ބަލިވެއިނުމުން ތެލެސީމިއާ ކުއްޖެއްތޯ ބަލަން ހަދާ ޓެސްޓް ރާއްޖޭގައި ހަދަން ތައްޔާރުވެއްޖެ

Wed, 16 Oct 2024 12:15 PM

View on this article on Hoara Online

ބަލިވެއިނުމުން ތެލެސީމިއާ ކުއްޖެއްތޯ ބަލަން ހަދާ ޓެސްޓް ރާއްޖޭގައި ހަދަން ތައްޔާރުވެއްޖެ
މާބަނޑުއިރު ބަނޑުގައި އޮންނަ ދަރިފުޅުގެ ޑީއެންއޭ ޓެސްޓް ހެދޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ތެލެސީމިއާ ކުދިންނަށް ދެވޭ ހިދުމަތުގެ ފެންވަރު މަތިކޮށް ޒަމާނާ އެއްގޮތަށް ހިދުމަތްތައް ބައްޓަން ކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް އޮތް 10 އަހަރަށް އެކުލަވާލި ތެލެސީމިއާ މާސްޓަރ ޕްލޭން އިފުތިތާހު ކުރުމަށް ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ 10 މަސް ތެރޭގައިވެސް ތެލެސީމިއާ ބަލީގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަަމަށެވެ.



އޭގެ ތެރޭގައި ތެލެސީމިއާ ސްކްރީނިންގގެ މަސައްކަތް އިތުރު ފުޅާކޮށް، މި ބައްޔަށް ހާއްސަކޮށް ސްކޫލް ކުދިން ހޭލުންތެރި ކުރުވުމުގެ މަސައްކަތާއި، ބްލަޑް ބޭންކިންގ އިތުރު ކުރުމުގެ ގޮތުން 4 ސަރަހައްދެއްގައި ބްލްޑް ބޭންކް ގާއިމް ކުރުމާއި، މެދުކެނޑިފައި އޮތް ބޯންމެރޯ ޓްރާންސްޕްލާންޓްގެ މަސައްކަތް އަލުން މި އަހަރު ތެރޭގައި ފެށި ރާއްޖެއިން ބޭރަށް 14 ކުދިން ފޮނުވުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.

އަދި ރާއްޖެއިން ބޭރަށް ގޮސްގެން ނޫނީ ކުރިން ނުހެދޭ، ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ކުރިން ހަދަން ޖެހޭ އެޗްއެލްއޭ ޓައިޕިންގ ޓެސްޓް ރާއްޖޭގައި ތިބެގެން ހެދޭނެ ގޮތް ހަމަޖެއްސުމާއި، ކުދިންނަށް ބޭނުންވާ ލޭ ހޯދުން ފަސޭހަ ކުރުމަށް ލޭ އެޕެއް ތައާރަފްކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން ތެލަސީމިއާ ކޮންޓްރޯލް ކުރުމާބެހޭ މައުލޫމާތު ދެނެގަތުމަށްޓަކައި އިޓަލީ އަދި ސައިޕްރަސްއާ އެކު މަޝްވަރާތަކެއް ކުރައްވާ، އެކަމާބެހޭ އެއްބަސްވުމުގައި ސޮއިކުރުމަށް ތައްޔާރުވެފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ތެލަސީމިއާ ފަންޑް ކޮމިޓީއެއް އެކުލަވާލުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށާއި ނެޝަނަލް ބްލަޑް ފަންޑުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރު ވަނީ ތެލަސީމިއާ ހޮސްޕިޓަލެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ބޭރުގެ ދެ ފަރާތަކާ އެކު ސޮއިވެސް ކުރައްވާފަ އެވެ. 



More from Hoara Online