ވީއައިއޭގެ ޓެކްސީވޭ ތަރައްގީކުރުމުގެ މަސައްކަތް ވެސް ބީޔޫސީޖީއަށް

Tue, 15 Oct 2024 09:32 PM

View on this article on Hoara Online

ވީއައިއޭގެ ޓެކްސީވޭ ތަރައްގީކުރުމުގެ މަސައްކަތް ވެސް ބީޔޫސީޖީއަށް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓެކްސީވޭ ތަރައްގީކުރުމުގެ މަސައްކަތް، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އާ ހަވާލުކޮށްފި އެވެ.

އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ މަސައްކަތް ވަނީ ރަސްމީކޮށް އެ ކުންފުންޏާ ހަވާލުކޮށްފަ އެވެ. ޓެކްސީވޭ މަރާމާތު ކުރުމުގެ މަސައްކަތް އަންނަ މަހު ފަށާ އިރު އެ މަސައްކަތް ނިންމާލަން ކަނޑައަޅާފައިވަނީ 2027 ވަނަ އަހަރުގެ މެދުތެރެއަށެވެ.



"ޓެކްސީވޭ ޗާލީ ރީބިލްޑް" ގެ ގޮތުގައި ފެށި އެ ޕްރޮޖެކްޓްގެ ދަށުން ރަންވޭ ޒަމާނީ ފެންވަރަކަށް ހަދާނެ އެވެ. އެ ރަންވޭގައި 3،200 މީޓަރު ހުންނަ އިރު، އެ ރަންވޭ ތަރައްގީ ކުރާނީ ޕެރެލަލް ޓެކްސީވޭއެއްގެ ގޮތުގަ އެވެ.

އެ ޕްރޮޖެކްޓާ ގުޅޭ ގޮތުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ، ކުރީގެ ރަންވޭ، އަދި މިހާރުގެ ޓެކްސީވޭ ހަދާފައިވަނީ 1976 ވަނަ އަހަރު ކަމަށެވެ. އެއީ އެއާޕޯޓުގެ އެންމެ ގިނަ ދުވަސްވީ އިންފްރާސްޓްރަކްޗާ ކަމަށެވެ.

"ބޯޓުތައް މަތީގައި އޮންނަން ޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަކުރެވުނު. އެ ޓެކްސީވޭ އެމަޖެންސީ ރަންވޭއެއްގެ ގޮތުގައި ވެސް ބޭނުން ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ، ކުރީގެ ރަންވޭ ބާވެފައިވާ އިރު، ކުއްލި ހާލަތެއްގައި މިހާރު ބޭނުން ކުރާ ރަންވޭއަށް ކަމެއް ދިމާވެއްޖެ ނަމަ، ބޯޓުތައް ޖައްސާނެ އިތުރު ގޮތެއް ނޯންނާނެ ކަަމަށެވެ. އެކަމުގެ ސަބަބުން މުޅި އިގްތިސާދަށް ވެސް ބޮޑު އަސަރެއް ކުރާނެތީ، ޓެކްސީވޭ އަލުން މަރާމާތު ކުރުމަކީ ވަރަށް މުހިއްމު މަސައްކަތެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މިދިޔަ ސަރުކާރުގައި 2022 ވަނަ އަހަރު އެ ރަންވޭ ވަނީ ޓެކްސީވޭއެއްގެ ގޮތުގައި ބޭނުންކުރަން ފަށައިފައެވެ.

މި ރަސްމިއްޔާތުގައި އިގްތިސާދީ ތަރައްގީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގް ލިޝިންގެ އިތުރުން އެމްއޭސީއެލްގެ އިސް ވެރިން ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.



More from Hoara Online