އިހަވަންދޫގައި އޮތް ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމެވެ. އަދި އިހަވަންދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް އަހުމަދު ޟަބާޚް އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޖީހް ވިދާޅުވީ އިހަވަންދޫގައި ތަރައްޤީކުރާ ޑޮކްޔާޑާއި ސްލިޕްވޭއަކީ އުތުރުގައި ދޭ މެރިޓައިމްގެ ޚިދުމަތްތަކުގެ މުހިންމު ބައެއް ކަމެކެވެ. އަދި އެމްޕީއެލްގެ އަމާޒަކީ ވީހާވެސް އަވަހަކަށް ޑޮކްޔާޑާއި ސްލިޕްވޭގެ އަމަލީ މަސައްކަތް ފެށުން ކަމަށް ވަޖީހު ވިދާޅުވި އެވެ.
"ލަސްތަކެއްނުކޮށް މިކަމުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން،" ސީއީއޯ ވަޖީހް ވިދާޅުވި އެވެ.
އިހަވަންދޫ ކައުންސިލްގެ ރައީސް ސޮބާހް ވިދާޅުވީ، އެ ރަށުގައި ޑޮކްޔާޑާއި ސްލިޕްވޭއެއް ތަރައްގީކުރުމަކީ އެ ރަށަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭ ޕްރޮޖެކްޓެއް ކަމަށެވެ."ވަޒީފާގެ ފުރުސަތުތަކެއް ރަށުގައި އުފެދޭނެ މިކަމުން. އަޅުގަނޑުމެންގެ އުންމީދަކީ ވީހާވެސް އަވަހަކަށް އަމަލީ މަސައްކަތް ފެށުން." ސޮބާހް ވިދާޅުވިއެވެ.
އިހަވަންދޫގައި ޑޮކްޔާޑާއި ސްލޮޕްވޭ ތަރައްގީކުރަނީ އުތުރު މެރިޓައިމް ސާވިސްގެ ދަށުން ހިދުމަތް ފޯރުކޮށްދިނުމަށެވެ. އެމްޕީއެލްއިން ވަނީ ތިލަދުންމަތި އުތުރުބުރީ އުލިގަމުގައި އައިއެސްޕީއެސް ގޭޓް ގާއިމްކޮށްފައެވެ.އަދި އެއަތޮޅު ތުރާކުނުގައި ވޯޓާ ބަންކަރިން ހިދުމަތަށް ބޭނުންވާ ފެން ބާޖް ބޭއްވުމަށް ވަނީ އެ ރަށު ކައުންސިލާއެކު ފަހުނުމާއެއްގައި ސޮއިކޮށްފަ އެވެ.