އިންޓަރ-ޕާލަމެންޓަރީ ޔޫނިއަންގެ މަގާމުތަކަކަށް އަސްމާއާއި ސައުދާ އިންތިހާބުވެއްޖެ

Fri, 18 Oct 2024 12:14 AM

View on this article on Hoara Online

އިންޓަރ-ޕާލަމެންޓަރީ ޔޫނިއަންގެ މަގާމުތަކަކަށް އަސްމާއާއި ސައުދާ އިންތިހާބުވެއްޖެ
އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ މުހިންމު ދެ މަގާމަކަށް ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރަކު އިންތިހާބުވެވަޑައިގެންފި އެވެ.

މިހާރު ޖެނީވާގައި ކުރިއަށްދާ އައި.ޕީ.ޔޫ.ގެ 149 ވަނަ އެސެމްބްލީގައި އިންތިޚާބުކޮށްފައިވަނީ އައި.ޕީ.ޔޫ.ގެ ހައި-ލެވެލް އެޑްވައިޒަރީ ގްރޫޕް އޮން ކައުންޓަރިންގ ޓެރަރިޒަމް އެންޑް ވަޔޮލެންޓް އެކްސްޓްރީމިޒަމްގައި އޭޝިޔާ ޕެސިފިކް ސަރަޙައްދު ތަމްސީލް ކުރުމަށް މާފަންނު މެދުދާއިރާގެ މެންބަރު އަލްފާސިލާ އަސްމާ ރަޝީދު އާއި ޔަންގް ޕާލަމެންޓޭރިއަންސް ފޯރަމްގައި އޭޝިޔާ ޕެސިފިކް ސަރަޙައްދު ތަމްސީލް ކުރުމަށް ނިލަންދޫ ދާއިރާގެ މެންބަރު އަލްފާސިލާ ފާތިމަތު ސައުދާ އެވެ. މި ދެ މަޤާމަކީވެސް އޭޝިޔާ ޕެސިފިކް ސަރަޙައްދުގެ އަންހެން މެންބަރުންނަށް ހުޅުވާލެވުނު ދެ މަގާމެކެވެ. 



ޔަންގް ޕާލަމެންޓޭރިއަންސް ފޯރަމްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޤާނޫނުހަދާ މަޖިލިސްތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ވަކާލާތުކުރުމަށް އައިޕީޔޫ ގައި އުފައްދާފައިވާ ޚާއްޞަ ޕްލެޓްފޯމެކެވެ.

ހައި-ލެވެލް އެޑްވައިޒަރީ ގްރޫޕް އޮން ކައުންޓަރިން ޓެރަރިޒަމް އެންޑް ވަޔޮލެންޓް އެކްސްޓްރީމިޒަމް އަކީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާއި އަނިޔާވެރި ހަރުކަށި ފިކުރު ހުއްޓުވުމަށް ޤާނޫނުހަދާ މަޖިލިސްތަކުން ކުރާ މަސައްކަތްތަކަށް އެހީތެރިވެދީ، އެފަދަ މައްސަލަތަކަށް ހައްލު ހޯދުމަށް ސިޔާސަތުތަކާއި ފިޔަވަޅުތަކާ ބެހޭގޮތުން ޤާނޫނުހަދާ މަޖިލިސްތަކަށް ލަފާދިނުމަށް އައި.ޕީ.ޔޫ. ގައި އުފައްދާފައިވާ ގްރޫޕެކެވެ.

މީގެކުރިންވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ އައިޕީޔޫގެ އެކި މަގާމުތައް އަދާކުރައްވާފަ އެވެ. މަޖިލިސް އައިޕީޔޫގެ މެންބަރަކަށްވީ 2005 ވަނަ އަހަރުގަ އެވެ.



More from Hoara Online