ރައީސް އޮފީހުގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ ސަރުކާރުގެ "ލޯ އެމިޝަން ޓްރާންސްޕޯޓް ޕްރޮޖެކްޓް" ނުވަތަ ދަތުރުފަތުރު ކުރަމަށް ބޭނުންކުރާ އުޅަނދުފަހަރުން ޖައްވަށް ބޭރުވާ ވިހަ ގޭސްތައް މަދުކުރުމަށްޓަކައި ހިންގާ މަޝްރޫއުތަކުގެ ދަށުން ހުޅުމާލޭގައި ބައިކް ޝެއަރިން ސްކީމެއް ވަރަށް އަވަހަށް ފަށަން ނިންމާފައިވާ ކަމަށެވެ.
އެ ސްކީމް ފެށުމަށްޓަކައި އިލެކްޓްރިކް ޕެޑަލް އެސިސްޓެޑް ނުވަތަ 100 ބެޓަރި ބައިސިކަލް އެޗްޑީސީއާ ހަވާލުކުރަން ތައްޔާރުވަމުން އަންނަ ކަމަށް ތޯރިގް ވިދާޅުވި އެވެ.
"ވަރަށް އަވަހަށް މި ބައިސިކަލްތައް ގެނައުމުގެ ޕްރޮގްރާމްގައި އަޅުގަނޑުމެން އެޗްޑީސީއާ އެކު އެއްބަސްވުމެއްގައި ސޮއިކުރާނަން،" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، މި ބެޓަރީ ބައިސްކަލުތަކަކީ، ސޯލާ ޗާޖިންގވެސް ހެދޭ ގޮތަށް ހުންނަ ބައިސްކަލްތަތަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.އަދި އެކަމާއި ގުޅޭ ސިސްޓަމް ހުޅުމާލޭގައި ގާއިމް ކުރުމަށް ދިރާސާތައް ހަދާ ނިމިފައިވާއިރު، ލަސްތަކެއް ނުވެ އެ ކުންފުންޏާއެކު މި މަސައްކަތްތައް ކުރިއަށް ގެންދާނެ ކަަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
ބައިކް ޝެއަރިން ސްކީމަކީ މިހާރު ވެސް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ކާމިޔާބުކަމާ އެކު ހިންގާ ސްކީމެކެވެ.ރާއްޖެއިން ތެލަށް ބާރޯސާވާ ވަރު ކުޑަކުރުމަށްޓަކައި ކުރިއަށް އޮތް ހަތަރު އަހަރުތެރޭ، ރާއްޖޭގައި އުފައްދާ ހަކަަތައިގެ ނިސްބަތުގެ 33 ޕަސެންޓު އިޔާދަކުރަނިވި ހަކަތައަށް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
އެގޮތުން، އިއާދަކުރަނިވި ހަކަތައިގެ ވިޔަފާރިއަކީ ރާއްޖޭގައި ފައިދާ ބޮޑު ވިޔަފާރިއަކަށް ވާނެ ކަމަށް ވިދާޅުވެ، އެ ދާއިރާއިން ރާއްޖޭގައި އިންވެސްޓުކުރުމަށް ރައީސް ވަނީ ބައިނަލްއަގްވާމީ އިންވެސްޓަރުންނަށް ވެސް ގޮވައިލައްވާފައެވެ.