އެޗްޑީސީއަށް ފައިސާ ނުދައްކާ މީހުންގެ ނަން އާންމުކުރަނީ

Mon, 21 Oct 2024 07:22 PM

View on this article on Hoara Online

އެޗްޑީސީއަށް ފައިސާ ނުދައްކާ މީހުންގެ ނަން އާންމުކުރަނީ
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ހުރި މީހުންގެ ނަންތައް އާންމުކުރަން އެ އިދާރާއިން މިއަދު ނިންމައިފި އެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ވިޔަފާރި އުސޫލުން ދެމުން އަންނަ ހިދުމަތްތަކާއި ދޫކޮށްފައިވާ ތަންތަން އަދި ތަރައްގީ ކުރަމުން އަންނަ ތަންތަނަށް ފައިސާ ދައްކަން ޖެހި، ނުދައްކާ ހުރި ފަރާތްތަކުން އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ފައިސާ ދައްކާ ހަލާސްކުރަން އަންގާ ކަމަށެވެ.



އެގޮތުން، ކޯޕަރޭޝަނުން ވިޔަފާރި އުސޫލުން ދެމުން އަންނަ ހިދުމަތްތަކަށް ދޫކޮށްފައިވާ ތަންތަން އަދި ތަރައްގީ ކުރަމުން އަންނަ ތަންތަނަށް ފައިސާ ދައްކަން ޖެހި ނުދައްކާ ހުރި ފަރާތްތަކުން މިއަދުން ފެށިގެން އަންނަ މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް ފައިސާ ދައްކައި ޚަލާސްކޮށް އެޗްޑީސީއަށް ދައްކަންޖެހޭ ފައިސާއެއް ނޯންނާކަން ޔަގީންކުރުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފަ އެވެ.

އެ މުއްދަތުގެ ތެރޭގައި ފައިސާދެއްކުމަށް އުޒުރުވެރިވާ ފަރާތްތަކަށް އިތުރު ނޯޓިސްއެއް ދީ، އެ ފަރާތްތަކުގެ މައުލޫމާތާއި އެޗްޑީސިއަށް ދައްކަންޖެހޭ ފައިސާގެ ތަފުސީލު އެޗްޑީސީގެ ވެބްސައިޓުގައި ޝާއިއުކުރާނެ ކަމަށް އެ އިއުލާނުގައި ވެއެވެ.

ސަރުކާރު އެހެން އިދާރާތަކުން ވެސް ދަނީ އެ އިދާރާތަކަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މަހުންމަހަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް ބައެއް އިދާރާތަކުން މިހާރު ވެސް ހާމަކުރެ އެވެ.



More from Hoara Online