަސް، އިސްލާމީ މުޖުތަމަޢުތަކުގައި އިސްލާމްދީނަށް ދެވިފައިވާ ޖާގައަށް އެއްވެސް ހީނަރުކަމެއް އައިސްފައި ނުވާކަމަށް ވިދާޅުވެފައިވެއެވެ.




More from Hurihaa.mv