އީސީގެ މެމްބަރުންނަށް އިނާޔަތާއެކު ރިޓަޔާކުރެވޭ ގޮތަށް ގެނައި އިސްލާހު އުވާލައިފި

Sun, 05 May 2024 07:20 PM

View on this article on Hurihaa.mv

އީސީގެ މެމްބަރުންނަށް އިނާޔަތާއެކު ރިޓަޔާކުރެވޭ ގޮތަށް ގެނައި އިސްލާހު އުވާލައިފި

ދެ ދައުރު އަދާކޮށްފައިވާ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރުންނަށް އިނާޔަތާ އެކު ރިޓަޔާކުރެވޭ ގޮތަށް އެކޮމިޝަންގެ ގަވައިދަށް ގެނައި އިސްލާހު މިއަދު އުވާލައިފި އެވެ.



އީސީން ބުނީ މުވައްޒަފުންނާއި ކޮމިޝަންގެ މެމްބަރުންނަށް މުސާރަ އާއި އިނާޔަތްތަކާއި އިތުރުގަޑީގެ ފައިސާ ދެވޭ ގޮތަށް ކޮމިޝަންގެ ގަވާއިދަށް މިދިޔަ ފެބްރުއަރީ 28 ގައި ގެނައި ބަދަލު ބާތިލްކޮށްފައިވާކަމަށާއި މިގޮތަށް ބާތިލުކުރީ ފިނޭންސް މިނިސްޓްރީގެ އެންގުމުގެ ދަށުން ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހު އިސްލާހު ކުރި ގަވައިދުގައި ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމުން ވަކިވާއިރު 10 އަހަރު ހިދުމަތް ކޮށްފައިވާނަމަ އިނާޔަތްތަކާ އެކު މަގާމުން ވަކިވުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި މުޅި އުމުރަށް ލިބޭ އިނާޔަތެއް އޮވެ އެވެ. މަގާމުން ވަކިވާއިރު ގަނޑުކޮށް ލިބޭ ފައިސާގެ ނިސްބަތް ކަނޑައަޅާނީ އެވަގުތަކު ލިބޭ މުސާރައާ ހިދުމަތް ކުރި ޖުމްލަ އަހަރު ގުނަކުރުމުން ވާ އަދަދެއް ކަމަށް އިސްލާހުގައި ވެ އެވެ. އަދި ރިޓަޔާކުރުމުގެ ދަރަޖައާ އެކު ވަޒީފާ އިން ވަކިކުރެވޭނީ އުމުރުން 55 އަހަރު ފުރި، އީސީ އަށް މަދުވެގެން 15 އަހަރު ހިދުމަތް ކޮށްފައިވާ ނަމަ އެވެ. ކޮމިޝަންގައި ވަޒީފާ އަދާކުރަމުން ދަނިކޮށް އީސީގެ ކޮމިޝަނަރަކަށް އައްޔަން ކޮށްފި ނަމަ، ރިޓަޔާކުރާއިރު ހިދުމަތުގެ މުއްދަތު ބަލާނީ އެ އަހަރުތައް ވެސް ހިމަނައިގެންނެވެ.

ނަމަވެސް، ކޮމިޝަންގެ މެމްބަރަކު ރިޓަޔާވާއިރު އުމުރުން 55 އަހަރުވާކަށް ނުޖެހޭނެ އެވެ. އެ ކޮމިޝަނަށް 10 އަހަރު ހިދުމަތް ކޮށްފައިވާ ނަމަ މުޅި އުމުރަށް ލިބޭ އިނާޔަތްތަކާ އެކު ރިޓަޔާ ކުރެވޭނެ ކަމަށް ގަވާއިދުގައި ބުންޏެވެ.

އީސީން ފެބްރުއަރީ މަހު މި ބަދަލު ގެނައި އިރު، އެ ކޮމިޝަންގައި އޭރު ތިބި ފަސް މެމްބަރުން ކަމުގަވާ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު، ނައިބު ރައީސް އިސްމާއިލް ހަބީބު، މެމްބަރު މުހައްމަދު އާސިފް އަދި މެމްބަރު އަލީ ނަޝާތު ވެސް އެ ގަވާއިދުގެ ދަށުން ރިޓަޔާކުރެވޭނެ އެވެ.

އީސީގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު، ނައިބު ރައީސް އަލީ ނަޝާތު، މެމްބަރު މުހައްމަދު އާސިފް އަދި މެމްބަރު ހަސަން ޒަކަރިއްޔާ އެވެ.




More from Hurihaa.mv